ސޮވަރިން ޑިވެލޮޕްމަންޓު ފަންޑު އިތުރަށް މަދުވެއްޖެ

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވާހަކަދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް)ގެ އަދަދު އިތުރަށް މަދުވެ ބޭނުންކުރެވޭ ގޮތަށް ހުރި އަދަދު މަދުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާރު އެ ފަނޑުގައި ހުރީ 98.7 މިލިއަން ރުފިޔާއެވެ.

ސޮވެރިން ފަންޑުގައި ހުރި އަަދަދު މިހައި ބޮޑަށް ދަށްވީ ފާއިތުވި މަހު އެ ފަންޑުގައި އެއް ބިލިއަން ރުފިޔާ ހުރުމަށްފަހެވެ. ފައިސާ މަދުވީ އެހެން ކަންކަމަށް އެ ފައިސާ އިންވެސްޓުކުރުމުންނެވެ.

އެ ފަންޑުގެ ސައިޒަކީ 5.1 ބިލިއަން ރުފިޔާއެވެ.

އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ހާމަވާ ގޮތުގައި، މި އަހަރު ފެށުނު އިރު 1.2 ބިލިއަން ރުފިޔާ ފަންޑުގައި ވަގުތުން ބޭނުންކުރެވޭ ގޮތަށް ހުއްޓެވެ.

ސަރުކާރުންވަނީ 2026ވަނަ އަހަރަށް ފަންޑަށް 600 މިލިއަން ޑޮލަރު އިތުރުކުރުމަށް އަމާޒު ކަނޑަައަޅައިފައެވެ.

އެއާއެކު މިހާރު އެ ފަންޑުންކޮށްފައިވާ އިންވެސްޓުމަންޓުތައް 2026ވަނަ އަހަރަށް މެޗުއާ ނުކުރެވިއްޖެނަމަ ދަރަނި އަދާކުރަން ބޮޑު ދައްޗަކާ ކުރިމަތިލާންޖެހޭނެކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭއިން ބުނެއެވެ.

ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުން އުފެއްދި ފަންޑެކެވެ. އެ ފަންޑަކީ ބޭރުން ލޯނު ނަގައިގެން ސަރުކާރުން ހިންގާ ބޮޑެތި ޕްރޮޖެކްޓުތަކުގެ ލޯނު ދެއްކުމަށް ދަތިވެއްޖެނަމަ ނުވަތަ އިގްތިސާދަށް ދިމާވާ ބޮޑެތި މައްސަލަތަކުން އަރައިގަތުމަށް ބޭނުން ކުރަން ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ.

އެ ފަންޑުގެ ފައިސާ ބަހައްޓާފައި ހުންނާނީ މަރުކަޒީ ބޭންކުގައެވެ. ނަމަވެސް އެ ފައިސާ އަކީ މަރުކަޒީ ބޭންކު، އެމްއެމްއޭގެ ރިޒާވުގައި ހުންނަ ފައިސާއާ ވަކިން ބަލަހައްޓާ ފައިސާއެވެ.

comment ކޮމެންޓް