42.8 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ 42.8 ބިލިއަން ރުފިޔާގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 69 މެމްބަރުންގެ ތެރެއިން 61 މެމްބަރުންގެ ވޯޓާއެކުއެވެ. ފާސްކުރަން ނުފެންނަ ކަމަށް 8 މެމްބަރުން ވޯޓުދެއްވާފައިވެއެވެ.

ދައުލަތުން މިއަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 42.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓް ދިރާސާ ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން ގެނައި އިސްލާހާއެކު ކޮމިޓީން ފާސްކޮށްފައިވަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އެގޮތުން ކޮމިޓީން ވަނީ 161 މިލިއަން ރުފިޔާ އެހީގެ ގޮތުގައި ހޯދުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި ޓެކްސް ނުދައްކާ ފަރާތްތަކުގެ އަތުން އެ ފައިސާ ހޯދުމަށް އިސްކަން ދިނުމަށް ހުށަހަޅާފައެވެ. އަދި ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅަން ޖެހޭ ނަމަ، ލަސްނުކޮށް ހުށަހެޅުމަށް ވެސް ކޮމިޓީން ރިކޮމެންޑޭޝަނުގައި ހިމަނާފައިވެއެވެ.

އަންނަ އަހަރުގެ ބަޖެޓުގެ އިތުރުން މިއަހަރުގެ ބާކީ އޮތް މުއްދަތަށް އިތުރަށް ފައިސާ ބޭނުން ވެދާނެތީ ހިމަނާފައިވާ 5.8 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓުވެސް ކޮމެޓީން ފާސްކޮށްފައިވެއެވެ. ބަޖެޓް އިތުރުކުރަން ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ތިލަމާލެ ބްރިޖްގެ މަޝްރޫއާއި އައްޑޫ މަގު ހެދުމުގެ މަޝްރޫއު، ތެލުގެ ސަބްސިޑީ، ސިފްކޯ ހައުސިން މަޝްރޫއު އަދި އާސަންދަ ހިމެނެއެވެ.

ދައުލަތުން ހުށަހަޅާފައިވާ ބަޖެޓާ ބެހޭގޮތުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓަކީ ފާއިތުވި ތަނުގައި ލިބުނު ރަނގަޅު ތަޖުރިބާގެ މައްޗަށް ބިނާކޮށްފައިވާ އިތުބާރުހިފޭ މަގުޗާޓެއް ކަމަށާއި، އެއީ ރައްޔިތުންގެ ފުދުންތެރިކަމާއި އިޖްތިމާޢީ ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް މެދުނުކެނޑި އެހީތެރިވުމުގައި ސަރުކާރަށް ދެމި އޮވެވޭނެ ޕްލޭނެއް ކަމަށެވެ.

އަންނަ އަހަރު ދައުލަތަށް ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 32.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، އޭގެ ތެރޭގައި ޖީއެސްޓީ ރޭޓު މަތިކުރުމާ ގުޅިގެން އިތުރުވާނެ ކަމަށް ބެލެވޭ 3.7 ބިލިއަން ރުފިޔާ ހިމެނެއެވެ. ޓެކުހުގެ ގޮތުގައި 23.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވެއެވެ.

comment ކޮމެންޓް