އެނަލިސްޓުން ބުނަނީ އެވެޓާ ފްލޮޕްވާނެ ކަމަށް!

މިއަހަރު އެންމެ ގިނަ ބަޔަކު ބަލަންވެގެން އިންތިޒާރު ކުރަމުން އަންނަ އެއް ފިލްމު ކަމަށްވާ އެވެޓާގެ ދެވަނަ ބައި "ދަ ވޭ އޮފް ވޯޓާ" އަކީ މާލީގޮތުން ބޮޑު ފްލޮޕަކަށް ވެދާނެ ކަމަށް އެނަލިސްޓުން ބުނެފިއެވެ.

އެވެޓާގެ ފުރަތަމަ ފިލްމަކީ މިހާތަނަށް މުޅި ދުނިޔޭގައި ވެސް އެޅުވި އެންމެ ކާމިޔާބު ފިލްމެވެ. އެ ފިލްމު 2009ގައި ރިލީޒްކުރި ފަހުންް އެހެން ފިލްމަކަށް އެ ފިލްމުގެ އާމްދަނީއާ ވާދަކޮށްލެވުނީ ކުޑަ ދުވަސްކޮޅަކަށެވެ. ނަމަވެސް އަނެއްކާވެސް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމުގެ މަގާމުގައި އިނީ އެވެޓާގެ ފުރަތަމަ ފިލްމެވެ.

ފުރަތަމަ ފިލްމަށްފަހު އެވެޓާގެ ޕްރޮޑިއުސަރު ޖޭމްސް ކެމެރަން ދެވަނަ ފިލްމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން ދެވަނަ ފިލްމު އުފެއްދުމަށް 13 އަހަރު ހަމަވާއިރު މިއަހަރު މިއީ ދެވަނަ ފިލްމު ހަގީގަތަކަށް ވާ އަހަރެވެ.

ނަމަވެސް މި ފިލްމަކީ ބޮކްސް އޮފީހުގައި ފްލޮޕަކަށް ވުން އެކަށީގެންވާ ފިލްމެއް ކަމަށް އެނަލިސްޓުން އަންނަނީ ބުނަމުންނެވެ. ކޮސްމިކް ބުކް ނިއުސްގެ އިންޓާނަލް ޕޯލިން ޑޭޓާތަކަށް ރިއާޔަތްކޮށް އެނަލިސްޓުން ބުނާގޮތުގައި އެމެރިކާއިން މި ފިލްމަށް އޯޕެނިން އަށް ލިބޭނެ ކަމަށް ގަބޫލު ކުރެވެނީ 150 މިލިއަން ޑޮލަރެވެ. އަދި އެންމެ ބޮޑު އަދަދަކަށް ބަލާނަމަ ލިބޭނެ ކަމަށް ބެލެވެނީ 170 މިލިއަން ޑޮލަރެވެ. އޯޕެނިން އަކީ ފިލްމަށް އެއްފަހަރާ އެންމެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބޮޑު އާމްދަނީއެއް ލިބޭ މުއްދަތެވެ.

މި އަދަދަކީ މިއަހަރު ނެރުނު ބޮޑެތި ޕްރޮޖެކްޓުތަކާ ގާތްކުރާ އަދަދެކެވެ. މިއަހަރުގެ ބޮޑެތި ޕްރޮޖެކްޓުތަކުގެ އާމްދަނީ އުޅެނީ 150 މިލިއަން ޑޮލަރާއި 180 އާ ދެމެދުގައެވެ. ބްލެކް ޕެންތާގެ ދެވަނަ ބަޔަށް އޯޕެނިން އަށް ވަނީ 181 މިލިއަން ޑޮލަރު ލިބިފައެވެ. ނަމަވެސް މި ފިލްމަކީ 250 މިލިއަން ޑޮލަރުގެ ބަޖެޓެއްގައި ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

އާންމުންގެ ގިނަ ބަޔަކު ފިލްމަށް ކެތް މަދުވެފައި ތިބި ނަމަވެސް އެ ކަމެއް ބޮކްސް އޮފީހުގެ އާމްދަނީއިން ނުފެނުމަކީ އެކަށީގެންވާ ކަމެކެވެ. މި ފިލްމު ދައްކަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 16ގައެވެ.

comment ކޮމެންޓް