ބައިނަލްއަގްވާމީ ނިޒާމު އައުގޮތަކަށް ބައްޓަންކުރެވޭނެ ހަމައެކަނި ގައުމަކީ ޗައިނާ، ނަމަވެސް ޗައިނާއަށް އެފުރުސަތު ނުދޭނަން: އެމެރިކާ

އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން

ވޮޝިންޓަން (4 ޑިސެންބަރު 2022): ބައިނަލްއަގްވާމީ ނިޒާމު މިހާރު އޮތް ގޮތުގެ ބަދަލުގައި އައު ގޮތަކަށް ބައްޓަން ކުރުމުގެ ބާރާއި ކެރިފޯރުމާއި ގާބިލްކަމާއި އެކަން ކުރާނެ ހިތްވަރާއި ފަންވަރު ހުރި ހަމައެކަނި ގައުމަކީ ޗައިނާ ކަމަށާއި ނަމަވެސް ޗައިނާގެ ވިސްނުމާ އެއްގޮތަށް ބައިނަލްއަގްވާމީ ނިޒާމު ރީޝޭޕް ކުރުމުގެ ފުރުސަތު ނުދޭނެކަމަށް އެމެރިކާ ބުނެފިއެވެ.

އެމެރިކާގެ ތިންކްޓޭންކް މަރުކަޒެއްކަމަށްވާ "ރޮނަލްޑް ރޭގަން ނެޝަނަލް ޑިފެންސް ފޯރަމް"ގައި ދުނިޔޭގެ ޖިއޮޕޮލިޓިކްސްއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ވިދާޅުވީ އެމެރިކާގެ އިގްތިސާދީ ނިޒާމާއި އެމެރިކާގެ ޑިމޮކްރަސީއާއި އެމެރިކާގެ ލެބެރަލް ފިކުރުގެ މައްޗަށް ބިނާނުވާ ބައްޓަމަކަށް ދުނިޔެ އަލުން ރީޝޭޕް ވުމުގެ ފުރުސަތު އެމެރިކާ ނުދޭނެކަމުގައެވެ. މިކަމަށްޓަކައި އެމެރިކާ ހަމައެކަނި ޖެހިލުންވާ ގައުމަކީ ޗައިނާކަމަށް އޮސްޓިން ވިދާޅުވިއެވެ.

ދީނީ އަދި ސަގާފީ އިންތަކުން ބޭރުގައި އެމެރިކާގެ އާއި ޔޫރަޕުން ގެންގުޅޭ ލެބެރަލް ފިކުރަކީ (ވެސްޓަން ވޭ އޮފް ލައިފްއަކީ) އިންސާނިއްޔަތަށް އެންމެ ރަނގަޅު އަދި އިންސާނީ ހައްގުތަކާއި ފަރުދީ މިނިވަންކަން އެންމެ ބޮޑަށް ހިމާޔަތްކޮށްދޭ ނިޒާމުކަމަށާއި ދުނިޔޭގައި އޮންނަން ޖެހޭނީ އެނިޒާމު ކަމަށް އޮސްޓިން ވިދާޅުވިއެވެ.

އެ ނިޒާމާ ދެކޮޅު ގޮތަކަށް ދުނިޔެ ބައްޓަންކުރުމާ ދެކޮޅަށް އެމެރިކާއަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރާނެކަމަށާއި މިހާރު ދުނިޔޭގައި އޮތް ނިޒާމު ދެމެހެއްޓުމަށްޓަކައި ޗައިނާއާ އެންމެ ގާތުގައިވާ އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑުގެ ސަރަަހައްދުތަކުގައި އަސްކަރީގޮތުން މިހާރަށްވުރެ އިތުރަށް ބާރުގަދަކުރަން އެމެރިކާ ގެންދަނީ މަސައްކަތް ކުރަމުންކަން އޮސްޓިން ފާހަގަ ކުރެއްވިއެވެ.

