ތާރީޚީ ގޮތުން ޤުދުސްގެ މިލްކުވެރިކަން އޮތީ ޔަހޫދީންނަށްތަ؟

މި ކޮލަމުގައި "ފޮރުވައިލި ތާރީޚުން ... މުސްލިމުން ޤުދުސް ފަތަޙަ ކުރުން" މި ސުރުޚީގެ ދަށުން އަޅުގަނޑު ލިޔުނު ކޮލަމަކާ ގުޅިގެން، މީހަކު ޓުވިޓަރުގައި ކުރި ކޮމެންޓުތަކަކަށް، ޖަވާބުގެ ގޮތުގައި އަޅުގަނޑު ވާނީ ލިޔުމެއް ޝާއިޢު ކޮށްފައެވެ.

އެޔާއެކު، އޭނާގެ ކޮމެންޓުތަކުގައި "ޤުދުސް އަކީ ޔަހޫދީންގެ ޤައުމޭ" ބުނެ ކޮށްފައިވާ ދަޢުވާއަށް ޖަވާބުދީ، އެއީ ޙަޤީޤަތް ނޫންކަން ބަޔާން ކޮށްދިނުމަށްޓަކައި ވަކި ލިޔުމެއް އިރާދަފުޅު ކުރެއްވިއްޔާ ލިޔާނޭ ވާހަކަވެސް ދެންނެވީމެވެ.

މި ދެންނެވި ކޮމެންޓުތައް ކުރި މީހާ އޭނާގެ އެއް ކޮމެންޓުގައި ބުނެފައި ވެއެވެ. "ޤުދުސް ޔަހޫދީންނަށް މުހިންމު ވަނީ ބަނީ އިސްރާއީލްގެ ނަބީ ބެއިކަލުންނާއި ދާއޫދާއި ސުލައިމާން އެތާނގައި އުޅުނުކަމަށްޓަކައެއް ނޫނެވެ. ނަމަވެސް އިހު ޒަމާނުގެ އިޒްރޭލް ކިޔާ ޤައުމު އެތަނުގައި އޮތުމުން އެއީ އެމީހުންގެ ޤައުމަށް ވާތީއެވެ." އަދިވެސް އޭނާ ލިޔެފައި ވެއެވެ. "ތިއަށް ބަލާއިރު، ރޯމަނުން ޔަހޫދީންގެ އަމިއްލަ ޤައުމު ޤުދުސް ހިފައި، ތަން ތަޅާލާފައި ޔަހޫދީން ޔޫރަޕަށް ގެންދިޔައީއެވެ. ދެން ފަހުން ހިޓްލަރާއި އެނޫން މީހުން އެމީހުނަށް އަނިޔާވެރިވެ ޤަތުލުޢާއްމު ހިންގުމުން އިނގިރޭސިންގެ ބާރުގައި އަނބުރާ އެމީހުންގެ ވަޒަން ޤުދުސަށް ގެނައީއެވެ. އަދި މިނިވަން ޔަހޫދީ ދަޢުލަތެއް އިޒްރޭލުގެ ނަމުގައި އުފެއްދުނީއެވެ."

މިއީ ޝައްކެއް ވަސްވާހެއް ނެތް ގޮތުގައި، ތާރީޚީ އަޞްލެއް ނެތް ހޮޅި ވާހަކައެކެވެ. ބޮޑު ވެގެންވާ ދޮގެކެވެ. މި ދޮގަކީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އެތައް މިނިކަތިލުމެއް ހިންގައި، އެތައް ސަތޭކަ ފަލަސްޠީނީ އަވަށާއި ރަށްތައް ސުންނާފަތި ކުރުމަށް ފަހު، "ޔޫރަޕިއަން-ވައިޓް-ސެޓްލަރ ކޮލޯނިއަލިޒަމް" ގެ މަގުން ފަލަސްޠީނުގެ ރައްޔިތުންގެ އަމިއްލަ ބިންތަކުގައި ޤާއިމު ކޮށްފައި އޮތް ޢުދުވާނީ އަދި ޣައިރުޤާނޫނީ އެންޓިޓީއެއް ކަމުގައިވާ "އިސްރާއީލް" ގެ އުފެދުމާއި ދެމިއޮތުން ތަބްރީރު ކުރުމަށްޓަކައި، ދޮގުވެރީން ފަތުރާ ޕްރޮޕެގެންޑާ ވާހަކައެކެވެ.

ކަމުގެ ޙަޤީޤަތަށް ބަލާއިރު، ޤުދުސަކީ ޔަހޫދީންގެ އަމިއްލަ ޤައުމެއް ނޫނެވެ. ޔަހޫދީންނަށް އެތަނުގެ މައްޗަށް މިލްކުވެރިކަމުގެ އެއްވެސް ޙައްޤެއް ނެތެވެ. ރޯމަނުން ޔަހޫދީންގެ "އަމިއްލަ ޤައުމު ޤުދުސް" ތަޅައިލައިފައި އެމީހުން ޔޫރަޕަށް ގެންގޮސްފައި ވަނިކޮށް، އިނގިރޭސީން އެމީހުން އަނބުރައި "އެމީހުންގެ ޤައުމު ކަމުގައި ވާ ޤުދުސަށް" ގެނައީއޭ ބުނާ މީހަކީ، އެއްވެސް ކަހަލަ އަޞްލެއް ނެތް ބޮޑު ދޮގެއް ހަދާ މީހެކެވެ.

ޤުދުސާއި ފަލަސްޠީނުގެ މައްޗަށް ސަހުޔޫނީ ޔަހޫދީން ކުރަމުން ގެންދާ މިލްކުވެރިކަމުގެ ދަޢުވާގެ ދޮގުކަން ދެނެގަތުމަށްޓަކައި، މައްސަލައިގެ މައްޗަށް ދެ ނަޒަރަކުން ބަލައިލާން ޖެހެއެވެ. ފުރަތަމައީ ތާރީޚީ ނަޒަރެވެ. އާދެ، ފަލަސްޠީނުގެ ބިމާއި އެ ބިމުގައި ދިރިއުޅުނު މީސްތަކުންގެ ތާރީޚަށް ބަލައިގެން، އެއީ ކޮން ބައެއްގެ ތަނެއްތޯ އަދި އެ ބިމާއި ޔަހޫދީންނާ އޮތް ތާރީޚީ ގުޅުމުގެ ޙަޤީޤަތަކީ ކޮބައިތޯ ދެނެގަތުމަށް މަސައްކަތް ކުރުމެވެ.

ދެވަނަ ގޮތަކީ ދީނީ ނަޒަރަކުން މައްސަލައަށް ބެލުމެވެ. އާދެ، މާތް ރަސޫލު އިބްރާހީމް ޢަލައިހިއްޞަލާތު ވައްސަލާމާއި އެކަލޭގެފާނުގެ ކާފަދަރިކަލުން ނަބީ ޔަޢްޤޫބު ޢަލައިހިއްސަލާމަށް ކީރިތިވަންތަ ﷲ ކުރެއްވެވި ވަޢުދުފުޅުން، ޔަޢްޤޫބު ޢަލައިހިއްސަލާމްގެ ދަރިފަސްކޮޅު ކަމުގައިވާ ބަނީ އިސްރާއީލަށް ފަލަސްޠީނުގެ ބިން ދެއްވެވި ދެއްވެވުމުގެ ޙަޤީޤަތާއި އެކަމާ މެދު ދީނީގޮތުން މިހާރު އޮތް ޙުކުމަކީ ކޮބައިކަން ދެނެގަތުމެވެ.

މި ލިޔުމުގައި އަޅުގަނޑު މައްސަލައަށް ބަލައިލާނީ ތާރީޚީ ނަޒަރުންނެވެ!

ކަންޢާނީންނާއި ކަންޢާން

އިބްރާހީމްގެފާނުގެ ދަރިކަލުން ނަބީ ޔަޢްޤޫބުގެފާނުގެ ދަރިފަސްކޮޅު ކަމުގައި ވާ ބަނީ އިސްރާއީލް ވުޖޫދަށް އައީ، މާތް ނަބީ ޢީސާ ޢަލައިހިއްޞަލާތު ވައްސަލާމްގެ މީލާދުގެ ގާތްގަނޑަކަށް 1700 ވަރަކަށް އަހަރު ކުރީންނެވެ. އޭގެ 2300 ވަރަކަށް އަހަރު ކުރީން – ޢީސާއީ މީލާދުގެ 4000 ވަރަކަށް އަހަރު ކުރީން، ޢަރަބި ބައްރުން ނުކުމެގެން އުތުރަށް ހިޖުރަ ކުރި ޤަބީލާތަކެއްގެ މީހުން، މިހާރު އަޅުގަނޑުމެން ސީރިޔާ، އުރްދުން، ލުބްނާން، އަދި ފަލަސްޠީނޭ މި ކިޔާ ބިންތަކުގައި ވަޒަންވެރި ވިއެވެ. އެ ޤަބީލާތަކަކީ ކަންޢާނީ ޤަބީލާތަކެވެ. އާދެ، ކަންޢާނީންނެވެ.

