މާލެ އާއި ކުޑަގިރިއާ ދެމެދު ފެރީ ދަތުރުކޮށްދޭނެ ފަރާތެއް ހޯދަނީ

މާލޭ ސަރަހައްދުގައި ތަރައްގީ ކުރަމުންދާ ޕިކްނިން އައިލެންޑް --- ފޮޓޯ/ ސްޓެލްކޯ

މާލޭގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިޔުމަށް ކ. ކުޑަގިރި ފަޅުގައި ތަރައްގީކުރަމުންދާ ޕިކްނިކް އައިލެންޑަށް ފެރީ ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދަން, ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ރޭ އިއުލާނުކޮށްފިއެވެ.

މާލެ އާއި ކުޑަގިރިއާ ދެމެދު ކޮންމެ ދުވަހަކު ފެރީ ދަތުރުތައް ކުރުމަށް އެޗްޑީސީން ހޯދަނީ ހަތަރު ފެރީ ދޯންޏެވެ. އެއީ 50 އާއި 70އާ ދެމެދުގެ މީހުންގެ ޖާގައިގެ ދެ ފެރީގެ އިތުރުން 80 އާއި 100އާ ދެމެދުގެ މީހުންގެ ޖާގައިގެ ދެ ފެރީއެވެ.

މާލޭ އާއި ކުޑަގިރިއާ ދެމެދު ފެރީ ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެޗްޑީސީން ރޭ އިއުލާނު ކޮށްފައިވާއިރު ފެރީ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ ގަޑިތައް ވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

އެ މައުލޫމާތުގައިވާ ގޮތުން މާލެ އިން ކުޑަގިރިއަށް ފެރީ ދަތުރުތައް ބާއްވަނީ ހެނދުނު 06:30 އާއި 06:50 އާއި 07:10ގައެވެ. އަދި ކުޑަގިރިން މާލެއަށް ފެރީ ދަތުރުތައް ބާއްވަނީ ހަވީރު 17:20 އާއި 17:40 އަދި 18:00ގައެވެ.

މާލެ އާއި ކުޑަގިރިއާ ދެމެދު ފެރީ ދަތުރުތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ މިމަހުގެ ހަތް ވަނަ ދުވަހުގެ ހެނދުނު 11:00އެވެ.

ޕިކްނިކް އައިލެންޑެއް ގޮތަށް ތަރައްގީ ކުރާ އެ ރަށް މި އަހަރުގެ މިނިވަންދުވަހު ހުޅުވުމަށް ނިންމި ނަމަވެސް މިހާތަނަށް އެކަން ކާމިޔާބު ވެފައެއް ނުވެއެވެ.

ކުޑަގިރި އަކީ މާލޭގެ ރައްޔިތުން ދަތުރު ދިއުމަށް ޕިކްނިކް އައިލެންޑެއް ތަރައްގީކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވީ ވައުދުފުޅާ ގުޅިގެން ތަރައްގީކުރާ ރަށެކެވެ.

މީގެ ކުރިން މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް ބޭނުންކުރީ ކުޑަބަނޑޮހެވެ. ނަމަވެސް ޑރ. މުޙައްމަދު ވަހީދުގެ ވެރިކަމުގައި އެ ރަށް ވަނީ ރިސޯޓް ހެދުމަށް ދީފައެވެ.

ކުޑަބަނޑޮހަށްވުރެ ކުޑަގިރި ބޮޑު ވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެ ރަށުގައި ޕިކްނިކް އައިލެންޑު ހެދުމަށް 41 މިލިއަން ރުފިޔާ ހަރުދުވާނެކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް