ވަޒީފާ ގެއްލުނަސް މުނައްވަރު ހުރީ ކަށުނަމާދު ޕޭޖު ހުއްޓާލާ ގޮތަކަށް ނޫން

މީހެއްގެ ޖަނާޒާ ކުރިއަށްދަނީނ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ދިވެހިންގެ ކަށުނަމާދުގެ މައުލޫމާތު ހިއްސާ ކުރުމަށް އަމިއްލަ ފަރާތަކުން ހިންގާ ކަށުނަމާދު ޕޭޖު ހިންގުން ހުއްޓާލާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް އެ ޕޭޖު ހިންގުމުގައި އެންމެ އިސްކޮށް އުޅޭ، އަހުމަދު މުނައްވަރު ބުނެފިއެވެ.

ކަށުނަމާދުގެ މައުލޫމާތު ހިއްސާ ކުރުމަށް ދިވެހިންގެ މެދުގައި މަގުބޫލު، 15 އަހަރުވީ ޕޭޖު ހުއްޓާލަން އަންގާފައިވާ ކަމަށް އޭނާ މިއަދު ވަނީ ބުނެފައެވެ. މާލޭ ސިޓީ ކައުންސިލްގައި ޖަމާއަތްތެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މުނައްވަރު ބުނީ ކަށުނަމާދު ޕޭޖު ހިންގުން ހުއްޓާލަން ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުޖުތަބާ ޖަލީލު އޭނާއަށް އަންގާފައިވާ ކަމަށެވެ.

މުނައްވަރު މިއަދު "ސަން" އަށް ވިދާޅުވީ ސިޓީ ކައުންސިލްގެ ޒިންމާއެއް އެކައުންސިލްގެ އަމިއްލަ މުވައްޒަފަކަށް އަމިއްލަ ހައިސިއްޔަތަކުން ނުހިންގޭނެ ކަމަށް އަންގައި، އެކަން ވަގުތުން ވަގުތަށް ހުއްޓާލަން މުޖުތަބާ އަންގާފައިވާ ކަމަށެވެ.

"[ކައުންސިލްގެ ސެކެޓަރީ ޖެނެރަލް މުޖުތަބާ] އެންގީ އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ތިކަމެއް ނުކުރެވޭނޭ. ސިޓީ ކައުންސިލްގެ މުވައްޒަފެއްގެ ގޮތުގައި ހުރެގެން،" އޭނާ ބުންޏެވެ.

ކަށުނަމާދު އިއުލާނު ކުރުމުގެ ޚިދުމަތް ހިލޭ ސާބަހަށް ފޯރުކޮށްދެމުން އަންނަތާ މިހާރު ވަނީ 17 އަހަރު ވެފައެވެ. 70،000އަށް ވުރެ ގިނަ މީހުން އެ ޕޭޖު ފޮލޯ ކުރެއެވެ.

"ވަޒީފާއިން ކެނޑިގެން މިކަން ކުރަން ޖެހުނަސް މިކަން ކުރާނަން." މުނައްވަރު

އޭނާ ގަބޫލުކުރާ ގޮތުގައި ކަށުނަމާދު ޕޭޖުގެ ސަބަބުން ވަރަށް ގިނަ ހެޔޮ ބަދަލުތަކެއް ވަނީ އައިސްފައެވެ. މިގޮތުން ކުރިއާ ބަލާއިރު މިހާރު ކަށުނަމާދު ތަކުގައި ބައިވެރިވާ މީހުންގެ އަދަދު ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއެވެ.

އެކަމަކު، މުޖުތަބާއާ ހަވާލާދީ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެފަދަ އެއްވެސް އެންގުމެއް އެ ކައުންސިލްގެ އެއްވެސް މުވައްޒަފަކަށް އަންގާފައިނުވާނެ ކަމަށެވެ.

ކަށު ނަމާދު ޕޭޖުން މީސްމީޑިއާގެ ހުރިހާ ޕްލެޓްފޯމެއްގައި ވެސް ދިވެހީންގެ ކަށުނަމާދު ވަގުތުތަކުގެ މައުލޫމާތު އަންނަނީ ފޯރުކޮށްދެމުންނެވެ.

comment ކޮމެންޓް