މިހާރުގެ ސީރިޔާ އާއި އުރްދުނާއި ލުބްނާނާއި ފަލަސްޠީނުގެ ބިންތަކުގައި ކަންޢާނީން ވަޒަންވެރިވެ، އެއުރެން އެ ބިންތައް އާބާދު ކުރިއިރު، އެ ބިންތައް އޮތީ މައިގަނޑު ގޮތެއްގައި ހުސް ބިންތަކެއްގެ ގޮތުގައި ކަމަށް ތާރީޚު ބުނެއެވެ. އެއިރު އެއީ "ޓޭރާ ނޫލިޔަސް" ގެ ގޮތުގައި އޮތް ސަރަޙައްދެކެވެ.

އެހެންކަމުން، ބައިނަލްއަޤްވާމީ ޤާނޫނުގެ އެންމެ މުސްކުޅި އަދި އެންމެ އަސާސީ އުޞޫލުތަކާއި، ތާރީޚީ ގޮތުން ކަން ހިނގަމުން އަންނަ ހަމަތަކާއި އުޞޫލުތަކަށް ބަލާއިރު، މިހާރު ސީރިޔާ އާއި އުރްދުނާއި ލުބްނާނާއި ފަލަސްޠީނޭ ކިޔޭ ބިންތަކުގެ ތާރީޚީ މިލްކުވެރީންނަކީ ކަންޢާނީންނެވެ. އެމީހުންނަކީ އެ ބިންތަކުގެ އަޞްލު ވަޒަންވެރީންނެވެ. އިސްވެ ދެންނެވި ފަދައިން، އެމީހުން އެ ބިން އާބާދުކޮށް އެއީ އެމީހުންގެ ވަޒަން ކަމުގައި ހެދީ ޔަހޫދީން ނުވަތަ ބަނީ އިސްރާއީލުންނޭ ކިޔާ ބަޔަކު ވުޖޫދަށް އައުމުގެވެސް މަދުވެގެން 2300 އަހަރު ކުރީންނެވެ!

އެ ބިންތަކެއްގެ ވާހަކަ އަޅުގަނޑުމެން މި ދައްކާ ބިންތަކަށް ޤަދީމީ ޒަމާނުގައި ކިޔުނު ނަމަކީ ވެސް "ކަންޢާން" އެވެ. ތާރީޚީ އެތައް މަޞްދަރަކުން މިކަން އެނގޭއިރު، ޚުދު ޔަހޫދީންނާއި ނަޞާރާއިންގެ މުޤައްދަސް ފޮތްތަކުގައިވެސް އެ ބިމަށް ކިޔައިފައިވާ ނަމަކީ "ކަންޢާންގެ ބިން" މި ނަމެވެ. ޢިބްރީ ބައިބަލް ނުވަތަ ތަނާޚް، އަދި ނަޞާރާއިން "އޯލްޑް ޓެސްޓަމެންޓް" ގެ ނަމުގައި ގެންގުޅޭ ފޮތުގެ އިނގިރޭސި ތަރުޖަމާ ބައްލަވައިލައްވާށެވެ! އެތައް ތަނެއްގައި އެ ބިންތަކަށް ނިސްބަތް ކޮށް "ލޭންޑް އޮފް ކަނާން" މި ނަން ބޭނުން ކޮށްފައި އެބައޮތެވެ. އެއް މިސާލަކީ، ތަނާޚް ނުވަތަ އޯލްޑް ޓެސްޓަމެންޓުގެ "ޖެނެސިސް" ފޮތުގެ 17 ވަނަ ބާބުގެ 8 ވަނަ އާޔަތެވެ.

ތާރީޚީ މަޢުލޫމާތުތަކުގެ އަލީގައި ބަލާއިރު، ޤުދުސް ޝަހަރަކީވެސް، ކަންޢާނީން ބިނާ ކުރި ޝަހަރެކެވެ. ތާރީޚުން އެނގޭން އޮތް ޤުދުސްގެ އެންމެ މުސްކުޅި ނަން ކަމުގައިވާ "އޫރްޝަލީމް" އަކީ ކަންޢާނީ ނަމެކެވެ. އެމީހުންނަށް ވުރެ ކުރީން އެ ބިމުގައި އިންސާނުނަށް ބަފައިކަލުނަށަވި މާތް ސާހިބާ އާދަމް ޢަލައިހިއް ޞަލާތު ވައްސަލާމް މިސްކިތްކޮޅެއް ބިނާ ކުރެއްވި ކަމަށާއި، އެކަލޭގެފާނުގެ ބެއިފުޅުންގެ ތެރެއިން ޖަމާޢަތެއްގެ މީހުން އެ ބިމުގައި އުޅުނު ކަމަށް ބައެއް އިސްލާމީ ޢިލްމުވެރީން ވިދާޅުވެއެވެ. ކަންޢާނީން ޤުދުސްގެ ބިމުގައި ޝަހަރެއް ބިނާ ކުޅައީ، އާދަމްގެފާނާއި އެކަލޭގެފާނުގެ ބެއިފުޅުން ދިރިއުޅުއްވި ޝަހަރުގެ ވީރާނާ ވެފައި ވާ ބިންގަލުގެ މަތީގައި ކަމަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް މި ނުކުތާގެ މައްޗަށް މި ވަގުތު އަޅުގަނޑުމެން ބަޙުޘް ކުރުމުގެ ބޭނުމެއް ނެތެވެ. ތާރީޚީ ގޮތުން ބަލާ އިރު، މިހާރު ޤުދުސް އެ އޮތް ތަނުގައި ޝަހަރެއް ބިނާ ކޮށް އެ ޝަހަރުގައި އުޅޭން ފެށި ކަމަށް ރިކޯޑުތަކުން ފެންނަ އެންމެ ފުރަތަމަ ބަޔަކީ ކަންޢާނީންނެވެ. އާދެ، ޔަހޫދީން ނުވަތަ ބަނީ އިސްރާއީލުންނޭ ކިޔާ ބަޔަކު ވުޖޫދަށް އައުމުގެ މަދު ވެގެން 2300 އަހަރު ކުރީންނެވެ!

ކަންޢާނުގެ ބިމަކީ ބިޔަ ސަރަޙައްދެކެވެ. ފުރާތު ކޯރާއި މެޑިޓަރޭނިއަން ކަނޑާއި ޢަރަބި ޞަޙަރާ އާ އިން ވާ ގޮތަށް އޮންނަ އެ ސަރަޙައްދުގައި ކަންޢާނީން ވަޒަންވެރި ވުމަށް ފަހު، ދާދި ކުރު މުއްދަތެއްގެ ތެރޭގައި އެމީހުން އެ ބިންތައް ޝަހަރުތަކާއި އަވަށްތަކުން ފުރައިލިއެވެ. ދަނޑުބިންތަކާއި ބުސްތާނުތަކާއި މައިޒާންތަކުން އެއުރެން އެ ބިންތަކަށް ދިރުން ގެނައެވެ. މަދު ޤަރުނުތަކެއް ވެގެން ދިޔަ އިރު އެއީ މަދަނިއްޔަތާއި ޢުމްރާނިއްޔަތާއި ޙަޟާރަތްތެރިކަމުގެ ބޮޑު މަރުކަޒެކެވެ. އެއީ ކަންޢާނެވެ. ކަންޢާނީންގެ ބިމެވެ. އެއިރު އަދި ބަނީ އިސްރާއީލޭ ނުވަތަ ޔަހޫދީންނޭ ކިޔާ ބަޔަކު ދުނިޔެއަށް އަންނާން 2000 ވަރަކަށް އަހަރު އޮތެވެ! މިއީ ބަޔަކަށް ފޮރުވައިލެވޭން ނެތް ޙަޤީޤަތެވެ.

ފާތިޙުންނާއި ޤައުމުތަކާއި ޤަބީލާތައް

ޤަދީމީ ޒަމާނުގައި ކަންޢާނޭ ކިޔުނު ބިމަކީ ދުނިޔޭގެ އެންމެ އިސްތިރާޖީ އެއް ސަރަޙައްދެވެ. އެއީ އޭޝިޔާގެ ހުޅަނގު، ޔޫރަޕާއި އެފްރިކާއާ ގުޅުވައިދޭ ފާލަމެއް ކަހަލަ ސަރަޙައްދެކެވެ. ޤަދީމީ ޒަމާނުގެ އެންމެ ފުރަތަމަ ޙަޟާރަތްތައް ވުޖޫދު ވެގެން އައީ އެ ބިމުގެ ވަށައިގެން ހުރި ސަރަޙައްދުތަކާއި ޚުދު އެ ބިމުގައެވެ. މި ވާގިޔާގެ ނަތީޖާއަކީ، ޤަދީމީ ޒަމާނުގައި ވެސް އަދި އޭގެ ފަހުން ވެސް އެ ހިސާބުގަނޑުގައި ބޮޑު ބާރެއް ކަމުގައި ވި ކޮންމެ ޤައުމެއްގެ ބަޔަކު ވެސް ކަންޢާނުގެ ބިމަށް އަރައި، އެ ބިމުގެ ތަންތަން ފަތަޙަ ކޮށް، އެ ބިމުގެ މައްޗަށް ވެރިކަން ހިންގޭތޯ މަސައްކަތް ކުރުމެވެ.

