އެމްޕީއެލުން ރައްކާތެރިކަމާ ގުޅޭގޮތުން މުވައްޒަފުން ހޭލުންތެރިކުރަން މި އަހަރުގެ ސޭފްޓީ ވީކް ފަށައިފި

އެމްޕީއެލް ސޭފްޓީ ވީކް 2022 އިފްތިތާހުކުރުން -- ފޮޓޯ/ އެމްޕީއެލް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފުންނަށް މަސައްކަތު މާހައުލުގެ ރައްކާތެރިކަން ކަށަވަރުުކުރާނެ ގޮތާ ގުޅޭގޮތުން ހޭލުންތެރިކުރުވުމަށް "ސޭފްޓީ ވީކް 2022" މިއަދު ފަށައިފިއެވެ.

މި ވީކް އިފްތިތާހުކޮށްދެއްވީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީއެވެ. އެގޮތުން ޝާހިދު ދެއްކެވި ވާހަކައިގައިވަނީ ޕޯޓުގައި ރައްކާތެރި މާހައުލެއް ގާއިމްކުރުމަކީ އެމްޕީއެލްގެ އެންމެ މުހިންމު އަމާޒުކަމަށެވެ.

އަދި ކޮންމެ ދުވަހަކު ވެސް ޕޯޓުގައި ހިންގާ ހަރަކާތްތަކަކީ ނުރައްކާ ބޮޑު މަސައްކަތަކަށްވުމުން، އެ ކަމަށް މުވައްޒަފުން އަހުލުވެރިކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކިލައްވާކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

މިއަދު ހެނދުނު އޮތް އެ ހަފްލާގައި އެ ކުންފުނީގެ ހެލްތު، ސޭފްޓީ އެންޑް އެންވަޔަރަމަންޓް ޕޮލިސީ ސްޓޭޓްމަންޓު ވެސް ވަނީ އިފްތިތާހުކޮށްފައެވެ.

އެ ސްޓޭޓްމަންޓަކީ ރައްކާތެރިކަމުގެ އެންމެ މަތީ މިންގަނޑުތައް ބަޔާންކޮށް، އުސޫލުތައް ތަންފީޒުކުރަން ބާރު އަޅައި، ރައްކާތެރިކަމާއެކު އޮޕަރޭޝަންތައް ކުރިއަށް ގެންދަން އިތުރަށް ބާރު އަޅާނެ އެއްޗެކެވެ.

މީގެ އިތުރުން ޕޯޓުގައި ހަރަކާތްތެރިވާ މަޖޫރީ ގްރޫޕުތަކަށް އެމްޕީއެލްގެ ފަރާތުން ހެލްމެޓުތަކެއް ވެސް ހަދިޔާކުރިއެވެ.

އެމްޕީއެލުން މަޖޫރީންނަށް ހެލްމެޓުތަކެއް ހަދިޔާކުރުން -- ފޮޓޯ: އެމްޕީއެލް

އަދި އެ ކުުންފުނީގެ ސޭފްޓީ ޑިޕާޓުމަންޓުގައި ގިނަ ދުވަހު ވަޒީފާ އަދާކުރި މުވައްޒަފުންނާއި، ޕޯޓުގައި ހިނގި ހާދިސާތަކުގައި ފުރާނައާއި މުދާ ސަލާމަތްކުރުމުގައި އިސް ސަފުގައި ހަރަކާތްތެރިވި މުވައްޒަފުންގެ އަގު ވަޒަންކޮށް ސެޓްފިކެޓު ހަވާލުކޮށްފައި ވެސް ވެއެވެ.

އެމްޕީއެލްގެ މުވައްޒަފުންނަށް ސެޓްފިކެޓް ހަވާލުކުރުން -- ފޮޓޯ: އެމްޕީއެލް

އެމްޕީއެލްގެ ސޭފްޓީ ވީކްގައި ގިނަ ހަރަކާތްތަކެއް ހިންގާނެއެވެ. އަލިފާން ނިއްވަން ދަސްކޮށްދިނުމާއި، ފަސްޓް އެއިޑާއި، ނުރައްކާތެރި ތަކެތި ގެންގުޅޭއިރު ސަމާލުވާންވީ ކަންކަން ވެސް ކިޔައިދޭނެއެވެ.

މީގެ އިތުރުން ޕޯޓު ސާފުކުރަން ޚާއްސަ ދުވަހެއްގެ އިތުރުން، ޕޯޓް އިވެކުއޭޝަން ޑްރިލްއެއް ވެސް ބާއްވަން ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް