ބިއުރޯ އޮފް ކްލެސިފިކޭޝަން އުފެއްދުމުން މިނިސްޓްރީ އޮފް އާޓްސްއަށް އައި ބަދަލުތައް ކޮމިޓީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން--- ފޮޓޯ/ މަޖިލިސް

ފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ގާނޫނުގެ ދަށުން ނެޝެނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން އުފެއްދުމާއި ގުޅިގެން މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖްގެ މަސައްކަތްތަކުގެ ދާއިރާއަށް ގެނަސްފައިވާ ބަދަލުތައް ފާސް ކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ހުށަހެޅުއްވި ގޮތަށް އެ ބަދަލުތައް ގެނައުމަށް ފާސްކުރެއްވުމަށް ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޙުސައިން މުޙައްމަދު ދީދީ ވަނީ އެ ކޮމިޓީގައި އިންނަވާ ހުށަހަޅުއްވާފައެވެ. އެ ހުށަހެޅުމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ތާޢީދުކުރައްވާ، ކޮމިޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

އެއާއެކު އެ ބިއުރޯއަކީ ހެރިޓޭޖް މިނިސްޓްރީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ހަމަޖެހިގެންދާނެއެވެ. އަދި އެ މިނިސްޓްރީގެ ބެލެމުގެ ދަށުން އެ ބިއުރޯއިން ކުރާނެ މަސައްކަތްތައް ކަނޑައެޅިގެންދާނެއެވެ.

އެގޮތުން ބިއުރޯގެ މަސައްކަތްތަކުގެ ތެރޭގައި ގިންތިކުރާ ފަންނީ އުފެއްދުންތަކުގެ ދަފުތަރު ބެލެހެއްޓުމާއި، އަދަބީ އުފެއްދުން ފާސްކުރާ ފަރާތްތަކުގެ ދަފުތަރު ބެލެހެއްޓުމާއި، ގިންތިކުރާ ދިވެހި އުފެއްދުންތަކުގެ އެއް އަސްލު ރައްކާކޮށް ބެލެހެއްޓުން ހިމެނެއެވެ.

ބިއުރޯގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ރާއްޖޭގައި އުފައްދާ އަދި އެތެރެކުރާ ފަންނީ އުފެއްދުންތައް އާންމު ކުރެވެނީ ގާނޫނާއި ގަވައިދުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތަށް ކަން ކަށަވަރުކުރަން ޖެހެއެވެ. އަދި ގާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަކީ ވެސް އެ ގާނޫނޫގެ ދަށުން ބިއުރޯއަށް އޮންނަ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ގާނޫނުން ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން އުފައްދަން ލާޒިމުކުރުމުގެ ކުރިންވެސް ކްލެސިފިކޭޝަން ބިއުރޯއެއް ވަނީ ހިންގާފައެވެ. ނަމަވެސް އެ ބިއުރޯ އުފައްދަން ގާނޫނީ ގޮތުން ލާޒިމް ކޮށްފައިވަނީ ފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ގާނޫނުގެ ތިންވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.

އެ މާއްދާގައި، ރާއްޖޭގައި އުފައްދާ އަދި ރާއްޖެ އެތެރެކޮށް އާންމުކުރާ ފަންނީ އުފެއްދުންތައް ގިންތިކުރުމާ ގުޅޭގޮތުން މަސައްކަތް ކުރާނެ އިދާރާއެއްގެ ގޮތުގައި، 'ނެޝެނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން' ގެ ނަމުގައި އިދާރާއެއް އުފެދުނީ ކަމަށް ބަޔާންކޮށްފައިވެއެވެ.

comment ކޮމެންޓް