މެންޗެސްޓާ ޔުނައިޓެޑް ގަންނަން އެޕަލްގެ ޝައުގުވެރިކަމެއް ނެތް: ރިޕޯޓް

އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑް ގަތުމުގެ ވިސްނުމެއް އެޕަލް އިން ނުގެންގުޅޭ ކަމަށް އޮންލައިން ރިޕޯޓްތައް ބުނެފިއެވެ.

އެޕަލްގެ ޚަބަރުތައް ގެނެސްދޭ އޮންލައިން ވެބްސައިޓް, މެކްރޫމާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެޕަލްއިން މެންޗެސްޓާ ގަންނަން އުޅޭކަމަށް ދެކެވޭ ވާހަކަތަކަކީ ސީދާ ދޮގެކެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ވެރިން، އެމެރިކާގެ ގްލޭޒާ އާއިލާގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ، ޔުނައިޓެޑް ހިންގާނެ ގޮތުގެ އާ ސްޓްރެޓަޖީތަކެއް ހޯދުމަށް ބޯޑުން ނިންމާފައިވާ ކަމަށާއި އޭގެތެރޭގައި ކްލަބަށް އާ އިންވެސްޓްމެންޓްތައް ގެނައުން ނުވަތަ ކްލަބް ވިއްކާލުން ވެސް ހިމެނޭ ކަމަށެވެ. އޭގެތެރެއިން ނިންމާނީ ކްލަބަށް އެންމެ ފައިދާ ހުރި ނިންމުމެއް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލާނެކަން އިއުލާނުކުރީ އެ ކްލަބް ވިއްކާލުމާއި ގުޅޭ މައުލޫމާތުތައް އާންމު ކުރުމުގެ ކުރިންނެވެ.

ޔުނައިޓެޑް ވިއްކާލުމަށް ވިސްނަމުންދާ ކަން ގްލޭޒާ އާއިލާއިން އާންމު ކުރުމާއި ގުޅިގެން، އެ ކުލަބު ގަތުމަށް ބޮޑެތި ކުންފުނިތަކުންނާއި ބައެއް ނަން މަޝްހޫރު ފަރާތްތަކުން ޝައުގުވެރިކަން ފާޅު ކުރިކަމަށް ރިޕޯޓު ކޮށްފައިވެއެވެ. އޭގެ ތެރޭގައި އެޕަލްގެ ނަން ވެސް ހިމެނެއެވެ. އެހެންނަމަވެސް އެ ކްލަބް ގަތުމުގެ ވިސްނުމެއް ޓެކް ޖަޔަންޓް، އެޕަލްގެ ނެތްކަމަށް އެ ކުންފުންޏާއި ގުޅޭ ޚަބަރުތައް ގެނެސްދިނުމަށް ހާއްސަ ކޮށްފައިވާ ވެބްސައިޓަކުން މިވަނީ ރިޕޯޓު ކޮށްފައެވެ.

މީގެ ކުރިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ގާތްގަނޑަކަށް ހަތް ބިލިއަން ޑޮލަރަށް މެންޗެސްޓާ ޔުނައިޓެޑް ގަތުމަށް ޓެކް ކުންފުނިން ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.

ޔުނައިޓެޑް ވިއްކާލުމާއި ޓީމަށް މާލީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަރުހަލާ ފަށާފައިވާއިރު، މި މަރުހަލާ ކުރިއަށް ގެންދިޔުމުގައި ޔުނައިޓެޑަށް އެހީތެރިކަން ފޯރުކޮށްދޭނީ އެމެރިކާގެ އިންވެސްޓްމެންޓް ފާމެއް ކަމަށްވާ ރެއިން ގްރޫޕުންނެވެ. ރެއިން ގްރޫޕުން މީގެކުރިން ވަނީ ޕްރިމިއާ ލީގުގެ ކްލަބް ޗެލްސީ ވިއްކާލުމުގެ މަރުހަލާގައި އިސް ދައުރެއް އަދާކޮށްފަ އެވެ.

ޔުނައިޓެޑް ވިއްކާލަން ނިންމިއިރު 2013 ވަނަ އަހަރަށްފަހު އެ ކްލަބަށް ޕްރިމިއާ ލީގެއް ހޯދިފައެއް ނުވެ އެވެ. އަދި 2017 ވަނަ އަހަރަށްފަހު ޔުނައިޓެޑަށް މިހާތަނަށް އެއްވެސް ކާމިޔާބީއެއް ލިބިފައެއް ވެސް ނުވެ އެވެ.

comment ކޮމެންޓް