ލަންކާ ސަފީރަކަށް އަލީ ފާއިޒް ހަމަޖައްސަން މަޖިލީހުން ރުހުންދީފި

ދިވެހިރާއްޖޭން ސްރީލަންކާއަށް ކަނޑައަޅައި ސަފީރު ކަމުގެ މަގާމަށް މއ. މަނާގެ އަލީ ފާއިޒް އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި--- ފޮޓޯ

ދިވެހި ރާއްޖޭން ސްރީލަންކާއަށް ކަނޑައަޅާ ސަފީރު ކަމުގެ މަގާމަށް، މއ. މަނާގެ އަލީ ފާއިޒް އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

މިއަދު ބޭއްވި ރައްޔިރުންގެ މަޖިލީހުގެ ޖަލްސާގައި އެ މަގާމަށް އަލީ ފާއިޒް އައްޔަނު ކުރުމަށް ރުހުން ދީފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިންނެވި 62 މެމްބަރުންގެ އިއްތިފާގުންނެވެ.

އޭނާއަށް ރުހުން ދިނުމާމެދު މަޖިލީހުން ގޮތެއް ނިންމެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އެ މައްސަލަ ދިރާސާ ކޮށްފައިވަނީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ.

ލަންކާގެ ސަފީރުކަމުގެ މަގާމަށް އަލީ ފާއިޒް އައްޔަން ކުރައްވަން ނިންމެވީ އެ ގައުމުގެ ސަފީރުކަމުގެ މަގާމުގައި ކުރިން ހުންނެވި އުމަރު އަބްދުއްރައްޒާގު، ކިންގްޑަމް އޮފް ބެލްޖިއަމަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް އައްޔަންކުރެއްވުމުންނެވެ.

އަލީ ފާއިޒަކީ ފުލުހުންގެ ޚިދުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑުގެ ރައީސެވެ. އަދި، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމާއި، މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

comment ކޮމެންޓް