ކީޕަރު ހޯދި ބޮޑު ޝަރަފާއިއެކު ކްރޮއޭޝިއާ ކުއާޓާ ފައިނަލަށް

ޕެނަލްޓީ ޝޫޓްއައުޓުގައި ހޯދި ކާމިޔާބީ ފާހަގަކޮށް ކްރޮއޭޝިއާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ --ފޮޓޯ/ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕް 2022 ގެ ރައުންޑް އޮފް 16 ގައި، ޕެނަލްޓީ ޖަހައިގެން ޖަޕާނުގެ މައްޗަށް ކުރި ހޯދައިގެން، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ރަނަރަޕް، ކްރޮއޭޝިއާއިން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު، އެ ޓީމުގެ ކީޕަރު ޑޮމިނިކް ލިވަކޮވިޗް ބޮޑު ޝަރަފެއް ހޯދައިފިއެވެ.

ގަތަރުގެ އަލް ޖަނޫބް ސްޓޭޑިއަމުގައި ކުޅުނު މިމެޗުގެ ފުރިހަމަވަގުތުގެ ކުޅުން ހަމަވީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި، ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޖަޕާނުންނެވެ. ފުރަތަމަ ހާފުގެ 45 މިނެޓުގެ ކުޅުން ހަމަވާން ދެ މިނެޓަށްވެފައި ވަނިކޮށް މި ލަނޑު ޖަޕާނަށް ކާމިޔާބު ކޮށްދިނީ ޑައިޒެން މައިޑާ އެވެ. މިއީ މިހާތަނަށް އޭނާ ޖަޕާނުގެ ގައުމީ ޖާޒީގައި ކުޅުނު 11 މެޗުގެ ތެރެއިން ޖެހި ދެވަނަ ލަނޑެވެ.

ލީޑުގައި އޮވެގެން ޖަޕާނުން ފުރަތަމަ ހާފު ނިންމާލިއިރު، ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ކްރޮއޭޝިއާއިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިވާން ޕެރިސިޗް އެވެ.

މިއީ ނޮކްއައުޓް ސްޓޭޖުގެ މެޗެއްކަމުން، ފުރިހަމަވަގުތުގެ ކުޅުން ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން އިތުރު ވަގުތުގެ ދެހާފު ކުޅުނުއިރު، މި ދެ ހާފުގައިވެސް ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބެއް ނުކުރެވުނެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޖެހުނީ ޕެނަލްޓީ ޖަހާށެވެ.

މެޗުން ލިބުނު ނާކާމިޔާބީއާއެކު ޖަޕާނުގެ ކުޅުންތެެރިން މާޔޫސްވެފަ-- ފޮޓޯ/ގެޓީ އިމޭޖަސް

މިއީ މިފަހަރުގެ ވޯލްޑް ކަޕުގައި ފެނިގެންދިޔަ ފުރަތަމަ ޕެނަލްޓީ ޝޫޓްއައުޓެވެ. މި މެޗާއި ހަމައަށް ނޮކްއައުޓް ސްޓޭޖުގައި ހަތަރު މެޗު ކުޅެފައިވާއިރު، 90 މިނެޓުގެ ތެރޭގައި ހުރިހާ މެޗެއްގައިވެސް ނަތީޖާ ނެރެފައިވެއެވެ.

ޕެނަލްޓީ ޝޫޓްއައުޓުގައި ކްރޮއޭޝިއާއިން ކުރި ހޯދީ 1-3 ގެ ނަތީޖާއަކުންނެވެ.

ޖަޕާނުން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ގޯލަށް ވަނުމަށް ހުރަހަކަށްވީ ކްރޮއޭޝިއާގެ ކީޕަރު ލިވަކޮވިޗްއެވެ. އެޓީމުން ޕެނަލްޓީ ކާމިޔާބު ކުރެވުނީ ޓަކުމާ އަސާނޯ އަށެވެ. ކްރޮއޭޝިއާގެ ހަތަރު ޕެނަލްޓީގެ ތެރެއިން، ޕެނަލްޓީ ކާމިޔާބު ނުކުރެވުނީ މާކޯ ލިވާޖާއަށް އެކަންޏެވެ.

ޖަޕާނުގެ ކުޅުންތެރިއަކު ފޮނުވާލި ޕެނަލްޓީއެއް ކްރޮއޭޝިއާގެ ކީޕަރު ލިވަކޮވިޗް ދިފާއުކުރަނީ --ގެޓީ އިމޭޖަސް

ޕެނަލްޓީ ޝޫޓް އައުޓުގައި ޑޮމިނިކް ލިވަކޮވިޗް ޖަޕާނުގެ ތިން ކުޅުންތެރިއަކު ފޮނުވާލި ޕެނަލްޓީ މަތަކުރިއިރު، މިއީ ވޯލްޑް ކަޕުގެ ތާރީޚުގައިވެސް، އެއް މެޗުގެ ޕެނަލްޓީ ޝޫޓްއައުޓުގައި ތިން ޕެނަލްޓީއެއް ކީޕަރަކު މަތަކުރި ތިންވަނަ ފަހަރެވެ.

މީގެކުރިން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި، ޑެންމާކާ ދެކޮޅަށް ކުޅުނު ކްރޮއޭޝިއާ ޓީމުގެ ކީޕަރު ސުބާސިޗް ވެސް ވަނީ ޕެނަލްޓީ ޝޫޓްއައުޓުގައި ތިން ޕެނަލްޓީއެއް މަތަކޮށްފައެވެ. އަދި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ޕޯޗުގަލްއާއި އިންގްލެންޑް ކުޅުނު މެޗެއްގެ ޕެނަލްޓީ ޝޫޓްއައުޓުގައި، ޕޯޗުގަލްގެ ކީޕަރު ރިކާޑޯވެސް ތިން ޕެނަލްޓީއެއް މަތަކޮށްފައިވެއެވެ.

މި މޮޅާއެކު ކްރޮއޭޝިއާއިން ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކުރިއިރު، ކުއާޓާގައި އެޓީމު ކުޅެން ޖެހޭނީ މިރޭ ބްރެޒިލްއާއި ސައުތު ކޮރެއާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

comment ކޮމެންޓް