ތިލަމާލެ ބްރިޖު: ދެވަަނަ ޓެސްޓް ޕައިލްގެ މަސައްކަތް ފަށައިފި

މާލެއާއި ވިލިމާލެ އަދި ތިލަފުށި ގުޅުވަން އަޅާ ތިލަމާލެ ބްރިޖުގެ މަސައްކަތުގެ ދެވަނަ ޓެސްޓް ޕައިލްގެ މަސައްކަތް ފަށައިފިއެވެ.

އެ މަސައްކަތުގެ މައުލޫމާތު "ސަން"އަށް ހިއްސާކުރަމުން ހައުސިން މިނިސްޓްރީން ބުނީ ބްރިޖް މަޝްރޫއުގެ ދަށުން މާލޭގެ އެއްގަމުގައި ޖެހުމަށް ހަމަޖެހިފައިވާ ތަނބުތަކުގެ ޕައިލިންގް މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށެވެ.

"އަދި ކަނޑުގައި ޖެހުމަށް ހަމަޖެހިފައިވާ ތަނބުތަކުގެ މަސައްކަތް ފެށުމުގެ ކުރިން ކަނޑުގައި ޖެހުމަށް ހަމަޖެހިފައިވާ ފުރަތަމަ ޓެސްޓް ޕައިލްގެ މަސައްކަތް ނިމި ދެވަނަ ޓެސްޓް ޕައިލްގެ މަސައްކަތް ވަނީ ފެށިފައި މިހާރު،" ހައުސިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ.

އެ ޓެސްޓް ޕައިލްގެ މަސައްކަތް ނިމުމުން ދެން ކުރާނީ ކަނޑުގައި ޖެހަން ހަމަޖެހިފައިވާ ދާއިމީ ތަނބުތަކުގެ ޕަައިލިންގް މަސައްކަތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖުގެ ފުރަތަމަ ޓެސްޓް ޕައިލް ޖެހުމުގެ މަސައްކަތް މި މަހުގެ ކުރީކޮޅު ވަނީ ފަށައިފައެވެ.

އެއީ ދާއިމީ ތަނބުތައް ޖެހުމުގެ ކުރިން ދެނެގަންނަންޖެހޭ ކަންކަން ދެނެގަތުމުގެ ބޭނުމުގައި ކުރާ ކަމެކެވެ.

އެންމެ ފުރަތަމަ އެއްގަމުގައި ޖެހި ޕައިލް ޖެހީ މާލޭގައި ހުންނަ އިންޑަސްޓްރިއަލް ޒޯންގެ މަސައްކަތު ސައިޓުގައެވެ.

މިނިސްޓްރީން ބުނީ މި އަހަރު ނިމުމުގެ ކުރިން ދާއިމީ ތަނބުތަކުގެ މަސައްކަތް ފެށޭނެކަމަށް އުއްމީދުކުރާ ކަމަށެވެ.

comment ކޮމެންޓް