ރިނބުދޫ އާސާރީ ބޮލިވަޅުން 84،919 ބޮލި!

ހަމައެކަނި އެ ވަޅުން އެކަނިވެސް 84919 ބޮލި ފެނިފައިވާ ކަމަށް ރިނބުދޫ ކައުންސިލުގެ ރައީސް އަޙްމަދު އިގްބާލް އަބްދުލްގައްޔޫމު ވިދާޅުވި--- ފޮޓޯ/ ރިނބުދޫ ކައުންސިލް

އިހު ޒަމާނުގައި ރާއްޖެއިން ފައިސާގެ ގޮތުގައި ބޭނުން ކުރި ބައެއް ތަކެތީގެ ތެރޭގައި ބޮލި ހިމެނޭ ކަމަށް ތާރީޚީ ފަތްފުށްތައް ހެކިދެއެވެ. އެގޮތުން މީލާދީ ސަނަތުން 17ވަނަ ގަރުނުގައި ރާއްޖެއަށް ޒިޔާރާތް ކުރި ފަރަންސޭސި ސައްޔާހެއް ކަމަށްވާ ޕިރާޑު ޑިލަވާލުގެ ލިޔުންތަކަށް ބަލާއިރު ރާއްޖެއިން ކޮންމެ އަހަރަކު 40 ނައު ބޮލި ބޭރު ކުރެއެވެ.

މިދިޔަ ހޯމަ ދުވަހު ދ. ރިނބުދޫ ސިއްހީ މަރުކަޒުގެ އިރުމަތި ފަރާތުން ފެންހޮޅި ވަޅުލުމަށް މަގު ކޮނުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފެނުނު އިހު ޒަމާނުގެ ބޮލިވަޅަކީ ވެސް އެކަމުގެ ހެއްކެކެވެ. އެ ބޮލިތަށް ސާފުކޮށް، އެ ރަށު ކައުންސިލުން ގުނާފައިވާއިރު ހަމައެކަނި އެ ވަޅުން އެކަނިވެސް 84،919 ބޮލި ފެނިފައިވާ ކަމަށް ރިނބުދޫ ކައުންސިލުގެ ރައީސް އަޙްމަދު އިގްބާލް އަބްދުލްގައްޔޫމު ވިދާޅުވިއެވެ.

ރިނބުދޫން ފެނިފައިވަނީ އެވޭލާ ޒަމާނުގައި ދިވެހީން ފައިސާގެ ގޮތުގައި ބޭނުން ކުރި ބާވަތުގެ މަނީކައުރީ --- ފޮޓޯ/ ރިނބުދޫ ކައުންސިލް

'ސަން' އާ ވާހަކަދައްކަވަމުން އިގްބާލް ވިދާޅުވީ އެ ވަޅު އެންމެ ފުރަތަމަ ފެނުމާއެކު ހެރިޓޭޖް މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ. އަދި މިނިސްޓްރީން އެ ބޮލިވަޅުން ފެނުނު ބޮލިތަށް ނަގައި، ކައުންސިލުގެ ބެލުމުގެ ދަށަށް ގެނައުމަށް އަންގާފައިވާ ކަމަށް އިގްބާލް ވިދާޅުވިއެވެ.

އިގްބާލް ވިދާޅުވީ އެ މަސައްކަތުގައި ކައުންސިލް މެމްބަރުންނާއި އިދާރީ މުވައްޒަފުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންގެ އިތުރުން ބައެއް އާންމު ރައްޔިރުން ވެސް ބައިވެރިވެފައިވާ ކަމަށެވެ. އަދި އެކަމުގައި ބައިވެރިވި ހުރިހާ އެންމެނަށް ޝުކުރުއަދާ ކުރާ ކަމަށް އިގްބާލް ވިދާޅުވިއެވެ.

ރިނބުދޫ ރައްޔިތުން ބޮލި ގުނަނީ--- ފޮޓޯ/ ރިނބުދޫ ކައުންސިލް

ރިނބުދޫން ފެނިފައިވަނީ އެވޭލާ ޒަމާނުގައި ދިވެހީން ފައިސާގެ ގޮތުގައި ބޭނުން ކުރި ބާވަތުގެ މަނީކައުރީ (ސިޕްރިއާ މޮނެޓާ) ބޮއްޔެވެ.

ތާރީޚީ ފަށްފުތްތަކުން ދިވެހި ބޮއްޔާ ގުޅޭ ގިނަ މައުލޫމާތުތަކެއް ލިބެން އެބަހުއްޓެވެ. އެގޮތުން މީލާދީ ސަނަތުގެ ކުރިން ވެސް މެދުއިރުމައްޗާއި އެތެރެވަރީގައި އަދި ސީނުކަރައިގައި ވެސް މަނީކައުރީ ގެންގުޅެފައިވާކަން އެނގެއެވެ.

comment ކޮމެންޓް