މުޅި ޓީމު ނުކުންނާނީ މެސީ ހުއްޓުވަން: ޕޮލެންޑުގެ ކޯޗު

ޕޮލެންޑުގެ ކޯޗު --- ފޮޓޯ: ރޮއިޓާސް

ފީފާ ވޯލްޑް ކަޕުގައި މިރޭ އާޖެންޓީނާއާ ދެކޮޅަށް ޕޮލެންޑު ނުކުންނައިރު، މެޗުގައި ޕޮލެންޑުގެ މުޅި ޓީމު ނުކުންނާނީ، ދުނިޔޭގެ އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ ހުއްޓުވަން ކަމަށް ޕޮލެންޑުގެ ކޯޗު ޗެސްލޯ މިކްނިއޭވިޗް ބުނެފިއެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޕޮލެންޑުގެ ކޯޗު ބުނީ، އާޖެންޓީނާއާ ދެކޮޅަށް މިރޭ ޕޮލެންޑުގެ ޓީމު ކުޅުމަކީ އޭނާ އަށާއި އެޓީމުގެ ހުރިހާ ކުޅުންތެރިންނަށް ލިބޭ ފަހުރެއް ކަމުގައެވެ. އެއީ އާޖެންޓީނާގެ ކެޕްޓަން އަދި ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޮނަލް މެސީ އެޓީމުގައި ހުރުމުންކަން ފާހަގަ ކުރަމުން ޗެސްލޯ ބުނީ، އެންމެ ކުޅުންތެރިއަކަށް މެސީ ހިފެހެއްޓުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށާއި، މިރޭގެ މެޗުގައި މުޅި ޕޮލެންޑުގެ ޓީމުވެސް މެސީ ހިފެއްހެއްޓުމުގައި މަސައްކަތް ކުރާނެ ކަމަށެވެ.

ޗެސްލޯ އިތުރަށް ބުނީ ނިމިދަޔަ ވޯލްޑް ކަޕުގެ އިތުރުން 18 އަހަރުގެ ތެރޭގައި، މެޗުގެ ތެރެއިން މެސީ ހުއްޓުވާނެ ގޮތެއް ހޯދުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށާއި. އެކަމަށް ނުކުޅެދިފައިވާ ކަމަށެވެ. އަދި މިރޭގެ މެޗުގައި ޕޮލެންޑުގެ ޓީމު ކުޅޭނީ އެކަން ދަނެގެން ކަމަށްވެސް ޗެސްލޯ ބުންޏެވެ.

މިރޭގެ މެޗުގައި ޕޮލެންޑުގެ ޓީމަށް އާޖެންޓީނާ ބަލި ކުރެވޭނެ ކަން ފާހަގަކުރަމުން ޗެސްލޯ ބުނީ، އާޖެންޓީނާގެ ފުރަތަމަ 11 އަށް އަރާނެ ކުޅުންތެރިން ވެސް ވަރަށް ރަނގަޅަށް ދަސްކުރެވިފައިވާ ކަމަށެވެ. އަދި މެޗަށް ނުކުންނަނީ އެއްވަރު ކުރަން ނޫން ކަމަށާއި، މެޗަށް ކަނޑައަޅާފައިވާ އަޒުމަކީ ކުރީ ކޮޅުގައި ގޯލެއް ޖަހައިގެން މެޗު ކާމިޔާބުކޮށް ދެވަނަ ބުރަށް ކޮލިފައި ވުން ކަމަށްވެސް ޗެސްލޯ ވިދާޅުވިއެވެ.

ޕޮލެންޑުގެ ފޯވާޑް އަދި ދުނިޔޭގެ އެންމެ މޮޅު އެއް ސްޓްރައިކަރު ރޮބާޓް ލެވަންޑޯސްކީއަށް އިޝާރާތް ކުރަމުން ކޯޗް ބުނީ، މިރޭގެ މެޗުގައި ކުޅެނީ ލެވަންޑޯސްކީއާއި މެސީ ނޫން ކަމަށާއި، މިރޭގެ މެޗުގައި ކުޅޭނީ އާޖެންޓީނާ އަދި ޕޮލެންޑުކަމަށެވެ.

މިރޭގެ މެޗަކީ ދެ ޓީމަށް ވެސް މުބާރާތުގައި ކުރިއަށް ދިއުމަށް މޮޅުވުން މުހިންމު މެޗަކަށް ވާއިރު، މި މެޗުން މޮޅުވެގެން އަދި އެއްވަރު ކޮށްލައިގެން ވެސް ޕޮލެންޑަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކުރެވޭނެއެވެ.

އާޖެންޓީނާ އަށްވެސް މެޗުން މޮޅުވެގެން އަދި އެއްވަރު ކޮށްލައިގެން ވެސް ސައުދީ އާއި މެކްސިކޯ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން، ދެވަނަ ބުރުގެ ޖާގައެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ.

މިމެޗު މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު ކުޅޭނީ ގަތަރުގެ 974 ސްޓޭޑިއަމްގައިއެވެ. މި ދެޓީމު މީގެ ކުރިން އެގާރަ ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވާއިރު އޭގެތެރެއިން ހަ ފަހަރަށް ކުރިހޯދީ އާޖެންޓީނާ އިންނެވެ.

comment ކޮމެންޓް