ކައްކާ މަރާލި މައްސަލަ: ވަކީލަކު ހަމަނުޖެހުމުން ޝަރީއަތް ހުއްޓިފައި

ބަންގްލަދޭޝްގެ ވޭޓަރުގެ މަރާ ގުޅިގެން ހައްޔަރުކުރި ޕާކިސްތާނުގެ އާބިދު ---

ހުޅުމާލޭ ޚާންޖީ ރެސްޓޯރެންޓުގެ ވެއިޓަރު މަރާލި މައްސަލާގައި އެ ރެސްޓޯރެންޓްގެ ޕާކިސްތާނުގެ ކައްކާ، މުޙައްމަދު އާބިދުގެ މައްޗަށް އުފުލާފައިވާ ދައުވާ ކުރިއަށް ނުގެންދެވި ހުއްޓިފައި އޮންނަތާ ދެ މަސް ވެއްޖެއެވެ.

އޭނާގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މީގެ ދެ މަސް ކުރިންނެވެ. ދައުލަތުން ހުށަހެޅި ތިން ހެއްކެއްގެ ހެކިބަސް ނެގުމަށް ބޭއްވި އެ އަޑުއެހުން ކެންސަލް ކޮށްފައިވަނީ އާބިދުގެ ވަކީލު ތަނާޒުލް ވުމުންނެވެ.

ވަކީލަކު ހަމަޖެއްސުމަށް ފުރުސަތު ދިނުމަށްފަހު މިއަދު ބޭއްވި އަޑުއެހުމަށް ވެސް އާބިދު ހާޒިރުވެފައިވަނީ ވަކީލަކާ ނުލައެވެ. އާބިދު ބުނީ އޭނާއަށް ވަކީލަކު ހަމަޖެއްސުމުގެ މަސައްކަތް ކުރަނީ ބައްޕަ ކަމަށާއި ފޯނު ކޯލާއި އާއިލީ ބައްދަލުުވުން ލިބުމުގައި ދަތިތަކެއް ހުރުމުން އެކަމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އެންމެ ފުރަތަމަ އައްޔަނުކުރި ވަކީލު ދެވަނަ ފަހަރު އައްޔަނުކުރުމަށް ފައިސާ ދީފައިވާނެ ކަމަށް ވެސް އާބިދު ބުންޏެވެ. ނަމަވެސް މިއަދުގެ އަޑުއެހުމަށް ވަކީލު ހާޒިރުވެފައިނުވާ ކަމަށް އާބިދު ބުންޏެވެ.

އެ މައްސަލައިގައި މިއަދު ވެސް އޮތީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނެގުމެވެ. ނަމަވެސް ޖިނާއީ ބޮޑު މައްސަލައަކަށްވުމުން ގާޒީ ވިދާޅުވީ ވަކީލެއްގެ ހާޒިރުގައި ނޫނީ މައްސަލަ ކުރިއަށް ގެންދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭ ކަމަށެވެ. އެހެންކަމުން އޭނާއަށް ވަނީ ވަކީލަކު އައްޔަނު ކުރުމަށް އިތުރު ފުރުސަތު ދީފައެވެ. އަދި އާއިލީ ބައްދަލުވުމާއި ފޯނު ކޯލު ދިނުމުގައި ފަހި ގޮތްތަކެއް ހަމަޖައްސައިދެއްވުމަށް ދައުލަތަށް ވަނީ އަންގާފައެވެ.

އެ ހާދިސާ ހިނގާފައިވަނީ މި އަހަރުގެ މޭ މަހުގެ 16 ވަނަ ދުވަހު އިރުއޮއްސުނު ވަގުތު ޚާންޖީ ރެސްޓޯރެންޓު ތެރޭގައެވެ. އަނިޔާ ލިބުނު ވެއިޓަރު މަރުވީ ހަމަލާއަށް ފަހު ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާގެ ކަރަށާއި ބޮލަށާއި ފަޔަށް ވަޅިން ހަމަލާދީފައިވެއެވެ.

ވެއިޓަރަށް ހަމަލާ ދިނުމަށް ފަހު އާބިދު ފިލައިގެން އުޅެނިކޮށް ހައްޔަރުކުރީ އެ ރޭ، މެންދަމުން އަލިވެ، 02:30 ހާއިރު، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަތިރިމަތިންނެވެ.

comment ކޮމެންޓް