ކުރީގެ ލޯބިވެރިޔާ ބްލެކްމެއިލްކޮށް ރޭޕްކުރި މީހަކު 20 އަހަރަށް ޖަލަށް

ޖޫން 29، 2020: ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ލޯބިވެރިޔާ ބްލެކްމެއިލްކޮށް ރޭޕް ކުރި މީހަކު 20 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

ބްލެކްމެއިލްކޮށް ރޭޕްކުރި ކަމުގެ ކުށުގެ ދައުވާ ސާބިތުވެފައިވަނީ ށ. މިލަންދޫ ބްލޫހައުސް, ޔޫސުފް ޙުސާމްގެ މައްޗަށެވެ.

އެ މައްސަލަ ނިންމި ޤާޟިއްޔާގައިވާ ގޮތުން ހާދިސާ ހިނގާފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ 11:00 ހާއިރެވެ.

އަނިޔާ ލިބުނު މީހާގެ މައުލޫމާތު ސިއްރު ކުރުމަށް އޭނާގެ ނަމާއި ހާދިސާ ހިނގި ތަން ވެސް ކްރިމިނަލް ކޯޓުން ވަނީ ސިއްރު ކޮށްފައެވެ.

ކްރިމިނަލް ކޯޓުން މިއަދު ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ, އެ އަންހެން މީހާ ގެއަކަށް ގެންދިއުމަށްފަހު އޭނާ ބުނާ ކަންތައް ނުކޮށްދޭ ނަމަ ފޮޓޯތައް ފޭސްބުކަށް ލާނެ ކަމަށް ބުނެ މަޖުބޫރުކޮށްގެން އަންހެން މީހާއާ މެދު ޖިންސީ އަމަލު ހިންގާފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް ދައުލަތުން އުފުލީ ރޭޕް ކުރުމުގެ ދައުވާގެ އިތުރުން ބިރުދެއްކުމުގެ ކުށުގެ ދައުވާއެވެ. އެ ދެ ދައުވާއަށް އޭނާ އިންކާރު ކުރި ނަމަވެސް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުން ޔޫސުފް ޙުސާމްގެ މައްޗަށް ދައުވާތައް ސާބިތުވާ ކަމަށް ވަނީ ހުކުމް ކޮށްފައެވެ.

ރޭޕްގެ ކުށް ސާބިތުވުމުން އިއްވާފައިވަނީ 15 އަހަރުގެ ޖަލު ހުކުމެކެވެ. އަދި ބިރު ދެއްކުމުގެ ކުށުން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި އެކުށުގެ އުގޫބާތެއްގެ ގޮތުން އޭނާއަށް އިއްވާފައިވަނީީ ފަސް އަހަރުގެ ޖަލު ހުކުމެކެވެ.

އެނގިފައިވާ ގޮތުގައި ޔޫސުފް ޙުސާމް އެ އެންހެން މީހާ ރޭޕް ކޮށްފައިވަނީ އެ ދެ މީހުންގެ ދެމެދުގައި އޮތް ލޯބީގެ ގުޅުން ނިމުނު ފަހުންނެވެ.

comment ކޮމެންޓް