މި ގޮތުން ބަލާ އިރު، ކަންޢާނުގެ ތާރީޚަކީ ފާތިޙުންގެ ތާރީޚެކެވެ. ހަނގުރާމަތަކާއި ތަހާޖުމުގެ ތާރީޚެކެވެ. ކަންޢާނީން ކަންޢާނުގެ ބިން އާބާދު ކޮށް އެ ބިމުގައި އުޅެމުން ދަނިކޮށް، އެކި ޒަމާންތަކުގައި އެ ބިން ފަތަޙަ ކޮށްގެން އެ ބިމުގައި ވެރިކަން ކޮށްފައި ވާ ޤައުމުތަކުގެ ލިސްޓަކީ ދިގު ލިސްޓެކެވެ. އެ ލިސްޓުގައި މިޞްރީންނާއި، ޙިއްޘީންނާއި، އާޝޫރީންނާއި، ބާބިލީންނާއި، ފާރިސީންނާއި، ގިރީކުންނާއި، ރޯމަނުންނާއި، ޢަރަބީންނާއި، ތުރުކީން ހިމެނެއެވެ. ހަމަ އެޔާއެކު، ކަންޢާނީން އެ ބިމުގައި އުޅޭން ފެށި ފަހުން، އެ ބިމަށް އައިސް އެ ބިމުގެ ތަންތަންކޮޅުގައި އާބާދު ވެ، އެ ބިމަށް އަހުލުވެރި ވި ކިތަންމެ ބަޔަކު ވެސް ތާރީޚުން ފެނެއެވެ. އޭގެ ތެރޭގައި ޔާބޫސީންނާއި، ފިލިސްޠީންނާއި، އަނާޠޫލީ ޔޫނާނީންނާއި، ލީދީ ޔޫނާނީންނާއި، އާމޫރީންނާއި، އަދޫމީންނާއި، ނަބަޠީންނާއި، އާރާމީންނާއި، ޞަލީބީ ޔޫރަޕިއަނުންނާއި، ސަރްކަޝީންނާއި، ކުރުދީންނާއި، މަމްލޫކީން ހިމެނެއެވެ. މީގެ ތެރެއިން "ފިލިސްޠީން" ނޭ މި ދެންނެވި ޤަބީލާ އަކީ މެޑިޓަރޭނިއަން ކަނޑުގައި އޮންނަ "ކްރީޓް" ނުވަތަ ކިރީތެވެ ކިޔޭ ޖަޒީރާއިން ހިޖުރަ ކޮށް، ކަންޢާނުގެ ބިމުގެ އެންމެ ހުޅަނގަށް، މެޑިޓަރޭނިއަން ކަނޑުގެ އައްސޭރިއަށް، އަދި ސީނާގެ ސަހަރާއާ އިން ވާ ގޮތަށް އޮންނަ ސަރަޙައްދުގައި ވަޒަންވެރި ވި ބައެކެވެ. ކަންޢާނުގެ ބިމުގެ ތެރެއިން މިހާރު "ފަލަސްޠީން" އެވެ ކިޔާ ސަރަޙައްދުގެ ނަން އުފެދިފައި ވަނީ ފިލިސްޠީ ޤަބީލާގެ ނަމުންނެވެ. އެމީހުން ކަންޢާނުގައި ވަޒަންވެރި ވީ ވެސް ބަނީ އިސްރާއީލުން ކަންޢާނުގެ ބިމަށް އައުމުގެ ކުރީންނެވެ.

ފަލަސްޠީނީން

މިއަދު ފަލަސްޠީނުގައި އެތިބަ ޢަރަބީންނަކީ މި ދެންނެވި ގޮތުގެ މަތީން، އެންމެ ފުރަތަމަ ކަންޢާނީން، އަދި އޭގެ ފަހުން ކަންޢާނީންގެ ބިން ފަތަޙަ ކޮށްގެން އެ ބިމުގެ ވެރިކަން ހިންގި އެކިއެކި ޤައުމުތަކުގެ މީހުންނާއި، އެ ބިމަށް އެކިއެކި ދައުރުތަކުގައި ހިޖުރަ ކޮށް އެ ބިމުގައި ހުރި ކަންޢާނީ ޝަހަރުތަކާއި އަވަށްތަކުގައި ވަޒަންވެރި ވި ޤައުމުތަކާއި ޤަބީލާތަކުގެ މީހުންގެ މެދުގައި ކައިވަނީގެ ގުޅުން ޢާއްމު ވެ، އެ ޤައުމުތަކާއި ޤަބީލާތަކުގެ މައިކަށިތަކުން އުފަން ވެގެން އައި ޤައުމެކެވެ. ފަލަސްޠީނުގެ ބިމުގައި އުފެދި އަމިއްލަ ޝަޚްޞިއްޔަތެއް ލިބިފައި ވާ ޤައުމެކެވެ. އެ ބިމުގައި ވުޖޫދު ވެފައި ވާ އެ ބިމަށް އަހުލުވެރި ޤައުމެކެވެ. އެ ބިމަށް އުފަން ޤައުމެކެވެ. އެމީހުންގެ ނަމަކަށް ފަހުގެ ދައުރުތަކުގައި "ފަލަސްޠީނީންނޭ" ކިޔިފައި ވަނީއެވެ. އެމީހުންގެ އަޞްލަކީ ކަންޢާނީންނާ ހަމައިން ފެށިގެން އެ ބިމުގައި އުޅުނު އެތައް ޤައުމަކާއި އެތައް ޤަބީލާއެކެވެ.

"ފަލަސްޠީނީންނަކީ" ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވައްސަލަމައަށް ފަހު، ޚުލަފާއުއްރާޝިދޫންގެ ދައުރުގައި ޢަރަބި ކަރައިން އެ ބިމަށް ގޮސް އެތަން ފަތަޙަ ކޮށްގެން އުޅޭ ޢަރަބި މުސްލިމުން ކަމަށް ތާރީޚުގެ ތަންދޮރު ވަކިނުވާ ޖާހިލުން ހީ ކުރެތެވެ! އެއުރެން ހީ ކުރާ ގޮތުގައި، މިއަދުގެ ފަލަސްޠީނީން ޢަރަބި ބަހުން ވާހަކަ ދައްކަނީ، އަދި އިސްލާމުންގެ ގޮތުގައި ތިބެނީ އެއުރެންނަކީ އަޞްލު ޢަރަބި ކަރައިން ފަލަސްޠީނަށް ދިޔަ މުސްލިމުން ކަމުގައި ވާތީއެވެ. ނަމަވެސް މިއީ އެއުރެންނަށް ކުރެވޭ ބޮޑު ކުށްހީއެކެވެ. މި ދެންނެވި ފަދައިން، ނަމަވެސް މިއީ ޙަޤީޤަތެއް ނޫނެވެ. ފަލަސްޠީނީންނަކީ މީގެ 8000 އަހަރު ކުރީއްސުރެ ފަލަސްޠީނުގެ ބިމުގައި އުޅުނު އެ ބިމުގެ އަހުލުވެރި ކަންޢާނީންގެ ދަރިފަސްކޮޅުން އައިސް ތިބި، އެހެން އެކިއެކި ޤައުމުތަކާއި ޤަބީލާތަކުގެ ލޭ ވެސް އެމީހުންގެ ލެޔާ އެކު ވެފައި ވާ، އެ ބިމަށް އުފަން، އެ ބިމުގެ އަހުލުވެރި، އެ ބިމުގެ މިލްކުވެރި ޤައުމެވެ. އެމީހުންގެ ބިމަށް ދާދި ފަހަކާ ޖެހޭންދެން ވެސް ބޭރު މީހުން އައިސް އެމީހުންނާ އެކު ވެ ތަނަށް އަހުލުވެރި ވުމާއި، އެމީހުންގެ ތެރެއިން ބައެއް މީހުން ތަނުން ބޭރު ވެ އެހެން ތަންތަނުގައި ވަޒަންވެރިވުން ހިސާބަކަށް އޮތް ކަމުގައި ވިޔަސް، ފަލަސްޠީނީންގެ އަޞްލެއް ނުއޮޅެއެވެ. އެމީހުންގެ ބިމަކުން އެމީހުން ބޭރެއް ވެސް ނުވެއެވެ. އެ ބިމަށް އެމީހުންނަށް އޮތް މިލްކުވެރިކަމާއި އަހުލުވެރިކަމުގެ ޙައްޤަށް 8000 އަހަރުގެ ތެރޭގައި ދުވަހަކު ވެސް ބަދަލެއް އައިސްފައި ނުމެވޭމެއެވެ. ޚުދު ހުޅަނގުގެ ބޮޑެތި މުއައްރިޚުން ވެސް މި ޙަޤީޤަތް ޤަބޫލު ކުރައްވައެވެ. މިސާލެއްގެ ގޮތުން، ހުޅަނގުގެ އެންމެ މަޝްހޫރު އެއް މުއައްރިޚް ކަމުގައި ވާ ބާރނާރޑް ލުވިސް ލިޔުއްވި "ސެމައިޓްސް އެންޑް އެންޓި-ސެމައިޓްސް: އޭން އިންކުއަރީ އިންޓު ކޮންފްލިކްޓް އެންޑް ޕްރެޖުޑިސް" މި ފޮތުގެ 49 ވަނަ ޞަފުޙާ ބައްލަވާށެވެ!

