ޖަޕާނު ހިލޭ އެހީގެ ދަށުން ރަތަފަންދޫގައި ގާއިމްކުރި ދެ ކްލާސްރޫމް ހަވާލުކޮށްފި

ރަތަފަންދޫގައި ޖަޕާނުގެ ހިލޭއެހީގެ ދަށުން ގާއިމްކުރި ދެ ކްލާސްރޫމް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ޖަޕާން އެމްބަސީ

ޖަޕާނު ސަރުކާރުގެ ގްރާސް-ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްސް(ޖީޖީޕީ)ގެ ދަށުން ގދ. ރަތަފަންދޫގައި ގާއިމްކުރި ދެ ކްލާސްރޫމް ރަތަފަންދޫ ސްކޫލާ މިއަދު ހަވާލުކޮށްފިއެވެ.

އެ ދެ ކްލާސްރޫމް ހަވާލުކޮށްފައިވަނީ، ރަތަފަންދޫ ސްކޫލުގައި އެކަމަށް ޚާއްސަކޮށް މިއަދު ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން ޖަޕާންގެ ސަފީރު ޓަކެއުޗި މިދޮރިއެވެ. މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރާއި މިނިސްޓްރީގެ އިތުރު ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

މިއީ 2019 ވަނަ އަހަރު ފެބްރުއަރީ 19 ވަނަ ދުވަހު ޖަޕާން އެމްބަސީއާއި ރަތަފަންދޫ ސްކޫލާ ދެމެދުވީ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން ސައިންސް ލެބޯޓަރީއަކާއި އޯޑިއޯ ވިޝުއަލް ރޫމެއް ވަނީ އިމާރާތްކޮށްފައެވެ. މި މަޝްރޫއުގެ އަގަކީ 81,757 ޑޮލަރެވެ.

ޖަޕާން ހިލޭއެހީގެ ދަށުން ގާއިމްކުރި ދެ ކްލާސްރޫމް

މި މަޝްރޫއުގެ ސަބަބުން ދަރިވަރުންނަށް އެކަށީގެންވާ މާހައުލެއްގައި ސައިންސް ފަދަ މާއްދާތައް ކިޔެވުމުގެ މަގު ފަހިވާނެކަމަށް ޖަޕާން އެމްބަސީން ބުނެއެވެ.

ޖީޖީޕީއަކީ ޖަޕާން އެމްބަސީގެ ދަށުން ރާއްޖޭގެ ތަރައްގީއަށް އެހީވުމަށް 1996ގައި އުފެއްދި ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ ދަށުން ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާ އާއި ތިމާވެށި އަދި ދަތުރުފަތުރުކުރުމުގެ ދާއިރާއިން ރާއްޖެއަށް އެހީފޯރުކޮށްދެއެވެ.

comment ކޮމެންޓް