ރޭ ވޯލްޑްކަޕުން ކެޓުމުން ލެވަންޑޮސްކީ މިއަދު ރާއްޖެއަށް

ރައުންޑް އޮފް 16 ގައި ފްރާންސާއި ދެކޮޅަށް ޕޮލެންޑް ބައްދަލު ކުރި މެޗަށްފަހު ރޮބާޓް ލެވަންޑޮސްކީ --ފޮޓޯ/ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕުގައި ޕޮލެންޑުގެ ގައުމީ ޓީމަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، އެ ޓީމަށް މުބާރާތް ނިމުމުން، ޓީމުގެ ކެޕްޓަން ރޮބާޓް ލެވަންޑޮސްކީ ރާއްޖެ އަތުވެއްޖެއެވެ.

މިއަދުގެ ވަގުތެއްގައި ލެވަންޑޮސްކީ ރާއްޖެ އެތެރެވީ، އެއާޕޯޓުގެ ވީއައިޕީ ޓާމިނަލުން ކަން "ސަން"އަށް ވަނީ ކަށަވަރުވެފައެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި، ލެވަންޑޮސްކީ ރާއްޖެ އައިސް ޗުއްޓީ ހޭދަކުރުމަށް ހަމަޖެހިފައި ވަނީ، މަޝްހޫރު ވެލާ ޕްރައިވެޓް އައިލެންޑް، ލަކްޒޫރީ ރިސޯޓް އެންޑް ސްޕާގައެވެ.

ފުޓުބޯޅައިގެ އެންމެ ހައިބަތު ބޮޑު މުބާރާތް، ފީފާ ވޯލްޑް ކަޕުން ޕޮލެންޑް ކެޓީ، ރައުންޑް އޮފް 16 ގައި ފްރާންސް އަތުން 1-3 އިން ބަލިވުމާ ގުޅިގެންނެވެ. އެ މެޗުގައި ޕޮލެންޑުން ޖެހި ހަމައެކަނި ލަނޑަކީ ރޮބާޓް ލެވަންޑޮސްކީ ޖެހި ލަނޑެކެވެ.

މިއީ އޭރިއާ ތެރެއިން ފްރާންސްގެ ޑަޔޯ އުޕަމެކާނޯގެ އަތުގައި ބޯޅަ ޖެހުމާއި ގުޅިގެން، ވީއޭއާރުގެ އެހީ ހޯދުމަށްފަހު ރެފްރީ ދިން ޕެނަލްޓީއަކުން ލެވަންޑޮސްކީ ކާމިޔާބު ކުރި ލަނޑެކެވެ.

ވޯލްޑް ކަޕުން ރޭ ޕޮލެންޑު ކެޓުމާއި ގުޅިގެން، ލެވަންޑޮސްކީއަށް މިވަނީ ބައިނަލްއަގްވާމީ ބްރޭކުގެ ތެރޭގައި، ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބިފައެވެ.

ސްޕެއިން ފުޓުބޯޅައިގެ ގަދަބާރު، ބާސެލޯނާއަށް ކުޅެމުން އަންނަ ލެވަންޑޮސްކީ ރާއްޖެ އައިސްފައިވާއިރު، އިއްޔެގެ އެކި ވަގުތުތަކުގައި އަދި އިންޓަނޭޝަނަލް ބްރޭކް ފެށުނުފަހުންވެސް ގިނަ ފުޓުބޯޅަ ކުޅުންތެރިންތަކެއް ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައިވެއެވެ.

އެގޮތުން ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖާ ހަމައިން މުބާރާތުން ކެޓި އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒްއާއި، އެ ޓީމާއި ރެއާލް މެޑްރިޑުގެ ޒުވާން މިޑްފީލްޑަރު ފެޑެރިކޯ ވަލްވާޑޭވެސް އިއްޔެ ރާއްޖެ އައިސްފައިވެއެވެ. އަދި ހަމަ ގްރޫޕް ސްޓޭޖާ ހަމައިން މުބާރާތާ ވަކިވާން ޖެހުނު ބެލްޖިއަމް ޓީމުގެ އިތުބާރު ގޯލްކީޕަރު ތިބައު ކޯޓުއާވެސް ވަނީ ރާއްޖެ އައިސްފައެވެ.

މީގެއިތުރުން ވޯލްޑް ކަޕުގައި ނުކުޅޭ ގައުމުތަކަށް ނިސްބަތްވާ މަޝްހޫރު ބައެއް ކުޅުންތެރިންވެސް، ފާއިތުވީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖެ އައިސްފައިވެއެވެ.

އޭގެތެރޭގައި އަލްޖީރިއާއާއި މެންޗަސްޓާ ސިޓީގެ ރިޔާދް މަހްރޭޒްއާއި އިޓަލީއާއި ޕީއެސްޖީގެ ޒުވާން ކީޕަރު ޖިއާންލުއިޖީ ޑޮނަރޫމާވެސް ވަނީ ރާއްޖެ އައިސްފައެވެ.

ގުދުރަތީ ރީތިކަމުގެ ސަބަބުން މުޅި ދުނިޔެއަށް މަޝްހޫރު ވެފައިވ ރާއްޖެއަށް، ފުޓުބޯޅަ ތަރިންގެ އިތުރުން، އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ "ސެލެބްރިޓީ"އިންވެސް ވަރަށް ގިނައިން ރާއްޖެ އާދެއެވެ.

comment ކޮމެންޓް