ތާރީޚުގެ އެކި ދައުރުތަކުގައި "ކަންޢާން" ގެ ބިމުގެ އަހުލުވެރީންގެ ޤައުމީ އަދި ނަސްލީ ޝަޚްޞިއްޔަތަށް ތަދުވީރީ ބަދަލުތައް އައި ފަދައިން، އެ ބިމުގެ އަހުލުވެރީންގެ ދީނާއި ބަހަށް ވެސް ބަދަލުތައް އައެވެ. ތާރީޚުން ފެންނާން ހުރި ހެކިތަކަށް ބަލާ އިރު، އިބްރާހީމްގެފާނު ޢިރާޤުން ނުކުމެވަޑައިގެން ކަންޢާނަށް ވަޑައިގަތް އިރު، ކަންޢާނީންނަކީ ބާޠިލު ކަލާނގެތަކުގެ ބުދުތަކާއި ބުދުފައްޅިތައް ހަދައިގެން އެ އެއްޗެއްސަށް އަޅުކަން ކުރަމުން ގެންދިޔަ ބައެކެވެ. ބަނީ އިސްރާއީލުގެ ނަބީރަސޫލުންގެ ޒަޢާމަތުގައި ކަންޢާނުގެ ވަކި ހިސާބެއްގައި އިބްރާހީމީ މިއްލަތުގެ ރަސްކަމެއް ޤާއިމު ވުމުން، އެ ބިމުގެ މައިގަނޑު ދީނަކީ ނަބީރަސޫލުންގެ ދީން ކަމުގައި ވިއެވެ. ޢީސާއީ މީލާދުން 300 ވަރަކަށް އަހަރު ފާއިތު ވިފަހުން، އެއިރު އެ ބިމުގައި ރަސްކަން ކުރަމުން ގެންދިޔަ ރޯމަނުން ނަޞާރާ ދީނަށް ވަނުމުން، އެ ބިމުގެ މައިގަނޑު ދީނަކީ ނަޞާރާ ދީން ކަމުގައި ވެއްޖެއެވެ. އޭގެ 350 ވަރަކަށް އަހަރު ފަހުން ޢަރަބި މުސްލިމުން އެ ބިން ފަތަޙަ ކުރުމަށް ފަހު، މަޑުމަޑުން އެ ބިމުގެ އަހުލުވެރީންގެ ތެރޭގައި އިސްލާމް ދީން ފެތުރުނީއެވެ. ބަހަށް ބަލަންޏާ، ކަންޢާނުގެ އަހުލުވެރީންގެ އެންމެ މުސްކުޅި ބަހަކީ ސާމީ ކަންޢާނީ ބަހެކެވެ. ބަނީ އިސްރާއީލުންގެ ދުވަސްވަރު، އެ ބިމުގެ އަހުލުވެރީންގެ ބަސް ޢިބްރީ ބަހުގެ ނުފޫޒުގެ ދަށުގައި ގާތްގަނޑަކަށް ނެތިދިޔައެވެ. ފަހުން އެ ބިންތަކުގައި ޢާއްމު ވީ އާރާމީ ބަހެވެ. އޭގެ ފަހުގައި ސުރްޔާނީ ބަހާއި ގިރީކު ބަހާއި ލެޓިން ބަހެވެ. އެޔަށްފަހު، ޢަރަބި އިސްލާމީ ނުފޫޒުގެ ސަބަބުން މުޅި އެ ހިސާބުގަނޑުގެ އަހުލުވެރީންގެ ބަހަކީ ޢަރަބި ބަސް ކަމުގައި ވެގެން ދިޔައީއެވެ. ފަލަސްޠީނީންގެ ދީނަކީ އިސްލާމް ދީން ކަމުގައި، އަދި އެމީހުންގެ ބަހަކީ ޢަރަބި ބަސް ކަމުގައި ވެގެން ދިޔަ ގޮތަކީ މިއެވެ.

ކަންޢާނުގެ ބިމަށް ކިޔޭ ޖުޣުރާފީ ގޮތުން ކިޔޭ ނަންތައް ވެސް އައީ ބަދަލު ވަމުންނެވެ. އެންމެ ފުރަތަމަ އެއީ "ކަންޢާން" އެވެ. އެޔަށްފަހު އެ ބިމަށް ނުވަތަ އެ ބިމުގެ ވަކިވަކި ސަރަޙައްދުތަކަށް އެކިއެކި ނަންތައް ކިޔެމުން އައިސްފައި ވެއެވެ. މައިގަނޑު ގޮތެއްގައި އެ ނަންތައް ތަފާތު ވަނީ، އެކި ޤައުމުތަކުގެ މީހުން އެމީހުންގެ އަމިއްލަ ބަސްބަހުން އެ ބިމަށް ތަފާތު ނަންތައް ކިޔުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. އެގޮތުން މުޅި ކަންޢާނަށް ނުވަތަ ކަންޢާނުގެ ވަކިވަކި ސަރަޙައްދުތަކަށް ކިއިފައި ވާ ތަފާތު ނަންނަމުގެ ތެރޭގައި "އަސީރިޔާ" އާއި "ފީނީޝިއާ" އާއި "ބިލާދުއް ޝާމް" އާއި، "ސީރިޔާ" އާއި "ސީރިޔާ ޕެލަސްޓީނާ" ހިމެނެއެވެ. ކުރީން ވެސް ދެންނެވި ފަދައިން، މިހާރު އެ ބިމުގައި އޮތީ ތިން ދައުލަތެކެވެ. އެއީ ސީރިޔާ އާއި އުރްދުނާއި ލުބްނާނެވެ. ދެން އޮތީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް ޢުދުވާނީ ގޮތުން އުފައްދައިފައި ވާ ޣައިރުޤާނޫނީ ސަހްޔޫނީ އެންޓިޓީއެއް ކަމުގައި ވާ އިސްރާއީލުގެ ޢުދުވާނީ އިޙުތިލާލުގެ ދަށުގައި އޮތް ފަލަސްޠީނުގެ ބިމެވެ.

ބަނީ އިސްރާއީލުން

އިސް ވެދިޔަ ޕެރެގުރާފުތަކުން ނުހަނު ރަނގަޅަށް ސާފު ވެވަޑައިގަންނަވާނޭ ފަދައިން، ކަންޢާނުގެ ބިމުގެ އަޞްލު ވަޒަންވެރީންނަކީ ކަންޢާނީންނެވެ. ކަންޢާނީންނަކީ މިހާރު ފަލަސްޠީނުގައި އެތިބަ ޢަރަބި ބަހުން ވާހަކަ ދައްކާ މުސްލިމުންގެ މައިގަނޑު އަޞްލެވެ. ކަންޢާނީން އެ ބިމުގައި ވަޒަންވެރި ވެ، އެ ބިމުގައި ބޮޑު ޙަޟާރަތްތެރިކަމެއް ޤާއިމު ކުރީ، ބަނީ އިސްރާއީލުން ނުވަތަ ޔަހޫދީންނޭ ކިޔޭ ނަސްލެއް ވުޖޫދަށް އައުމުގެ ވެސް މަދު ވެގެން 2300 އަހަރު ކުރީންކަން އަނެއްކާވެސް ހަނދުމަފުޅު އައު ކޮށްއެރުވުމުގެ ގޮތުން ދަންނަވަމެވެ.

މި ހިސާބުން، ބަނީ އިސްރާއީލުންނަކީ ކޮބައިތޯ، އަދި އެމީހުންނާ ކަންޢާނުގެ ބިމާ – ޚާއްޞަކޮށް ފަލަސްޠީނުގެ ބިމާ – އޮތް ތާރީޚީ ގުޅުމަކީ ކޮބައިތޯ ބަލައިލަމާ ހިންގަވާށެވެ!

ބަނީ އިސްރާއީލުންނަކީ އިބްރާހީމްގެފާނުގެ ދަރިފަސްކޮޅު ބެހިގެން ދާ މައިގަނޑު ދެ ޤައުމުގެ ތެރެއިން ޤައުމެކެވެ. އެމީހުންގެ އަޞްލަކީ އެކަލޭގެފާނުގެ ދަރިކަލުން އިސްޙާޤްގެފާނުގެ ދަރިކަލުން ޔަޢުޤޫބްގެފާނެވެ. ޔަޢުޤޫބުގެފާނުގެ ލަޤަބުފުޅެއް ކަމުގައި "އިސްރާއީލް" ވެއެވެ. އެކަލޭގެފާނުގެ ބާރަ ފިރިހެން ބެއިފުޅުންނާއި އެ ބާރަ ފިރިހެން ބެއިފުޅުންގެ ދަރިފަސްކޮޅުން އުފެދުނު ޤައުމަކީ "ބަނީ އިސްރާއީލް" ނުވަތަ "އިސްރާއީލްގެ ދަރީން" ނެވެ.