ޗައިނާގެ ފިކުރަކީ ފަރުދީ މިނިވަންކަމާއި ޑިމޮކްރަސީއާ އިދިކޮޅު ޚުދު މުޚްތާރު ފިކުރެއްކަން ބަޔާން ކުރައްވަމުން ޗައިނާގެ ފިކުރާ އެއްގޮތަށް ދުނިޔެ ބައްޓަންވިޔަ ނުދިނުމަށް މަސައްކަތްކުރުމަކީ އެމެރިކާގެ ސްޓްރެޓީޖިކް ސިޔާސަތުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއްބައިކަމަށްވެސް އޮސްޓިން ވިދާޅުވިއެވެ.

އެއްޖިންސުން ގުޅުން ހިނގުން ޕްރޮމޯޓް ކުރުމާއި އެއްވެސް ދީނެއް ގަބޫލުނުކުރުމުގެ އިލްހާދީ ފިކުރު ނުވަތަ އެތިޒަމްއާއި ދީނީ އަދި ސަގާފީ އިންތަކުން މިނިވަން ވެފައިވުމަކީ އެމެރިކާ ދުނިޔޭގައި ފަތުރަން މަސައްކަތްކުރާ ލެބަރަލް ފިކުރާއި ސަގާފަތެވެ.

އޮސްޓިން ވިދާޅުވިގޮތުގައި އިތުރުވަމުންދާ ޗައިނާގެ އިގްތިސާދީ ބާރާއި އަސްކަރީ ބާރާއި ޓެކްނޮލޮޖީއާއި ސިނާއީ ބާރުގެ ސަބަބުން ބައިނަލްއަގްވާމީ ނިޒާމު މިހާރު އޮތް ގޮތް ބަދަލުކޮށް ދުނިޔެ އައު ގޮތަކަށް ބައްޓަން ކުރުމުގެ ގާބިލްކަން ޗައިނާގެ ކިބައިގައި ދަނީ އިތުރުވަމުންނެވެ. ޗައިނާ ފިޔަވައި މި ގާބިލްކަމާއި ޕޮޓެންޝިއަލް ހޯދޭނެ އެހެން ގައުމެއް ކައިރި މުސްތަގްބަލެއްގައި ފެންނަން ނެތްކަމަށްވެސް އޮސްޓިން ވިދާޅުވިއެވެ.

ޗައިނާއަކީ ދުނިޔެ ބަދަލުކޮށްލެވޭވަރުގެ ސޮފްޓް ބާރާއި އަސްކަރީ އަދި އިގްތިސާދީ ބާރު ހުރި ގައުމަކަށްވެފައި ޗައިނާގެ މި ގާބިލްކަން ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިޔުމަކީ އެމެރިކާއާއި ޔޫރަޕަށް ބިރާއި ސިހުމާއި ކަންބޮޑުވުން ގެނަސްދޭކަމެއްކަން އޮސްޓިން ފާހަގަ ކުރެއްވިއެވެ.

އޮސްޓިން ވިދާޅުވިގޮތުގައި މިހާރު ދުނިޔެއަށް ޑޮމިނޭޓްކޮށްފައިވާ ލެބެރަލް ފިކުރު ދެމެހެއްޓުމަށްޓަކައި އެމެރިކާގެންދަނީ އަސްކަރީ ބާރުވެސް ވަރަށް ބޮޑަށް ވަރުގަދަކުރަމުންނެވެ. ދާދިފަހުން އެމެރިކާ ދުނިޔެއަށް ދައްކާލި ސްޓެލްތް ބޮންބާ އަސްކަރީ ޖެޓަކީވެސް އެމެރިކާގެ އަސްކަރީ ބާރު ދެމެހެއްޓުމުގެ ފިޔަވަޅެއްކަމަށް އޮސްޓިން ސިފަކުރެއްވިއެވެ.

comment ކޮމެންޓް