ކަށުނަމާދު ޕޭޖަކީ ރަޖިސްޓަރީ ކޮށްގެން ހިންގާ ޕޭޖެއް، ހުއްޓާލުމުގެ ވިސްނުމެއް ނެތް: މުނައްވަރު

ކަށުނަމާދު އިއުލާނު ކުރުމުގެ ޚިދުމަތް ހިލޭ ސާބަހަށް ފޯރުކޮށްދެމުން އަންނަތާ މިހާރު ވަނީ 17 އަހަރު ވެފައި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހިންގެ ކަށުނަމާދުގެ މައުލޫމާތު ހިއްސާ ކުރުމަށް ސޯޝަލް މީޑިއާގައި ހިންގާ ކަށުނަމާދު ޕޭޖަކީ ރަޖިސްޓަރީ ކޮށްގެން ހިންގާ ޕޭޖެއް ކަމަށާއި އެ ޕޭޖު ހިންގުން ހުއްޓާލުމުގެ ވިސްނުމެއް ނެތް ކަމަށް އެ ޕޭޖުން ބުނެފިއެވެ.

އެ ޕޭޖު ހިންގުމުގައި އެންމެ އިސްކޮށް އުޅޭ، އަހުމަދު މުނައްވަރު 'ސަން' އާ ވާހަކަދައްކަމުން ބުނީ މާލޭ ސިޓީ ކައުންސިލުން އެންގި ނަމަވެސް އެ ޕޭޖު ހިންގުން ހުއްޓާނުލާނެ ކަމަށެވެ. އެ ޕޭޖު ހިންގުމުގެ ރަޖިސްޓްރީ ވެސް އޭނާ އާންމު ކޮށްފައިވާއިރު މުނައްވަރު ބުނީ "ފަސްޓް މަދަދު އިންވެސްޓްމެންޓް"ގެ ނަމުގައި 2016 ވަނަ އަހަރު، ކަށުނަމާދު އެމްވީގެ ނަމުގައި އެ ޕޭޖު އިކޮނޮމިކް މިނިސްޓްރީން ރަޖިސްޓާ ކޮށްދީފައިވާ ކަމަށެވެ.

ކަށުނަމާދުގެ މައުލޫމާތު ހިއްސާ ކުރުމަށް ދިވެހިންގެ މެދުގައި މަގުބޫލު، 15 އަހަރުވީ ޕޭޖު ހުއްޓާލަން އަންގާފައިވާ ކަމަށް ފާއިތުވި ހޯމަ ދުވަހު އޭނާ ވަނީ ބުނެފައެވެ.

މާލޭ ސިޓީ ކައުންސިލްގައި ޖަމާއަތްތެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މުނައްވަރު މީގެ ކުރިން ބުނީ، ކަށުނަމާދު ޕޭޖު ހިންގުން ހުއްޓާލަން ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުޖުތަބާ ޖަލީލު އޭނާއަށް އަންގާފައިވާ ކަމަށެވެ.

މުނައްވަރު ބުނީ ސިޓީ ކައުންސިލްގެ ޒިންމާއެއް އެކައުންސިލްގެ އަމިއްލަ މުވައްޒަފަކަށް އަމިއްލަ ހައިސިއްޔަތަކުން ނުހިންގޭނެ ކަމަށް އަންގައި، އެކަން ވަގުތުން ވަގުތަށް ހުއްޓާލަން މުޖުތަބާ އަންގާފައިވާ ކަމަށެވެ.

"[ކައުންސިލްގެ ސެކެޓަރީ ޖެނެރަލް މުޖުތަބާ] އެންގީ އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ތިކަމެއް ނުކުރެވޭނޭ. ސިޓީ ކައުންސިލްގެ މުވައްޒަފެއްގެ ގޮތުގައި ހުރެގެން،" އޭނާ ބުންޏެވެ.

އެކަމަކު، މުޖުތަބާއާ ހަވާލާދީ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެފަދަ އެއްވެސް އެންގުމެއް އެ ކައުންސިލްގެ އެއްވެސް މުވައްޒަފަކަށް އަންގާފައިނުވާނެ ކަމަށެވެ.

ކަށުނަމާދު އިއުލާނު ކުރުމުގެ ޚިދުމަތް ހިލޭ ސާބަހަށް ފޯރުކޮށްދެމުން އަންނަތާ މިހާރު ވަނީ 17 އަހަރު ވެފައެވެ. އެ ޕޭޖު ފޮލޯ ކުރާ މީހުންގެ އަދަދު 70،000އަށް ވުރެ އިތުރެވެ.

comment ކޮމެންޓް