މި ދައުރުގައި ރައްޔިތުންނަށް އަސާސީ މިނިވަންކަން ހޯދައިދެވިއްޖެ: ރައީސް

ދާންދޫގައި އަލަށް ހިއްކި ބިން ކައުންސިލަށް ހަވާލުކުރުމުގެ ޖަލްސާގައި ރައީސް ޞާލިހު ވާހަކަދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް

ވެރިކަމުގެ މި ދައުރުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަސާސީ މިނިވަންކަން ޔަގީންކޮށްދެވިއްޖެކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ރޭ ވިދާޅުވެއްޖެއެވެ.

ގއ. ދާންދޫ ބިން ހިއްކުން ނިންމައި ކައުންސިލާ ރަސްމީކޮށް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މީގެ ކުރިން މިނިވަންކަމާއެކު އަމިއްލަ ޚިޔާލު ފާޅުކޮށް، އަމިއްލަ ވިސްނުން ހާމަކުރުން ވެސް ވެފައި އޮތީ ބޮޑު ކުށަކަށް ކަމަށެވެ.

ނަމަވެސް މިހާރު އެ ކަން ބަދަލުވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރައްޔިތުން މި ސަރުކާރު ބަލައިގަތްތާ، އިންތިޚާބުކުރިތާ ހަތަރު އަހަރުވެއްޖެ. މީގެ ހަތަރު އަހަރު ކުރިން 2018ވަނަ އަހަރު އަޅުގަނޑަށް ވޯޓު ދިނީ، ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ދިނީ ވަރަށް ގިނަ ކަންކަމުގައި ބަދަލަކަށް އެދިގެން،" އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެ ތެރޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ވެސް ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެއީ އަޅުގަނޑަށް ކަމަށް ވިޔަސް ވަޒީރުންނާ ދިމައަށް ވިޔަސް ބޭނުން ގޮތަކަށް ވާހަކަތައް ލިޔަމުން އެ ގެންދަނީ. ހުރަހެއް ނާޅަން. އަޅުގަނޑުމެން އެ ކަންކަން ބަލައިގަންނަން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ވިޔަފާރިކުރުމުގައި ރާއްޖޭގައި އޮތް ހުރަސްތައް ވެސް ނައްތައިލައި މިނިވަން ވިޔަފާރިއަކަށް ވެސް ފަހި ފުރުސަތުތަކެއް މި ސަރުކާރުގައި ހުޅުވައިދެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"ޔަގީންކަމާއެކު އަޅުގަނޑު މި ދަންނަވަނީ ސިޔާސީ ޚިޔާލު ތަފާތުވުމުގެ ސަބަބުން އެއްވެސް ވިޔަފާރިވެރިއަކަށް ސަރުކާރުން ހުރަހެއް ނާޅާނަން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައިވަނީ މި ސަރުކާރުން އަސާސީ ޚިދުމަތްތައް ގާއިމްކޮށްދިނުމުގައި ހޯދިފައިވާ ކާމިޔާބީތަކަށް ކޮންމެވެސް މިންވަރަކަށް އަލިއަޅުއްވައިލައްވައިފައެވެ.

އެގޮތުން އަތޮޅު ތެރޭގެ ރަށްރަށުގައި ފެށުނީއްސުރެ ވެސް ބޮޑުވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލައަށް މިހާރު ބޮޑު ހައްލެއް ގެނެވިފައިވާކަމަށް ވިދާޅުވިއެވެ. އަދި އެކަމުގައި ފެނަކައިން މުހިންމު ދައުރެއް އަދާކުރަމުން އަންކަމަށް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ސާފު ބޯފެނުގެ ޚިދުމަތް މި ދައުރު ނިމޭއިރު އެއްކޮށް ޔަގީންކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.

"މި ފަސް އަހަރު ނިމޭއިރު ރާއްޖޭގައި އުޅޭ ކޮންމެ މީހަކަށް ކޮންމެ ތަނަކުން ވެސް ސާފު ފޯބެން ލިބޭނެ ގޮތް ހަމަޖައްސައިދޭނަން،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް