މިހާތަނަށް ރޭވި އެންމެ ނުރައްކާތެރި އެއް ރޭވުން ދާދިފަހުން ނާކާމިޔާބު ކުރެއްވިޖެ: މާރިޔާ

ސިފައިންގެ ސަދަން އޭރިޔާ ކޮމާންޑަށް 39 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަޙުމަދު ދީދީ ވާހަކަދައްކަވަނީ--- ފޮޓޯ/ ޑިފެންސް މިނިސްޓްރީ

ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ގުޅިގެން މިހާރު ކުރިއަށް ގެންދާ ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަންގައި ނާކާމިޔާބުކުރި އެއް ރޭވުމަކީ މިހާތަނަށް ރޭވި އެންމެ ނުރައްކާތެރި އެއް ރޭވުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙުމަދު ދީދީ ރޭ ވިދާޅުވެއްޖެއެވެ.

ސިފައިންގެ ސަދަން އޭރިޔާ ކޮމާންޑަށް 39 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ ހަރުކަށި ފިކުރު ފެތުރުން ހުއްޓުވަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެހެން ނަމަވެސް، މުޖުތަމައުގައި އެފަދަ ނުރައްކާތައް ފަތުރާ، ރައްޔިތުންނާއި މުދަލަށް ގެއްލުން ދިނުމަށް ރާވާ ފަރާތްތަކުން ހަމައެކަނި އެކަމަށް ހުސްވެ ތިބެ ކެނޑިނޭޅި އެ މަސައްކަތް ކުރާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އެފަދަ ވިސްނުންތަކާއި ރޭވުންތަކަށް ފާރަވެރިވެ، އެކަންކަމުގެ މައުލޫމާތު ހޯދާ ދިރާސާކޮށް އޭގެ މައްޗަށް ބިނާކޮށް ހަރަކާތްތައް ބައްޓަންކުރުމަކީ މިއަދު ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް ކަމަށެވެ.

"މި ގާބިލްކަން ސިފައިންގެ އޭރިއާ ކޮމާންޑުތަކުގައި ވަރަށް ބޮޑަށް އިތުރުކޮށް ވަރުގަދަ ކުރަންޖެހޭ ކަމަށް އަޅުގަނޑު ދެކެން،" މާރިޔާ ވިދާޅުވިއެވެ.

އެގޮތުން ދާދި ފަހުން ހިންގި ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނުގައި ނާކާމިޔާބުކުރި ހަމަލާއަކީ މިހާތަނަށް ނާކާމިޔާބުކުރި އެންމެ ނުރައްކާތެރި އެއް ރޭވުން ކަމަށް މާރިޔާ ވިދާޅުވިއެވެ.

އެ އޮޕަރޭޝަންގައި ބަލާ ފާސްކުރި ގެޔަކުން ބާރުގަދަ ގޮއްވުންތަކަށް ބޭނުންކުރާ މާއްދާތަކެއް ވެސް ދާދިފަހުން ފެނިފައިވެއެވެ. އެ އޮފަރޭޝަނާ ގުޅިގެން ފުލުހުން ބުނީ، އޮޕަރޭޝަންގައި ހައްޔަރުކުރި ބައެއް މީހުންގެ ގެތަކުންނާއި އެމީހުންގެ ވެހިކަލްތަކުން އަދި ޑީންގީއަކުން މައްސަލައާ ގުޅުންހުރިކަމަށް ބެލެވޭ ގިނަ އަދަދެއްގެ އެއްޗެހި ފެނިފައިވާކަމަށެވެ.

https://sun.mv/170772

އެ މައްސަލައިގައި ހައްޔަރުކުރި މީހެއްގެ ގެއިން ފެނުނު އެކްސްޕްލޯސިވް ކެމިކަލްކަމަށް ބެލެވޭ ތިން ބާވަތެއް އެމްއެންޑީއެފްގެ އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް (އީއޯޑީ)އިން ތަހުލީލު ކުރުމުން ހައި އެކްސްޕްލޯސިވް މާއްދާތައް ހިމެނޭކަމަށް ދައްކާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ބާވަތަކީ މައިގަނޑު ގޮތެއްގައި ބާރުގަދަ ގޮއްވުންތަކަށް ބޭނުންކުރާ ހައި އެކްސްޕްލޯސިވް ބާވަތެއް ކަމަށާއި އޭގެ މަދު މިންވަރަކުން އިންސާނުންގެ ފުރާނައަށާއި މުދަލަށް ގެއްލުން ވެދާނެކަމަށް އެމްއެންޑީއެފްގެ އީއޯޑީން ފާހަގަކޮށްފައި ވާކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި 14 މީހަކު ހައްޔަރުކޮށްފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ އައްޑޫ ސިޓީން ނުވަ މީހަކާއި މާލެއިން ދެ މީހަކާއި ކ. ގުރައިދޫއިން ދެ މީހެކެވެ. އެ އެންމެންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.

މީގެ ކުރިން ކްރިމިނަލް ކޯޓުން ވަނީ އެ އެންމެން ވެސް ބަންދުގައި ބޭތިއްބުމަށް މުއްދަތު ޖަހައިފައެވެ. އޭގެ ތެރެއިން އުމުރުން 18 އަހަރާއި 33 އަހަރުގެ ދެ މީހުންނާއި 35 އަހަރުގެ އަދި 46 އަހަރުގެ މީހާއަށް 15 ދުވަހުގެ ބަންދުގެ މުއްދަތު ވަނީ ޖަހާފައެވެ.

އުމުރުން 19 އަހަރާއި 27 އަހަރުގެ ދެ މީހުން އަދި 28 އަހަރުގެ މީހާއަށް 30 ދުވަހުގެ ބަންދުގެ މުއްދަތު ދީފައިވާއިރު އުމުރުން 20 އަހަރާއި 27 އަހަރާއި 30 އަހަރާއި 35 އަހަރު އަދި 37 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެ އޮޕަރޭޝަނާ ގުޅިގެން އިންސްޕެކްޓާ އޮފް ޕޮލިސް އުސްވަތު އަހްމަދު މީގެ ކުރިން ވިދާޅުވީ އެ މީހުން ރާވަމުން އައީ ގޮވާތަކެތި ބޭނުންކޮށްގެން ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއްދީ ގިނަ ބައެއްގެ ފުރާނައަށް ނުރައްކާވާފަދަ ހަމަލާއެއް ދިނުމަށް ކަމަށެވެ.

އެ އޮޕަރޭޝަނުން، ހަރުކަށި ފިކުރަށް ތާއީދު ކުރާ މީހުން، ދުނިޔޭގެ ޓެރަރިސްޓު ޖަމިއްޔާ އައިއެސްއާ ގުޅި ރާއްޖެއަށް ޓެރަރިޒަމްގެ ހަމަލާއެއްދީ ގައުމީ ސަލާމަތަށް ނުރައްކާ ކުރަން އުޅުނުކަން ހާމަވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

comment ކޮމެންޓް