ބަނީ އިސްރާއީލާއި ކަންޢާނުގެ ބިމާ އޮތް ތާރީޚީ ގުޅުމަކީ ކޮބައިތޯ ބަލާ އިރު، ފެންނާން ހުރި ޙަޤީޤަތްތަކާއި ދުނިޔޭގެ ބިމުގެ ސަރަޙައްދުތަކުގައި އެކިއެކި ޤައުމުތަކާއި ޤަބީލާތައް ވަޒަންވެރި ވެ އަހުލުވެރި ވުމާ ބެހޭ ޢުރުފުތަކާއި ޤާނޫނުތަކުގެ އަލީގައި ބުނާން ޖެހެނީ އެއްވެސް ގުޅުމެއް ނެތް ކަމުގައެވެ. އެތައް ސަބަބަކާ ހުރެއެވެ.

އެންމެ ފުރަތަމަ ކަމަކަށް، ބަނީ އިސްރާއީލުގެ އަޞްލު ކަމުގައި ވާ އިބްރާހީމްގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުން ސައްޔިދާ ސާރާ ޢަލައިހައްސަލާމަކީ މިހާރުގެ ޢިރާޤުގެ ބިމުގައި އުފަން ވެވަޑައިގަތް ބެއިފުޅުންނެވެ. އެއީ ކަންޢާނެއް ނޫނެވެ. އިބްރާހީމްގެފާނާއި ސާރާ ޢިރާޤުން ނުކުމެވަޑައިގެން ކަންޢާނާއި މިޞުރުގައި އެކި ދިމަދިމާޔަށް ދަތުރުފުޅު ކުރެއްވުމުގައި ދިގު ޒަމާންތަކެއް ހޭދަ ކުރެއްވުމަށް ފަހު، އާޚިރުގައި ކަންޢާނުގެ ރަށެއް ކަމުގައި ވާ ހަބްރޫނުގައި – ހަބްރޫނަކީ މިހާރުގެ ފަލަސްޠީނުގެ ސަރަޙައްދުގައި އޮންނަ ރަށެއް – ވަޒަންވެރި ވެވަޑައިގަތެވެ. އެ ދެކަނބަލުންނަށް އިސްމާޢީލުގެފާނާއި އިސްޙާޤުގެފާނު ލިބިވަޑައިގަތީ ހަބްރޫނުގައެވެ. މީގެ ތެރެއިން އިސްޙާޤުގެފާނު ކައިވަނިފުޅު ބައްލަވައިގަތީ އެކަލޭގެފާނުގެ ބައްޕާފުޅުގެ ޢާއިލާގެ ތެރެއިން، ޢިރާޤުގެ ބެއިކަނބަލެއް ކަމުގައި ވާ ރިފްޤާއެވެ. ބަނީ އިސްރާއީލުގެ ބައްޕަ ކަމުގައި ވާ ޔަޢުޤޫބުގެފާނަކީ އިސްޙާޤުގެފާނާއި ރިފްޤާއާ ދެކަނބަލުންގެ ބެއިފުޅެކެވެ. ޔަޢުޤޫބުގެފާނުގެ ބާރަ ފިރިހެން ބެއިފުޅުންގެ މައިކަނބަލުންނީ ވެސް ޢިރާޤުގެ ބެއިފުޅުންނެވެ. އެހެންކަމުން، އެ ބެއިފުޅުން ކަންޢާނުގެ ބިމުގައި އުފަން ވެވަޑައިގަތްކަން ފިޔަވައި އެހެން އެއްވެސް ގޮތަކުން، އެ ބެއިފުޅުންނަކީ ކަންޢާނާ އެއްވެސް ކަހަލަ ގުޅުމެއް އޮތް ބެއިފުޅުންނެއް ނޫނެވެ. އެ ބެއިފުޅުންގެ ޤައުމީ، ވަޠަނީ، ޢާއިލީ އަޞްލު އޮތީ މިހާރުގެ ޢިރާޤުގައެވެ. ދެން، އެ ބެއިފުޅުން ކަންޢާނުގެ ބިމުގައި ދުނިޔެއަށް ވަޑައިގަތްގަތުމަކީ، އެ ބެއިފުޅުންގެ ނަސްލަށް ކަންޢާނުގެ ބިން ޤައުމީ ބިމެއް ނުވަތަ ވަޒަނެއްގެ ގޮތުގައި މިލްކު ވާން ޖެހޭ ސަބަބެއް ނޫނެވެ. އެ ވާގިޔާގެ ސަބަބުން އެ ބެއިފުޅުންނަށް ލިބިވަޑައިގަތަސް ލިބިވަޑައިގަންނަވާނޭ އެންމެ ބޮޑު ޙައްޤަކީ ކަންޢާނުގެ ބިމުގައި ދިރިއުޅުއްވުމުގެ ޙައްޤެވެ. ހަމަ އެޔާއެކު، މައްކާ އާއި ކައިރި ހިސާބުހިސާބުގެ އެތައް ޢަރަބި ޤަބީލާއެއްގެ އަޞްލު ކަމުގައި ވާ، އިބްރާހީމްގެފާނުގެ ދަރިކަލުން އިސްމާޢީލްގެފާނު ވެސް އުފަން ވެވަޑައިގަތީ ހަބްރޫނުގައެވެ. އެހެންކަމުން، އިސްޙާޤާއި ޔަޢްޤޫބު ހަބްރޫނުގައި އުފަން ވެވަޑައިގަތުމުގެ ސަބަބުން އެ ބެއިފުޅުންނަށް ކަންޢާނުގެ ބިމަށް އޮތް ޙައްޤެއް، އިސްމާޢީލުގެފާނަށް ވެސް އޮންނާނޭތާއެވެ!

ދެން ފާހަގަ ކޮށްލާން ޖެހޭ ކަމަކީ، ޔަޢުޤޫބުގެފާނުގެ ބާރަ ބެއިފުޅުން، އެ ބެއިފުޅުންނަށް ދަރީންނާއި ދަރީންގެ ދަރީން ލިބިވަޑައިގެން، ޤަބީލާއެއް ނުވަތަ ޤައުމެއްގެ ގޮތުގައި ފެތުރިގެން ދިޔުމުގެ ކުރީން ކަންޢާނުން ނުކުމެވަޑައިގެން ދާއިމީ ގޮތެއްގައި ހިޖުރަ ކުރެއްވިކަމެވެ. ތާރީޚުގެ އަހުލުވެރީންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، ނަބީ ޔޫސުފް ޢަލައިހިއްސަލާމްގެ ޙަޔާތްޕުޅުގައި، އެކަލޭގެފާނުގެ ބައްޕާފުޅު ޔަޢުޤޫބްގެފާނުގެ އަރިޔަހުގައި، އެކަލޭގެފާނުގެ އެގާރަ އަޚުން ވަނީ ހަބްރޫން ދޫ ކުރައްވައި މިޞްރަށް ހިޖުރަ ކުރައްވައިފައެވެ. ދާއިމީ ގޮތެއްގައެވެ. އިސްރާއީލުގެ ބާރަ ބެއިފުޅުންގެ މައިކަށިފުޅުތަކުން ޖީލުތައް ފައިދާ ވެ، އެއުރެންނީ ޤައުމެއް ނުވަތަ ވަކި ޤަބީލާއެއް ކަމުގައި ވެގެން ދިޔައީ މިޞްރުގެ ބިމުގައެވެ. އެހެންކަމުން، އެ ބިމެއްގައި ބަނީ އިސްރާއީލުގެ ދަރިކޮޅު ވުޖޫދު ވި ޤައުމަކީ މިޞްރެވެ. ކަންޢާނެއް ނޫނެވެ. ބަނީ އިސްރާއީލުން މިޞްރުގައި 400 އަހަރު ވާންދެން އުޅުނެވެ. މާތް ރަސޫލު މޫސާ ޢަލައިހިއްޞަލާތު ވައްސަލާމްގެ އަރިޔަހުގައި އެއުރެން މިޞްރުން ނުކުތީ އެ ބިމުގެ އަހުލުވެރީންގެ ގޮތުގައި 400 އަހަރު އުޅުމަށް ފަހުގައެވެ.

