31 މިލިއަން ރުފިޔާއަށް 13 ސްޕީޑު ބޯޓު ގަންނަން ހެލްތު މިނިސްޓްރީން ސޮއިކޮށްފި

ސްޕީޑު ބޯޓު ގަންނަން އެއްބަސްވުމެއްގައި ސޮއިކުރުން -- ފޮޓޯ: ހެލްތު މިނިސްޓްރީ

ހެލްތު މިނިސްޓްރީން 31 މިލިއަން ރުފިޔާއަށް 13 ސްޕީޑު ބޯޓު ގަންނަން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެއްބަސްވުން ވެފައިވަނީ ގަލްފް ކްރާފްޓް މޯލްޑިވްސްއާއެކުއެވެ.

މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލެވެ. ގަލްފް ކްރާފްޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޑަކްޝަން ޖެނެރަލް މެނޭޖަރު ކޯސްޓާސް އެލިއޯޕްލަސްއެވެ.

މި އެއްބަސްވުމުގެ ދަށުން އެއް އަހަރު ދުވަހުގެ ތެރޭ ސްޕީޑު ބޯޓުތައް އެ މިނިސްޓްރީއަށް ފޯރުކޮށްދޭން ޖެހޭނެއެވެ.

"ގަލްފް ކްރާފްޓުން ޔަގީންކަން އެބަ ދެއްވާ ހެލްތު މިނިސްޓްރީއަށް ހެލްތު މިނިސްޓްރީއާ ހަވާލުކޮށްދެއްވާނެކަމަށް ލޯންޗުތައް ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭ. އެހެންކަމަށް ވެއްޖެނަމަ އޭގެ ހިދުމަތް ރައްޔިތުންނަށް ފަސް މަސް ދުވަހުގެ ތެރޭ ފޯރުކޮށްދެވިދާނެ. އޭގެ ސަބަބުން ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ރައްޔިތުންނަށް ލިބިގެންދާނެ،" އެއްބަސްވުމާ ގުޅޭ ގޮތުން ސްޓޭޓް މިނިސްޓަރު އާދިލް ވިދާޅުވިއެވެ.

މިއީ ވޯލްޑް ބޭންކާއި އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ މޯލްޑިވްސް ކޮވިޑް19 އިމަޖެންސީ ރެސްޕޮންސް އެންޑް ހެލްތު ސިސްޓަމްސް ޕްރިޕެއާޑްނަސް ޕްރޮޖެކްޓުގެ ދަށުން ގަންނަ ލޯންޗުތަކެކެވެ.

ހެލްތު މިނިސްޓްރީން ބުނީ ސްޕީޑު ބޯޓުތައް ބޭނުންކުރާނީ ލެބޯޓްރީ ސާމްޕަލްތައް އެ ރަށުން އަނެއް ރަށަށް ގެންދިއުމަށާއި، ބަލި މީހުން އުފުލުމުގެ އިތުރުން އައުޓްރީޗު ޕްރޮގްރާމްތައް ހިންގުމަށްކަމަށެވެ.

ސީ އެމްބިއުލާންސްގެ ގޮތުގައި މިހާރު ވެސް ރަށްރަށުގައި ދަނީ ލޯންޗް ފަހަރު ބޭނުންކުރަމުންނެވެ.

comment ކޮމެންޓް