ދޯންޏެއްގެ ބުރަފަތީގައި ޖެހި ބޮޑެތި ޒަޚަމްތަކެއް ލިބުނު މީހަކަށް ފަރުވާދެނީ

ކަނޑުހުޅުދޫ --- ފައިލް ފޮޓޯ

މަސްވެރިކަން ކުރަން ނުކުމެ އުޅުނު ދޯންޏެއްގެ ބުރަފަތީގައި ޖެހި ބޮޑެތި ޒަޚަމްތަކެއް ލިބުނު މީހަކަށް ފަރުވާދެމުން އެބަދެއެވެ.

މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް އަނިޔާވެފައިވަނީ ގއ. ކަނޑުހުޅުދޫ ގެލެރީ ވިޝަން ނަމަކަށް ކިޔާ ދޯންޏެއްގައި މަސައްކަތްކުރާ 45 އަހަރުން މަތީގެ ފިރިހެނަކަށެވެ.

ކަނޑުހުޅުދޫ ކައުންސިލުގެ ރައީސް ތޯރިގު އަފީފް މިއަދު "ސަން"އަށް ވިދާޅުވީ އެ ހާދިސާ ހިނގާފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށެވެ.

އެ ހާދިސާ ހިނގައިގެން އަނިޔާ ލިބުނު މީހާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ގދ. ގައްދޫ ހޮސްޕިޓަލުގައެވެ. އިތުރު ފަރުވާއަށް މިހާރު ދަނީ އޭނާ ގދ. ތިނަދޫއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ.

އޭނާއަށް އަނިޔާވެފައިވަނީ އެ ދޯނީގެ ބުރަފަތީގައި އޮޅިފައި އޮތް ވަލެއް ރަނގަޅުކުރަން އުޅުމުގެ ތެރޭގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ހާދިސާގައި އަނިޔާވި މީހާއަށް އެކި ވަރުގެ ބޮޑެތި ޒަޚަމްތަކެއް ވަނީ ލިބިފައެވެ.

އެގޮތުން ކޮނޑުހުޅަށާއި ކަށިމަައްޗަށާއި ކަކުލަށް އެކި ވަރުގެ ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ.

ކަނޑުހުޅުދޫ ކައުންސިލުގެ ރައީސް ތޯރިގު އަފީފް ވިދާޅުވި ގޮތުގައި އަނިޔާ ލިބުނު މީހާ އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންނެވެ.

comment ކޮމެންޓް