ބަނީ އިސްރާއީލްގެ ނަސަބީ އަޞްލު ވެސް، އަދި އެމީހުން ވަކި ޤަބީލާއެއް ނުވަތަ ޤައުމަކަށް ވެގެން ދިޔުން ވެސް އޮތީ ކަންޢާނުގެ ބިމުގައި، ނުވަތަ މިހާރުގެ ފަލަސްޠީނުގެ ބިމަކު ނޫނެވެ. ތާރީޚީ ގޮތުން ބަލާ އިރު، އެމީހުންނަކީ ކަންޢާން ނުވަތަ ފަލަސްޠީނުގެ ބިމަށް އުފަން، އެ ބިމަށް އަހުލުވެރި، އެ ބިމުގެ ދަރީންނޭ ބުނެވޭނޭ ހަރުދަނާ އެއްވެސް އަސާސެއް ނެތެވެ. އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނާއި ޔަޢުޤޫބުގެފާނުގެ ބެއިފުޅުން އަހަރުތަކެއް ވާންދެން ކަންޢާނުގެ ރަށެއްގައި އުޅުއްވިއުޅުއްވުން ފިޔަވައެވެ. އެ އުޅުއްވީ ވެސް، ކަންޢާނުގައި ކަންޢާނީން ބިނާ ކޮށްފައި އޮތް ކަންޢާނީ ޝަހަރެއް ކަމުގައި ވާ ހަބްރޫނުގައެވެ. އެ ބެއިފުޅުން ކަންޢާން ދޫ ކުރައްވައި މިޞްރަށް ހިޖުރަ ކުރެއްވުމާ ހަމަޔަށް ވެސް، އެ ބެއިފުޅުން ކަންޢާނުގައި އަމިއްލަފުޅަށް ބިނާ ކުރެއްވި އަވަށްގަނޑެއްހައި ހިސާބު ވެސް ނެތެވެ. މި ރޮނގުން ވިސްނާ އިރު، ބަނީ އިސްރާއީލުންގެ ވަޒަނަކީ ޢިރާޤު ނުވަތަ މިޞްރޭ ބުނުން ވެސް، އެއީ ފަލަސްޠީނޭ ބުނުމަށް ވުރެ ހުރިހައި ގޮތަކުން އައުލާކަން ބޮޑެވެ.

ބަނީ އިސްރާއީލުގެ ރަސްކަން

ޔަޢްޤޫބުގެފާނާއި އެކަލޭގެފާނުގެ ބެއިފުޅުން މިޞްރުގައި ވަޒަންވެރި ވެވަޑައިގެން، އެ ބެއިފުޅުންގެ ދަރިފަސްކޮޅު މިޞްރުގައި ވަކި ޤައުމެއް ނުވަތަ ޤަބީލާއެއްގެ ސިފަ އިޚްތިޔާރު ކުރުމަށް ފަހު، ޤަރުނުތަކެއް ފާއިތު ވި ފަހުން، އެއުރެންގެ ތެރެއިން މޫސާ ޢަލައިހިއްޞަލާތު ވައްސަލާމް ރަސޫލުކަމާއިގެން ފޮނުއްވުނެވެ. އެކަލޭގެފާނުގެ އަރިޔަހުގައި އެމީހުން މިޞްރުން ނުކުމެގެން ހިޖުރަ ކުރީ ސައިނާގެ ޞަޙަރާއަށެވެ. އެ ޞަޙަރާގައި 40 ވަރަކަށް އަހަރު އުޅުމަށް ފަހު، ޔޫޝަޢު ބިން ނޫންގެ ޒަޢާމަތުގައި އެމީހުން ފަލަސްޠީނަށް އެރިއެވެ. އަދި ފަލަސްޠީނުގެ ސަރަޙައްދުތައް ފަތަޙަ ކުރުމުގެ ސިލްސިލާއެއް ފެށިއެވެ. މި ފަތަޙަތަކާ އެކު އެބައިމީހުން ފަލަސްޠީނުގައި ޤާއިމު ކުރި ރަސްކަން މަޝްހޫރު ވެފައި ވަނީ "މަމްލަކަތުލް އިސްރާއީލް" ގެ ނަމުންނެވެ. އަޅުގަނޑުގެ ލިޔުމަށް ކޮމެންޓް ކުރި މީހާ " އިހު ޒަމާނުގެ އިޒްރޭލް ކިޔާ ޤައުމު" ޤުދުސްގައި އޮތީއޭ ބުނެ ވާހަކަ އެ ދައްކަނީ މި ވާގިޔާއަށް އިޝާރާތް ކޮށެވެ. އޭނާ ދެކޭ ގޮތުގައި، އަދި މިއަދު ސަހްޔޫނީ އަނިޔާވެރީންނާއި އެމީހުންގެ ޕްރޮޕެގެންޑާ ޤަބޫލު ކޮށް އެ ޕްރޮޕެގެންޑާ ފަތުރާ އެންމެން ވެސް ބުނާ ގޮތުގައި، ފަލަސްޠީނުގެ ބަޔަކާއި ކަންޢާނުގެ ބައެއް އެހެން ހިސާބުތަކުގައި މި ދެންނެވި "މަމްލަކަތުލް އިސްރާއީލް" އެއް އިރެއްގައި އޮތުމުގެ ނަތީޖާއެއްގެ ގޮތުން، ތާއަބަދަށް މުޅި ފަލަސްޠީނުގެ ބިން ޔަހޫދީންގެ މިލްކަކަށް ވެއެވެ. އޭގެ ސަބަބުން ފަލަސްޠީނަކީ ޔަހޫދީންގެ "ތާރީޚީ ވަޒަން" ކަމުގައި ވެއެވެ. ނަމަވެސް ޙަޤީޤަތުގެ މައްޗަށް ވިސްނުން ފޯރުވައިލުމުން، މިއީ އެއްވެސް ކަހަލަ އަސާސެއް ނެތް ވާހަކައެއްކަން ކޮންމެ މީހަކަށް ވެސް ވިސްނޭނެއެވެ. އިބްނު ސީނާގެ ސިކުނޑި ވަރުގެ ސިކުނޑިއެއް ނެތަސް ވެހެވެ.

އެންމެ ފުރަތަމަ ކަމަކަށް، މަތީގައި ސާފުކޮށް ދެންނެވިފައި ވާނޭ ފަދައިން، ބަނީ އިސްރާއީލުން ފަލަސްޠީނުގެ ބިމަށް އައިސް އެ ބިން ފަތަޙަ ކޮށްގެން އެ ބިމުގައި ރަސްކަމެއް ޤާއިމު ކުރި އިރު، އެ ބިމަކީ – އަދި ކިޔެއްތަ، މުޅި ކަންޢާނުގެ ބިމަކީ – ބަޔަކު ވަޒަންވެރި ވެގެން، ބަޔަކު އެ ބިން އާބާދު ކޮށްގެން، އެ ބިމުގެ އަހުލުވެރީންގެ ގޮތުގައި އުޅޭތާ މަދު ވެގެން 2300 އަހަރު ވެފައި އޮތް ބިމެކެވެ. ބަނީ އިސްރާއީލުންގެ ރަސްކަމެއް ފަލަސްޠީނުގެ ބިމުގައި ޤާއިމު ވުމަށް ފަހު ވެސް، އެ ބިމުގެ ޙަޤީޤީ ވަޒަންވެރީން އެ ބިމުގައި ދެމިތިއްބެވެ. އެމީހުން އެ ބިން ދޫ ކޮށްލައިފައި، ބަނީ އިސްރާއީލުންނަށް އެ ބިން ދީފައި، އެހެން ތަނަކަށް ހިޖުރައެއް ނުކުރެއެވެ. އެހެން ވަޒަނެއް ހޯދައި، އެހެން ބިމެއްގައި ތިމާމެންގެ ގެދޮރު ޤާއިމު ކޮށްގެން އުޅޭކަށް ނުފަށައެވެ. އެހެންކަމުން، ބޭރުން އައި ބަޔަކު ކަންޢާނުގެ ބައެއް ފަތަޙަ ކުރި ކުރުމަކުން، ކަންޢާނީންނަށް އެމީހުންގެ އަމިއްލަ ބިމުގެ މައްޗަށް އޮތް މިލްކުވެރިކަމުގެ ޙައްޤުތައް ނެތިދާނޭ އެއްވެސް ގޮތެއް ނެތެވެ. ބުއްދީގެ ހަމަތަކާއި، ޢަދުލުއިންޞާފުގެ އުޞޫލުތަކާއި، ބައިނަލްއަޤްވާމީ ޢުރުފުގެ އަސާސްތަކުގެ ތެރެއިން ބެލިޔަސް، މިއީ ކަން އޮތް ގޮތެވެ. ހަމަ އެޔާއެކު، ފާހަގަ ކުރާން ޖެހޭ އަނެއް ކަމަކީ، އިތުރު އެހެން ނުކުތާއެއް ވެސް އެބައޮތެވެ. ބަނީ އިސްރާއީލުން ފަލަސްޠީނު ފަތަޙަ ކުރުމަށް ފަހު، އެ ބިމުގައި އުޅުނު އިރު އެމީހުން ވަނީ ކަންޢާނީ އަޞްލު ވަޒަންވެރީންނާ ކައިވަނީގެ ގޮތުން ވެސް ގުޅިފައެވެ. މިސާލަކަށް، އިސްލާމީ ތާރީޚުގެ އަހުލުވެރީންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، މާތް ނަބީ ދާއޫދު ޢަލައިހިއްސަލާމަށް، ނަބީ ސުލައިމާން ޢަލައިހިއްސަލާމް ލިބިވަޑައިގަތީ ވެސް ކަންޢާނީ ބެއިފުޅެއް ކަމުގައި ވާ ބަޠްޝަބާއާ ކައިވަނިފުޅު ބައްލަވައިގަނެ، އެ ކައިވަނިފުޅުންނެވެ.

