ނިޝާމާގެ ގާތިލްކަމަށް ބެލެވޭ ފައިސަލް މަރުވެއްޖެ

އަނބިމީހާ މަރާލިކަމަށް ތުހުމަތު ކުރެވޭ ފައިސަލް-- ފޮޓޯ: ސޯޝަލް މީޑިއާ

ހދ. ނޮޅިވަރަމްގައި އެރަށު ހިތަށްފިނިވާގޭ ނިޝާމާ މުޙައްމަދު، 28، މަރާލި ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އޭނާގެ ފިރިމީހާ، އދ. ފެންފުށި ރޯޒީ ވިލާ، އަބޫބަކުރު ފައިސަލް، ދެންމެ މަރުވެއްޖެއެވެ.

ފުލުހުން ދެންމެ ބުނީ ފައިސަލް މަރުވީ މިއަދު ހެނދުނު 8:28 ގައި ކަމަށެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އޭނާ މަރުވީ އޭނާގެ ސިކުނޑި އެއްކޮށް މަސައްކަތްކުރުން ހުއްޓި ޑޮކްޓަރުން އުންމީދު ކަނޑައިލައިފައިވަނިކޮށެވެ.

ފައިސަލް، އޭނާ ބަންދުކޮށްފައި ހުރި ގޮޮޅީގައި ދަން ޖެހިގެން، ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދިޔައީ މިދިޔަ އަންގާރަ ދުވަހުގައެވެ. އޭނާއަށް ފަރުވާދެމުން އައީ އެ ހޮސްޕިޓަލުގެ އައިސީޔޫގައެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފައިސަލް ދަންޖެހިފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އޭނާ ހުރީ ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

މިމަހުގެ 10 ވަނަ ދުވަހު ނިޝާމާ މަރުވެފައި އޮއްވައި ފެނުނީ އޭނާ ދިރިއުޅެމުންދިޔަ ގޭގެ ކޮޓަރި ތެރެއިންނެވެ.

ނިޝާމާގެ މަރުގެ ތުހުމަތު ފައިސަލްގެ މައްޗަށް ކުރެވޭއިރު، އޭނާ މަސައްކަތް ކުރަނީ، ނޮޅިވަރަމް ފެނަކަ ބްރާންޗްގެ ޓެކްނީޝަނެއްގެ ވަޒީފާގައެވެ.

ނިޝާމާގެ މަރަށް ފަހު އޭނާ ވަނީ ފިލައިގެން ކުޅުދުއްފުއްޓަށް ގޮސްފައެވެ. ނަމަވެސް، އޭނާ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ގޮސް، ފުލުހުންނާ ހަވާލުވީ އަމިއްލައަށެވެ.

ފައިސަލްއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަމަށް އެ ރަށުން "ސަން"އާ ވާހަކަދެއްކި މީހުން ބުނެއެވެ.

އަދި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވޭ ފައިސަލްގެ ފަރާތުން އޭނާގެ ކުޑަ ތިން ކުދިންގެ މަންމަ، ނިޝާމާއަށް މީގެ އަހަރުތަކެއް ކުރިންސުރެއް އަނިޔާ ލިބެމުންދާކަމަށް ނިޝާމާގެ އާއިލާ މެމްބަރަކު "ސަން"އާ ވާހަކަދައްކަމުން ބުނެފައިވެއެވެ.

ނިޝާމާއާއި ފައިސަލް އިނދެގެން އުޅޭތާ އަހަރުތަކެއް ވެފައިވާއިރު އެ ކައިވެންޏަށް ތިން ކުދިން ވަނީ ލިބިފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު ކުއްޖާއަށް ހަތް އަހަރު ފުރިފައިވާއިރު ދެވަނަ ކުއްޖާގެ އުމުރަކީ ހަތަރު އަހަރެއެވެ. އެންމެ ހަގު ކުއްޖާ ބޭބީ ނާސަރީގައި އުޅޭއިރު އެ ކުއްޖާގެ އުމުރަކީ ދެ އަހަރެވެ.

ނިޝާމާގެ ހަށިގަނޑު މިހާރު އޮތީ މާލެ ގެނެސް މޯޗަރީގައެވެ. އޭނާގެ ޕޯސްޓްމޯޓަމް ހަދަން ރާއްޖޭއިން ބޭރަށް ގެންދަން އަންނަނީ ތައްޔާރުވަމުންނެވެ.

comment ކޮމެންޓް