ކުރިއަށް އޮތް ދެ އަހަރު ތެރޭ މުޅި ރާއްޖެއަށް ސްޕީޑު ފެރީ ޚިދުމަތް ލިބޭނެ: އާޒިމް

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ސަން އަށް އިންޓަވިއު ދެއްވަނީ -- ސަން ފައިލް ފޮޓޯ/ މުހައްމަދު ހައްޔާން

މުޅި ރާއްޖޭގައި ސްޕީޑު ފެރީގެ ޚިދުމަތް ދޭން ބޭނުންވާ ވަސީލަތްތައް ގާއިމްކޮށް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭ އެ ޚިދުމަތް ދެވޭނެކަމުގެ ޔަގީންކަން އެބަ އޮތްކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ދަތުރުފަތުރުކުރުމުގައި ފަސޭހަ ގޮތްތަކެއް ލިބުމަކީ ރައްޔިތުން އެދިއެދި ތިބި ކަމެއްކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެން މި ބަލަނީ ރައީސް ބޭނުންވާ ގޮތަކަށް އެންމެ އަވަހަށް އެކަން ކުރެވޭތޯ. އެހެންވީމާ އަޅުގަނޑަށް އެބަ ޔަގީންކުރެވޭ ގާތްގަނޑަކަށް ކުރިއަށް އޮތް 24 މަސް ތެރޭ މުޅި ރާއްޖެ އެއްކޮށް ކަވަރު ކުރެވޭނެކަމަށް،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ވިސްނުންފުޅަކީ ވިހާ ވެސް އަވަހަކަށް ރާއްޖޭގައި ސްޕީޑު ފެރީގެ ޚިދުމަތް ގާއިމްކުރުން ކަމަށެވެ.

"އެގޮތުގެ މަތީން އެމްޓީސީސީއަށް މިހާރު މިވަނީ މުޅި ރާއްޖޭގައި ސްޕީޑު ފެރީގެ ނިޒާމު ބޭއްވުމަށް ޓަކައި ކޮންޓްރެކްޓު ހަވާލުކޮށްފައި. އެހެންވީމާ އެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މި އަންނަނީ،" އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަކީ އަގު ބޮޑު ކަމެއްކަމަށެވެ. އަދި އާންމު ރައްޔިތެއްގެ އަތުން އެކަމަށް ބޮޑު ހޭދައެއް ކުރަން ޖެހޭއިރު ދަތިތަކާއި އުނދަގޫތަކާ ވެސް ކުރިމަތިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)އަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވައުދެކެވެ.

މިއީ ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅުވައިލައިދޭނެ މަޝްރޫއެއްކަމަށް އެމްޓީސީސީން ބުނެއެވެ.

މަޝްރޫގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިހާރުވަނީ ބޮޑު ތިލަދުންމަތި ޒޯން އެކެއްގެ އަތޮޅުތައް ކަމަށްވާ ހއ، ހދ، އަދި ށ. އަތޮޅުގެ ރަށްތަކަށް ޚިދުމަތް ފަށައިފައެވެ.

comment ކޮމެންޓް