މާލޭގެ އާންމު ތަންތަނުން ކުނި ނަގަން ވެމްކޯއާއެކު ވެފައިވާ އެއްބަސްވުން މިމަހުގެ 26ވަނަ ދުވަހު ހަމަވުމުން އެ އެއްބަސްވުން އާ ނުކޮށް، މާލޭގެ އާންމު ތަންތަނުން ކުނި ނަގާނީ ސިޓީ ކައުންސިލުންކަމަށް އެ ކައުންސިލުން ނިންމައިފިއެވެ.
މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު "ސަން"އަށް ވިދާޅުވީ ސިޓީ ކައުންސިލުން ކުނި ނަގާނީ މަގުތަކާއި ޕާކުތަކާއި ފަޅުތެރެއާއި އާންމު ސަރަހައްދުތަކުން އެކަނިކަމަށެވެ. އަދި ގޭގެއިން ކުނި ނެގުމުގެ އެއްވެސް ކަމަކަށް ކައުންސިލުން ނުވަންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
"އެއީ ލާމަރުކަޒީ ގާނޫނުގައި ކައުންސިލްގެ ޒިންމާއެެއްކަމަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމެއް [އާންމު ތަންތަން ސާފު ކުރުމަކީ]،" މޭޔަރު ވިދާޅުވިއެވެ.
ސިޓީ ކައުންސިލުން ނަގާ ކުނި ވެސް ހަވާލުކުރާނީ ވެމްކޯއާކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި އެ ކުނި އުކާލާނީ ވެމްކޯގެ ބާޖުގައި އެ ކުންފުނިން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
"ވެމްކޯއަށް ކުލި ދައްކާފަ ހަމަ ކުނި ހަވާލުކުރާނީ،" އޭނާ ވިދާޅުވިއެވެ.
އިތުރަށް މޭޔަރު ވިދާޅުވީ، ސިޓީ ކައުންސިލުން މާލޭގެ އާންމު ތަންތަނުން ކުނި ނަގަންފެށި ނަމަވެސް، ވެމްކޯގައި އުޅޭ ކުނިނަގާ މުވައްޒަފުންގެ ވަޒީފާ ނުގެއްލޭނެކަމަށެވެ. އަދި ކުނިކަހާ މީހުންގެ ތެރެއިން އެއްވެސް މީހެއް ވަޒީފާއިން ކަނޑާލައިފިނަމަ، ސިޓީ ކައުންސިލްގެ ކުނިކެހުމުގެ މަސައްކަތަށް ވަނުމުގެ ފުރުސަތު ދޭނެކަމަށް އޭނާ ވިދާޅުވިއެވެ.
"އެއްވެސް މީހަކު ވަޒީފާ ގެއްލި މަގުމަތިވާކަށް ނުޖެހޭނެ. އަޅުގަނޑުމެންނާ ޖޮއިން ވުމުގެ ފުރުސަތު ލިބޭނެ،" މޭޔަރު ވިދާޅުވިއެވެ.
މާލޭގެ އާންމު ތަންތަނުން ކުނި ނެގުމަށް ވޭސްޓް މެނޭޖްމަންޓު ސެކްޝަނުގެ ނަމުގައި ޚާއްސަ ސެކްޝަނެއް އުފައްދަން ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.
ވެމްކޯއާއެކު މާލޭ ސިޓީކައުންސިލުން ވެފައިވާ އެއްބަސްވުން އާނުކުރާނެކަން ހާމަކުރި ހިސާބުން ވެމްކޯއިން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރިއެވެ.
ސިޓީ ކައުންސިލުން އެގޮތަށް ނިންމީ، ވެމްކޯއަށް މިހާރު ދެމުން އަންނަ 2.5 މިލިއަނަށް ވުރެ ހެޔޮ އަގެެއްގައި އެ މަސައްކަތް ކުރެވޭނެ ކަމަށް ބުނެއެވެ. އެކަމަށް ރައްދުދީ ވެމްކޯއިން މީގެ ކުރިން ބުނެފައި ވަނީ، ސިޓީ ކައުންސިލުން އެގޮތަށް ނިންމާފައި ވަނީ އެފަދަ އޮޕަރޭޝަނަކަށް ކުރަންޖެހޭ ޚަރަދުތައް ނުހިމަނާ ކަމަށެވެ.
މީގެ އިތުރުން، މާލެ އާއި ވިލިމާލެ ސާފުކުރުމުގެ މަސައްކަތުގައި ގެންގުޅުމަށް ސިޓީ ކައުންސިލުން ނިންމާފައިވަނީ 100 މުވައްޒަފުން ކަމަށާއި، އެއީ އެކަށޭނަ އަދަދެއް ކަމަށް ގަބޫލުނުކުރާ ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.
ވެމްކޯގެ ހުރިހާ މުވައްޒަފުންނަކީ ދިވެހިން ކަމާއި، ސިޓީ ކައުންސިލުގެ އެކި މަސައްކަތްތަކުގައި ބިދޭސީން ގިނަކަން ފާހަގަކޮށް، ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކައުންސިލުގެ ނިންމުމާއެކު، ވެމްކޯއިން ކުނިކެހުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ވަޒީފާގެ ކުރިމަގާ މެދު ވެސް ސުވާލުއުފެދިފައިވާ ކަމަށެވެ.
މާލޭގެ އާންމު ސަރަހައްދުތައް ކުނިކަހާ ސާފުކުރުމަށް ވެމްކޯއާ ހަވާލުކޮށްފައިވަނީ 2019ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.