މާލެ ސިޓީ ކައުންސިލުން ކަށުނަމާދު ޕޭޖެއް ހުޅުވައިފި، ދެން ކަށުނަމާދު އިއުލާން ކުރާނީ ސިޓީ ކައުންސިލުން!

މާލެ ސިޓީ ކައުންސިލްގެ 81 ވަނަ ރަސްމީ އާއްމު ޖަލްސާގެ ތެރެއިން--- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

މާލެ ސިޓީގައި މަރުވާ އެންމެންގެ ކަށުނަމާދު ރަސްމީ ހައިސިއްޔަތުން ދެން އިއުލާން ކުރާނީ މާލޭ ސިޓީ ކައުންސިލުން ކަމަށް އެ ކައުންސިލުން ބުނެފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ ނަމުގެ ދަށުގައި މުޅިން އައު ކަށުނަމާދު ޕޭޖެއް ފޭސްބުކް ގައި މިހާރު ވަނީ ހުޅުވާފައެވެ. މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް މަރިޔަމް ޝިއުނާ "ސަން" އަށް ވިދާޅުވީ، ކޮންމެ ރަށެއްގައިވެސް އަލަށް އުފަންވާ މީހުންނާއި މަރުވާ މީހުންގެ މައުލޫމާތު ބަލަހައްޓާނީ އެރަށެއްގެ ކައުންސިލުން ކަމަށެވެ. އަދި، ކަށުނަމާދުގެ މައުލޫމާތު ސިޓީ ކައުންސިލުން އިއުލާން ކުރަން ނިންމާފައި މިވަނީ އޮންނަ އުސޫލުގެ ދަށުން އެކަން ކުރުމަށް ކަމަށްވެސް ޝިއުނާ ވިދާޅުވިއެވެ.

ރަސްމީކޮށް ކަށުނަމާދަށް އިއުލާން ކުރަން ޖެހޭނީ އެރަށެއްގެ ކައުންސިލަކުން. އުސޫލުގައި ވެސް އޮތީ އެހެން. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އެކަން ކުރަން އޮންނަ އުސޫލުގެ ދަށުން އެކަން ކުރުމަށް. މަސައްކަތްތައް ކުރެވެމުން މިދަނީ. ދެން މާލެ ސިޓީގައި މަރުވާ އެންމެންގެ ކަށުނަމާދުގެ މައުލޫމާތު ރަސްމީކޮށް އާންމު ކުރާނީ ސިޓީ ކައުންސިލުން. މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް، މަރިޔަމް ޝިއުނާ

މިއަދާ ހަމައަށް ދިވެހިންގެ ކަށުނަމާދުގެ މައުލޫމާތު ހިއްސާކޮށްފައިވަނީ ސޯޝަލް މީޑިއާގައި ހިންގާ ކަށުނަމާދު ޕޭޖުންނެވެ. ފާއިތުވި 15 އަހަރުއްސުރެ ހިންގަމުން އަންނަ މި ޕޭޖު ހުއްޓާލުމަށް ސިޓީ ކައުންސިލުން އަންގާފައިވާ ކަމަށް ޕޭޖު ހިންގުމުގައި އެންމެ އިސްކޮށް އުޅޭ، އަހުމަދު މުނައްވަރު ވަނީ ބުނެފައެވެ.

މާލޭ ސިޓީ ކައުންސިލްގައި ޖަމާއަތްތެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މުނައްވަރު މީގެ ކުރިން ބުނީ، ކަށުނަމާދު ޕޭޖު ހިންގުން ހުއްޓާލަން ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުޖުތަބާ ޖަލީލު އޭނާއަށް އަންގާފައިވާ ކަމަށެވެ.

އަދި، ސިޓީ ކައުންސިލްގެ ޒިންމާއެއް އެ ކައުންސިލްގެ އަމިއްލަ މުވައްޒަފަކަށް އަމިއްލަ ހައިސިއްޔަތަކުން ނުހިންގޭނެ ކަމަށް އަންގައި، އެކަން ވަގުތުން ވަގުތަށް ހުއްޓާލަން އަންގާފައިވާކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ނަމަވެސް ސިޓީ ކައުންސިލުން ބުނީ، ޕޭޖު ހުއްޓާލުމަށް އަންގާފައި ނުވާނެ ކަމަށާއި، އުސޫލުގެ ދަށުން އެކަން ކުރިއަށް ގެންދިއުމަށް އޭނާއާ ވާހަކަދައްކާފައި ވާނެ ކަމަށެވެ.

comment ކޮމެންޓް