ޤުރުއާންގެ މޫރިތި އާޔަތްތަކުގެ އެހީގައި ޣާނިމް ދިނީ ވަރުގަދަ މެސެޖެއް

ވޯލްޑް ކަޕް 2022 ގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --

އިއްޔެއިން ފެށިގެން މުޅި ދުނިޔޭގައިވެސް އެންމެ ބޮޑަށް ދެކެވެނީ، ފީފާ ވޯލްޑް ކަޕް 2022 ހުޅުވުމުގެ ގޮތުން ގަތަރުގެ އަލް ބައިތު ސްޓޭޑިއަމުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ވާހަކައެވެ.

މި ހަފްލާގެ ފުރިހަމަ ކަމުގެ ވާހަކައެވެ. ހައިބަތު ބޮޑު ކަމުގެ ވާހަކައެވެ. ކުރީގެ ވޯލްޑް ކަޕުތަކުގެ ހަނދާންތައް ގެނުވައިދިން ފުރިހަމަ ރަސްމިއްޔާތަކަށް މި ރަސްމިއްޔާތު ވެގެންދިޔަކަމުގެ ވާހަކައެވެ.

މީގެއިތުރުން މި ރަސްމިއްޔާތު ވެގެންދިޔައީ ފުޓުބޯޅަ އަކީ، ވަކި މީހަކު ތަފާތު ކުރުމެއް ނެތި، ހުރިހާ އެންމެންގެ ބައިވެރިވުމާއެކު ކުޅޭ ކުޅިވަރެއްކަން ސާބިތުކޮށްދިން ހަފްލާ އަކަށެވެ.

ހުރިހާ އެންމެންގެ ވެސް ޝައުގުވެރިކަން ހުއްޓުނު މި ހަފްލާގެ ތެރެއިންވެސް އެންމެ ގިނަބައެއްގެ ލޯ، އެ ވަގުތުކޮޅަކަށް ހުއްޓުނު ވަގުތުކޮޅަކީ ހޮލީވުޑްގެ މަޝްހޫރު ޝަހްސިއްޔަތު މޯގަން ފްރީމަން އާއި، ޤަތަރުގެ އެންމެ ޒުވާން ވިޔަފާރިވެރިޔާ އަދި މަޝްހޫރު ޔޫޓިއުބާ ޣަނީމް އަލް މުފްތާހު، ސްޓޭޖު މަތީގައި ހަރަކާތްތެރިވި ވަގުތެވެ.

ޣަނީމް 2002 ވަނަ އަހަރު އުފަންވީ ޖިސްމާނީގޮތުން ނުކުޅެދުންތެރިކަމަކާ އެކުއެވެ. އެއީ މަދުން ނޫންނީ ކުރިމަތިނުވާ ނުކުޅެދުންތެރިކަމެކެވެ. "ކައުޑަލް ރިގްރެޝަން ސިންޑްރޯމް" ނަމަކަށް ކިޔާ މި ނުކުޅެދުންތެރިކަމުގެ ސަބަބުން ހަށިގަނޑުގައި ބޮޑު ތަފާތުކަމެއް ޣާނިމްގެ ހުރެއެވެ.

އެހެންނަމަވެސް މާޔޫސްވެ، އުންމީދު ކަނޑާލުމުގެ ބަދަލުގައި ޣާނިމް ދެއްކީ ހިތްވަރެވެ. ގަދަ މަސައްކަތުގެ ނަތީޖާ އަކީ ކާމިޔާބު މީހަކަށްވި ކަމެވެ. ޣާނިމް އަކީ ވިޔަފާރިވެރިއެއްގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތް ކުރާ މީހެކެވެ. އަތަށް ބޫޓު މަހައިގެން ފުޓުބޯޅަ ކުޅެފައިވެއެވެ. ގަލްފް ރީޖަންގެ އެންމެ އުސް ފަރުބަދަ، ޖެބެލް ޝާމްސްއަށް އަރާފައިވެއެވެ.

