ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމަށް ދިރާގުން ގުރައިދޫގައި ޚާއްސަ ހަރަކާތްތަކެއް ބާއްވައިފި

ދިރާގައި ބީވީއައިއެސްއެމް އަދި އެމްޑީއޭ ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން -- ފޮޓޯ/ ދިރާގު

ކޮންމެ އަހަރެއްގެ ޑިސެމްބަރު ތިނެއްގައި ފާހަގަކުރާ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި ދިރާގުން އއ. އުކުޅަހާއި ކ. ގުރައިދޫގައި ޚާއްސަ ހަރަކާތްތަކެއް ބާއްވައިފިއެވެ.

ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ ދަށުން މުޖުތަމައު ބާރުވެރިކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، އެ ހަރަކާތްތައް ބޭއްވީ ބްލައިންޑް އެންޑް ވިޝުއަލް އިމްޕެއާޑް ސޮސައިޓީ އޮފް ދަ މޯލްޑިވްސް (ބީވީއައިއެސްއެމް) އާއި މޯލްޑިވްސް ޑެފް އެސޯސިއޭޝަން (އެމްޑީއޭ)އާ ގުޅިގެންނެވެ.

އުކުޅަހުގައި ބީވީއައިއެސްއެމްއިން ހަރަކާތްތައް ހިންގާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެރަށުގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި، ރައްޔިތުންނަށާއި ރަށުގެ އިސްވެރިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ވޯކްޝޮޕަކާއި ކުޑަކުދިންގެ ހަވީރެއް ހިމެނެއެވެ.

ގުރައިދޫގައި ޑެފް އެސޯސިއޭޝަނުން ކުރިއަށް ގެންގޮސްފައިވަނީ އެ ރަށުގައި ހުންނަ ހޯމް ފޯ ޕީޕަލް ވިތް ސްޕެޝަލް ނީޑްސް (އެޗްޕީއެސްއެން)ގެ ބައިވެރިވުމާއެކުގައެވެ. އެގޮތުން އެޗްއެސްޕީއެންގެ އިތުރުން ގުރައިދޫ ކައުންސިލާއި ސިއްހީ މަރުކަޒުގެ މުވައްޒަފުންނަށް ހޭލުންތެރިކުރުވުމުގެ ވޯކްޝޮޕްތައް ވަނީ ހިންގާފައެވެ. އަދި ޚާއްސަ ކޮމިއުނިޓީ ފެސްޓިވަލެއް ވެސް ވަނީ ބާއްވައިފައެވެ.

މި ހަރަކާތްތަކުގެ މަގުސަދަކީ ނުކުޅެދިންތެރިކަން ހުންނަ މީހުންނަށް މުޖުތަމައުގައި އެކި ފުރުސަތުތައް ފަހިކޮށްދީ އެކި ހަރަކާތްތަކުގައި އެފަރާތްތައް ޝާމިލުވުމަށް މަގުފަހިކޮށްދިނުން ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން ކުޑަކުދިންނާއި ޒުވާނުން ބާރުވެރިކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއެވެ. އަދި އެކި އެންޖީއޯތަކާ ގުޅިގެން ތަފާތު ޕްރޮގްރާމްތަކަށް ދިރާގުގެ ސީއެސްއާރުން އެއްބާރުލުންދެއެވެ.

comment ކޮމެންޓް