ދެވަނަ ކަމަކަށް، ބަނީ އިސްރާއީލުން ކަންޢާނުގެ ބިމުގެ ސަރަޙައްދެއްގައި ޤާއިމު ކުޅަ މަމްލަކަތުލް އިސްރާއީލް އެ ބިމުގައި ދެމި އޮތް މުއްދަތަށް ބަލަމާ ހިންގަވާށެވެ! އެ ރަސްކަން ޤާއިމު ކުރެވުނީ ޢީސާއީ މީލާދުގެ ގާތްގަނޑަކަށް 1050 އަހަރު ކުރީންނެވެ. އެއް ދައުލަތެއްގެ ގޮތުގައި އެ ރަސްކަން ދެމިއޮތީ ޢިސާއީ މީލާދުގެ ގާތްގަނޑަކަށް 930 އަހަރު ކުރިޔާ ހަމަޔަށެވެ. އާދެ، އެންމެ 120 އަހަރުގެ މުއްދަތަށެވެ. އެޔަށްފަހު އެ ދައުލަތް ދެ ބަޔަކަށް ބެހިއްޖެއެވެ. އެޔަށްފަހު ދެން އޮތީ އުތުރުގައި "މަމްލަކަތުލް އިސްރާއީލް"، ދެކުނުގައި "މަމްލަކަތުލް ޔަހޫޒާ" އެވެ. މަމްލަކަތުލް އިސްރާއީލް ވަކި ދައުލަތެއްގެ ގޮތުގައި ދެމިއޮތީ ޢީސާއީ މީލާދުގެ 722 އަހަރު ކުރިޔާ ހަމަޔަށެވެ. މަމްލަކަތުލް ޔަހޫޒާ އޮތީ ޢީސާއީ މީލާދުގެ 586 އަހަރު ކުރިޔާ ހަމަޔަށެވެ. އެހެންކަމުން، ފަލަސްޠީނުގެ ބިމުގައި ޔަހޫދީންގެ އެއް ވެރިކަމެއް އޮތީ އެންމެ 120 އަހަރުގެ މުއްދަތަށެވެ. އެންމެ ގިނަ ދުވަސް ވާންދެން ދެމިއޮތް އިސްރާއީލީ ރަސްކަން ވެސް އޮތީ ވެސް އެކުޖުމުލަ 460 ވަރަކަށް އަހަރުއެވެ.

ތާރީޚުން ސާބިތު ވެ އެނގޭ ފަދައިން، ކަންޢާނީންނާއި އެމީހުންގެ ދަރިފަސްކޮޅުން އައި އަދި ފަލަސްޠީނުގެ ބިމަށް އަހުލުވެރި ފަލަސްޠީނީން، އެ ބިމުގައި އުޅޭތާ 8000 ވަރަކަށް އަހަރު ވެއްޖެއެވެ. އެކަމަކު ވެސް، އެ ބިމުގެ މިލްކުވެރިކަން އޮންނާން ވީ 460 އަހަރުގެ މުއްދަތަކަށް އެ ބިމުގައި ވެރިކަން ކުރި ބަނީ އިސްރާއީލުންނަށް ހެއްޔެވެ؟ އެ ބިމަކީ ފަލަސްޠީނީންގެ ޤައުމަށް އަދި ވަޒަނަށް ނުވެ، އެ ބިން ވާން ވީ ޔަހޫދީން ނުވަތަ ބަނީ އިސްރާއީލުންގެ ޤައުމަށް ހެއްޔެވެ؟ މިއީ ކޮން ޒާތަކަށް ބުއްދި ކޮށްގެން ނެރޭ ނަތީޖާއެއް ހެއްޔެވެ؟

ތިންވަނަ ކަމަކަށް، ބަނީ އިސްރާއީލުން ފަލަސްޠީނަށް އައީ، އެ ބިމުގެ ޙަޤީޤީ ވަޒަންވެރީން އެ ބިމުގައި އުޅެއުޅެ ތިއްބައި، ހަނގުރާމަ ކޮށްގެން އެ ބިން ފަތަޙަ ކުރި ފާތިޙުންގެ ގޮތުގައެވެ. 460 އަހަރުގެ މުއްދަތެއްގެ ތެރޭގައި، އެމީހުންގެ އަތުން އެހެން ފާތިޙުން ވަނީ އެ ބިން އަތުލައިފައެވެ. މަމްލަކަތުލް އިސްރާއީލިއްޔާ ނެތިދިޔައީ އާޝޫރީން އެ ރަސްކަން ވައްޓައިލައި އެ ރަސްކަމުގެ ސަރަޙައްދު ފަތަޙަ ކުރުމުންނެވެ. މަމްލަކަތުލް ޔަހޫޒާ ނެތިދިޔައީ ބާބިލީންގެ އަތްމަތީގައެވެ. ކަން މިހެން އޮތް އިރު، ބަނީ އިސްރާއީލުން 460 އަހަރުގެ މުއްދަތަށް ފަލަސްޠީނުގެ ނުވަތަ ކަންޢާނުގެ ސަރަޙައްދެއްގައި ރަސްކަމެއް ކުރި ކަމަށް ޓަކައި އެ ބިމަކީ އެމީހުންގެ ތާރީޚީ ވަޒަންބިން ކަމުގައި ވަންޏާ، މަންޠިޤީ އަދި ޢަޤްލީ ހަމަތަކުގެ ދަށުން އެ ބިން ފަތަޙަ ކޮށްގެން އެ ބިމުގައި ރަސްކަން ކުރި އެހެން ޤައުމުތަކަށް ވެސް ހަމަ އެ ޙައްޤު އޮންނާނޭތާއެވެ! މި އުޞޫލުން، 140 އަހަރުގެ މުއްދަތަކަށް ކަންޢާނުގައި ރަސްކަން ކުރި އާޝޫރީންނާއި، 207 އަހަރުގެ މުއްދަތަށް އެ ބިމުގައި ރަސްކަން ކުރި ފާރިސީންނާއި، 270 ވަރަކަށް އަހަރު އެ ބިމުގައި ވެރިކަން ކުރި ގިރީކުންނާއި، 700 ވަރަކަށް އަހަރު ވާންދެން މުޅި އެ ބިމުގެ މައްޗަށް ރަސްކަން ކުރި ރޯމަނުންނާއި، 1230 ވަރަކަށް އަހަރު އެ ބިމުގެ މައްޗަށް ރަސްކަން ކުރި މުސްލިމުންނަށް އެ ޙައްޤު ނޯންނާން ޖެހޭ ސަބަބެއް ނެތްތާއެވެ!

ބަޔަކު ބިމެއް ފަތަޙަ ކޮށްގެން އެ ބިމުގައި އަހަރުތަކަކު ނުވަތަ ޤަރުނުތަކަކު ވެރިކަން ކުރުމަކީ، އޭގެ ޒާތުގައި އެ ބިން އެ ބަޔަކަށް މިލްކު ވުމުގެ ސަބަބެއް ކަމަށް ބުނާ އެއްވެސް ހަމައެއް ނެތެވެ. ބުއްދީގެ ހަމައެއް ވިޔަސް، ޢަދުލުއިންޞާފުގެ އުޞޫލެއް ވިޔަސް، ބައިނަލްއަޤްވާމީ ޢުރުފީ އުޞޫލެއް ވިޔަސް ވެހެވެ. އެއީ ކަން ހިނގާ ގޮތް ކަމުގައި ވަންޏާ، ކަންޢާނީން ފަލަސްޠީނީން ޝާމީންގެ ބިމުގެ މިލްކުވެރިކަން މަތީގައި ދެންނެވި ހުރިހައި ޤައުމުތަކަށް އޮތީހެވެ. ހަމަ އެހެންމެ، އިނގިރޭސި އަންބަރާޠޫރިއްޔާއަށް ދުނިޔޭގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި - ކެނެޑާ އާއި ޔޫއެސްއޭ އާއި އެފްރިކާގެ އެތައް ބިމަކާއި، އޮސްޓްރޭލިޔާ އާއި އިންޑިއާ އާއި މެލޭޝިޔާ އާއި ސިންގަޕޯރާއި ޢަރަބި އެތައް ބިމެއް ހިމެނޭ ގޮތުން – ދީފައި އެ ބިންތަކުގެ މުސްކުޅި އަހުލުވެރީން ކަނޑަށް ފައިބާން ޖެހުނީހެވެ! ރޯމަނުންނަށް މުޅި އުތުރު އެފްރިކާ އާއި ޝާމުކަރަ އާއި އަނާޠޫލިއްޔާ ދީފައި އެ ތަންތަނުގެ އަޞްލު ވަޒަންވެރީން ވެސް ރެފިޔުޖީންނަށް ވާން ޖެހުނީހެވެ! އީރާނީ ފާރިސީންނަށް އަފްޣާނިސްތާނުން ފެށިގެން އަނާޠޫލިއްޔާއާ ހަމަޔަށް މުޅި ހުޅަނގު އޭޝިޔާ ދޭން ޖެހުނީހެވެ! މުސްލިމުން ސްޕޭނުގެ މައްޗަށް 800 އަހަރު ވެރިކަން ކުރިއެވެ. އެއީ ބަނީ އިސްރާއީލުން ފަލަސްޠީނާއި ކަންޢާނުގެ ނިސްބަތުން ދާދި ކުޑަ ސަރަޙައްދެއްގެ މައްޗަށް ވެރިކަން ކުރި މުއްދަތުގެ ގާތްގަނޑަކަށް ދެގުނަ ދިގު މުއްދަތެކެވެ. މުސްލިމުންނަށް ސްޕޭން ދީފައި ސްޕޭނީން އެބިމުން ނެރެ އެޓްލާންޓިކް ކަނޑަށް އަޅައިލާން ވީ، ނުވަތަ ގަންތަބަރިއްޔާގެ ފަރުބަދަތަކުގެ ތެރޭގައި ޣައްޒާ ކަހަލަ "ގެޓޯއެއް" ހަދައިފައި އެމީހުން ބައިތިއްބާން ވީ ނޫންހެއްޔެވެ؟

