ހުޅުމާލޭގައި ސްމާޓްކޮމް ފެއާއެއް މާދަމާ ބާއްވަނީ

ހުޅުމާލޭ ސެންޓްރަލް ޕާކް-- ސަން ފައިލް ފޮޓޯ

އެޗްޑީސީއިން ހުޅުމާލޭގައި ސްމާޓްކޮމް ޑިޖިޓަލް ޕްލެޓްފޯމްތަކަށް ޚާއްސަކޮށްގެން ސްމާޓްކޮމް ފެއާއެއް މާދަމާ ބާއްވަން ނިންމައިފިއެވެ.

މި ފެއާ އަކީ އެޗްޑީސީގެ ސްމާޓް ސިޓީ ބްރޭންޑް ކަމުގައިވާ ސްމާޓްކޮމް އިން ބާއްވާ ފެއާއެކެވެ. މި ފެއާ އޮންނާނީ މާދަން ހަވީރު 4:00 އިން 6:00 އަށް އަދި މާދަން ރޭ 8:00 އިން 10:00 އަކަށް ސެންޓްރަލް ޕާކްގައެވެ.

މި ފެއާގައި އެކި ޚިދުމަތްތައް ދިނުމަށް ބޭނުންކުރާ އެޕްލިކޭޝަންތަކާ އެނޫން ވެސް ޑިޖިޓަލް ޕްލެޓްފޯމްތަކާ ބެހޭ މައުލޫމާތު ރަައްޔިތުންނަށް ފޯރުކޮށްދޭނެއެވެ. އެގޮތުން އެ އެޕްލިކޭޝަންތައް ބޭނުން ކުރާނެ ގޮތްތައް ރައްޔިތުންނަށް ހިއްސާ ކުރެވޭނެއެވެ.

މި ފެއާ އަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ލަކީ ޑްރޯއެއްގައި ބައިވެރިވެގެން ވަރަށް ޚާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު އޮންނާނެއެވެ. މި ލަކީ ޑްރޯއިން ލިބޭ އިނާމުތަކުގެ ތެރޭގައި ސްމާޓް ވޮޗެއް، 300 ޖީބީގެ އިންޓަނެޓާއެކު ލިބޭ އެއާ ފައިބާ ރައުޓަރެއް އަދި 1000 ރުފިޔާގެ އަގު ހުރި ވައުޗާތަކެއް ހިމެނެއެވެ.

އެގޮތުން މި ފެއާގައި ސަރުކާރު ކުންފުނިތަކާއި، އިދާރާތަކާއި، ޕްރައިވެޓް ކުންފުނިތަކާއި އަދި ޕްރައިވެޓް ކޮލެޖު އަދި ބޭންކުތަކުން ވެސް ބައިވެރިވުމަށް ވަނީ ނިންމާފައެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސް، މީރާ، ދިރާގު، އުރީދޫ، މީޑިއާނެޓު އަދި މޯލްޑިވްސް ބިޒްނަސް ސްކޫލް ފަދަ ތަންތަން ހިމެނެއެވެ.

މީގެ އިތުރުން ރާއްޖޭގައި ބޭނުންކުރާ ތަފާތު އެޕްލިކޭޝަންތަކުން ވެސް މި ފެއާގައި ބައިވެރިވުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ފަހިޕޭ، ފަސޭހަ ރީޗާޖް އަދި ޖޮބްސިކަލް ފަދަ ދިވެހި މޯބައިލް އެޕްލިކޭޝަންތައް ހިމެނެއެވެ.

މި ފެއާ ބޭއްވުމުގެ އެންމެ މައިގަނޑު އެއް މަގްސަދަކީ ރާއްޖޭގައި ބޭނުން ކުރެވޭ އެކިއެކި ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކުރާ ފަރާތްތަކަށް އެ ޕްލެޓްފޯމުތަކުން ލިބޭ ޚިދުމަތްތަކަށް އަހުލުވެރިކުރުން ކަމުގައި އެޗްޑީސީއިން ބުނެއެވެ. އަދި މި ފެއާގެ ސަބަބުން ޒަމާނީ ޓެކްނޮލޮޖީއަށް ރައްޔިތުން އަހުލުވެރިކޮށް، ރައްޔިތުންގެ މެދުގައި ޑިޖިޓަލް ސޭފްޓީއަށް އޮންނަ ހޭލުންތެރިކަން އިތުރުކުރުމަކީ ވެސް އެޗްޑީސީއިން މި ފެއާ ބޭއްވުމުގެ މަގުސަދެކެވެ.

ސްމާޓް ކޮމް ފެއާ މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބޭއްވުމަށް އެޗްޑީސީއިން ވަނީ ނިންމާފައެވެ. އެގޮތުން ހުޅުމާލެއަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުމަށްޓަކައި އެޗް.ޑީ.ސީގެ ސްމާޓްކޮމް ބްރޭންޑުން ދަނީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރއެއް ގާއިމުކޮށް، ތަފާތު ސްމާޓް ސިޓީ ސޮލިއުޝަންތައް ތަޢާރަފު ކުރުމުގެ މަސައްކަތްތައްވެސް ކުރަމުންނެވެ.

comment ކޮމެންޓް