އެންމެ ކުޑައިރުއްސުރެ ޣާނިމް ދެކެމުން އަންނަ ހުވަފެނެއްވެއެވެ. މުސްތަގްބަލުގައި ޤަތަރުގެ ޕްރައިމް މިނިސްޓަރަކަށް ވުމުގެ ހުވަފެނެވެ. މިއަދު އޭނާ އަކީ ފީފާ ވޯލްޑް ކަޕުގެ ބްރޭންޑް އެމްބެސަޑަރެވެ. އެހެންކަމުން ކުޑައިރު ދެކުނު ހުވަފެން، ކައިރި މުސްތަގްބަކެއްގައި ޣާނިމް ހާޞިލް ކުރާނެކަމާ މެދު ޝައްކެއް ނެތެވެ. އޭނާގެ އެ ހިތްވަރާއި ނުގުޑާ އަޒުމުގެ ސަބަބުންނެވެ.

އޭނާ ދައްކައިދެނީ ނުކުޅެދުންތެރިކަމެއް ހުރުމަކީ މީހާ ބާކީވާންޖެހޭ ސަބަބެއް ނޫންކަމެވެ. ދެރަވެ މާޔޫސްވާން ޖެހޭ ކަމެއްވެސް ނޫން ކަމެވެ. އަދި ބައިބައިވެ ދުރުވެގަންނަން ޖެހޭ ސަބަބުތަކަށްވުރެ، ގުޅިގެން އަޙްވަންތަކަމުގައި އެންމެން އުޅެންޖެހޭ ސަބަބުތައް މާގިނަ ކަމެވެ.

މޯގަން ވަނީ ސްޓޭޖުގައި ހޭދަކުރިވަގުތުގައި ޣާނިމްއާ ވަރަށް މުހިންމު ސުވާލެއް ކޮށްފައެވެ. ބެލެވޭ ގޮތުގައި މިއީ ގަތަރަށް އަމާޒުކޮށް ކިޔަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން މޯގަން ކުރި ސުވާލެކެވެ.

އެގޮތުން މޯގަން އަހާފައިވަނީ، ދިރިއުޅެން އޮތީ އެންމެ މަގެއް ކަމަށް ޤަބޫލުކުރާނަމަ، މިހާ ގިނަ ޤައުމުތަކާއި ބަހާއި ޘަޤާފަތްތައް އެއްތަނަކަށް ޖަމާވެ އެންމެން އެކުގައި އުޅޭނީ ކިހިނަކުންތޯއެވެ؟

މި ސުވާލަށް ޣާނިމް ޖަވާބު ދިނީ، ހަތް އުޑުގެ މަތީން ހިދާޔަތުގެ އަލިގަދަ ނޫރު، މުސްލިމުންގެ ދުސްތޫރު ކަމަށްވާ ކީރިތި ޤުރުއާނުގެ މޫރިތި އާޔަތަކުންނެވެ.

އެއީ ސޫރަތުލް ޙުޖުރާތުގެ 13 ވަނަ އާޔަތެވެ.

"އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: آدم ގެފާނާއި، حوّاء ގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު قوم ތަކަށާއި، قبيلة ތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް تعارف ވުމަށްޓަކައެވެ. ހަމަކަށަވަރުން، اللَّه ގެ حضرة ގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ تقوى ވެރި މީހާއެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، خبير ވަންތަ ރަސްކަލާނގެއެވެ."

އާޔަތް ކިއުމަށްފަހު ޣާނިމް ވަނީ މި އާޔަތުގެ އިނގިރޭސި ތަޖުރަމާވެސް ކިޔާދީފައެވެ.

ޣާނިމް ބުނެދޭން ބޭނުންވީ އެންމެ ވާހަކައެކެވެ. އެއީ ތަފާތު ތަކާއެކުވެސް، ގުޅިގެން އެކުވެރި އަޙްވަންތަ ބައެއްގެ ގޮތުގައި އުޅުން ބުއްދިވެރި ވާހަކައެވެ.

ކޮންމެއަކަސް މި ރަސްމިއްޔާތުގެ ތެރެއިން އެތައް ބައެއްގެ ޖަޒުބާތުތަކާއި ކުޅެލި އެތައް ކަންތައްތަކެއް ފެނިގެން ގޮސްފައިވެއެވެ.

މިފަދަ އެތައް ކަންތައްތަކަކާ ގުޅިގެން މިފަހަރުގެ ވޯލްޑް ކަޕް ވެގެންދާނީ މިހާތަނަށް ބޭއްވި އެންމެ ތަފާތު ވޯލްޑް ކަޕަށެވެ. މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ވެގެންދިޔައީ އެންމެ ގިނަބައެއްގެ ޝައުގުވެރިކަން ހުއްޓުނު ރަސްމިއްޔާތަށެވެ.

comment ކޮމެންޓް