އާދޭހެވެ! މި ދައްކަނީ ވަރަށް ސީދާސާދާ ހަގީގަތެއްގެ ވާހަކައެކެވެ. ބަނީ އިސްރާއީލުންނަކީ އެހެން އެތައް ޤައުމެއް ފަދައިން ފަލަސްޠީނާއި ކަންޢާނުގެ ބިމުގެ ތަންކޮޅެއް ފަތަޙަ ކޮށްގެން އެތަނުގައި ހަތަރު ވަރަކަށް ޤަރުނު ވާންދެން ވެރިކަން ކުރި ބިދޭސީ ބާރެކެވެ. އެފަދަ އެހެން އެތައް ބާރުތަކެކޭ އެއް ޙައިޘިއްޔަތެއްގައެވެ. އެއީ ތާރީޚީ ގޮތުން އެމީހުންގެ ބިމެއް ނޫނެވެ. އެމީހުންގެ ވަޒަނެއް ވެސް ނޫނެވެ. އެ ބިމުގެ މިލްކުވެރިކަން އޮތީ އަދި ޙައްޤު ގޮތުގައި އޮންނާނީ، އެ ބައެއްގެ ނަސްލީ އަދި ނަސަބީ އަޞްލު ކަންޢާނީންނާ ހަމަޔަށް އުފުލޭ ފަލަސްޠީނީންނަށެވެ.

ޔަހޫދީންގެ ވަޒަނަށް ވަންޏާ ...

ބަޙުޘުގެ ބޭނުމަށް، ޔަހޫދީން ނުވަތަ ބަނީ އިސްރާއީލުންގެ އަޞްލު އޮތީ ކަންޢާނުގެ ބިމުގައި ފަލަސްޠީނުގައި ކަމަށް ބަލަމާ ހިންގަވާށެވެ! އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނާއި ޔަޢުޤޫބުގެފާނުގެ ބާރަ ފިރިހެން ބެއިފުޅުން ފަލަސްޠީނުގެ ކަންޢާނީ ޝަހަރެއްގައި އުފަން ވެވަޑައިގަތްކަމުގެ ވާގިޔާގެ މައްޗަށް ބުރަ ވެއެވެ. އެހެން ކަމުގައި ވިޔަސް، ބަނީ އިސްރާއީލުންނަށް ވުރެ އެ ބިމަށް ޙައްޤުކަން ބޮޑީ ކަންޢާނީންނާއި ކަންޢާނީންގެ އަޞްލުން އެ ބިމުގައި އުފަން ވި ޤައުމުތަކެވެ. މާ ކުރީއްސުރެ އެމީހުން އެ ބިމުގެ އަހުލުވެރި ވަޒަންވެރީން ކަމުގައި ވެފައި ވާތީއެވެ. އަދި ތާރީޚުގެ އެއްވެސް ދައުރެއްގައި، އެމީހުން އެ ބިމުން ބޭރު ވެގެން ގޮސް އެހެން ތަންތަނުގައި އުޅެފައި ނުވާތީއެވެ. އެހެންކަމުން، ބަނީ އިސްރާއީލުންނަށް އޮތަސް އޮންނާނީ ކަންޢާނުގެ ބިމުގައި ކަންޢާނީންނާ އެކު ދިރިއުޅުމުގެ ޙައްޤެވެ. އެ ބިމުގެ އަޞްލު ވަޒަންވެރީންގެ ޙައްޤުތައް ފޭރިގަނެ، އެމީހުންގެ ބިމުގެ މިލްކުވެރިކަން އަތުލައި، އެމީހުން ނިކަމެތި ކޮށް، އެމީހުންގެ މައްޗަށް ވެރިކަން ކުރުމުގެ ޙައްޤެއް އެއްވެސް ގޮތަކުން ބަނީ އިސްރާއީލުންނަކަށް ނުލިބޭނެއެވެ.

މި ނުކުތާ މި ފާހަގަ ކުޅައީ، އެއްވެސް ޙާލެއްގައި ޔަހޫދީންނަށް ފަލަސްޠީނުގެ މައްޗަށް "އަމިއްލަ ވަޒަން" ކަމުގެ ޙައްޤެއް އޮންނާނޭ ކަމަށް ޤަބޫލު ކުރެވޭތީއެއް ނޫނެވެ. ތާރީޚާއި ދުނިޔޭގައި ކަން ހިނގަމުންދާ ގޮތަށް ބަލައިލި ކޮންމެ މީހަކަށް ވެސް، އިންޞާފުވެރި ވިސްނުމެއްގެ އަލީގައި ކަށަވަރު ވާނޭ ފަދައިން، އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނާއި ޔަޢުޤޫބުގެފާނުގެ ބާރަ ފިރިހެން ބެއިފުޅުން ފަލަސްޠީނުގެ ކަންޢާނީ ޝަހަރެއްގައި އުފަން ވެވަޑައިގެންފައި ވިޔަސް، އެ ބެއިފުޅުން އަމިއްލަފުޅު އިޚްތިޔާރުގައި އެ ބިމުން ނުކުމެވަޑައިގެން މިޞްރަށް ހިޖުރަ ކުރެއްވުމަށް ފަހު، ކަންޢާނަކީ އެ ބެއިފުޅުންގެ ވަޒަނެއް ކަމުގައި ބެލެވޭނޭ ގޮތެއް ނޯންނާނެއެވެ. މި ދަންނަވާ މިސާލުތަކަށް ވެސް ވިސްނަމާ ހިންގަވާށެވެ! މިއަދުގެ އިނގިރޭސި ރަސްކަމުގެ ޝާހީ ޢާއިލާ އާއި ނަވާބީ އެތައް ޢާއިލާތަކަކާއި އިނގިރޭސި ވިލާތުގެ އެތައް މިލިއަން ރައްޔިތުންގެ ނަސްލީ އަދި ނަސަބީ އަޞްލު އޮތީ ފަރަންސޭސި ވިލާތުގެ ނޯރމަންޑީގައެވެ. އެމީހުންނަށް ނޯރމަންޑީ ދޭން ފަރަންސޭސީން އެއްބަސް ވާނެ ބާވައެވެ! މިއަދުގެ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ އެތައް މިލިއަން ބައެއްގެ ނަސްލީ އަޞްލު އޮތީ ޔޫރަޕުގެ އެކިއެކި ޤައުމުތަކުގައެވެ. ޔުނައިޓެޑް ސްޓޭޓްސްގެ ލަޝްކަރުތައް ޔޫރަޕަށް އަރައި "މިއީ އަހަރެމެންގެ ތާރީޚީ ވަޒަންބިމޭ، އަހަރެމެންގެ އަޞްލު އޮތީ މި ތަނުގައޭ" ބުނުމުން ޔޫރަޕުގެ އަހުލުވެރީން އެކަން ބަލައިގަންނާނޭ ބާވައެވެ! ދިވެހި ނަސްލުގެ އަޞްލު އޮތީ އިންޑިޔާގައި މީގެ އެތައް ހާސް އަހަރު ކުރީން އިންޑަސް ވާދީ ޙަޟާރަތު އޮތް ސަރަޙައްދުގައި ކަމަށް ބުނެވެއެވެ. އެ ހިސާބުން ތަންގަނޑެއް އަޅުގަނޑުމެންނަށް ދޭން އިންޑިއާ މީހުން ރުހޭނޭ ބާވައެވެ!

އަޝްކެނާޒީން

އިސްވެދިޔަ ބަޔާނުން ވެސް، ފަލަސްޠީނަކީ އަދި ޤަދީމީ ކަންޢާނުގެ ސަރަޙައްދު ކަމުގައި ވި އެއްވެސް ބިމަކީ ބަނީ އިސްރާއީލުންގެ ބިމެއް ނޫންކަމާއި، ތާރީޚީ ގޮތުން އެއީ އެމީހުންގެ ވަޒަން ކަމުގައި ބަލާން ޖެހޭ އެއްވެސް އަސާސެއް ނެތްކަން ސާފު ވާނެއެވެ. އެޔާއެކު، މި ވާހަކަ ދެކެވޭ ތަނެއްގައި ކުރު ގޮތަކަށް ނަމަވެސް ބަޔާން ކޮށްލުން ވަރަށް މުހިއްމު އެހެން ނުކުތާއެއް ވެސް ވެއެވެ. އެ ނުކުތާ އަކީ، ނަވާރަވަނަ ޤަރުނާއި ވިހިވަނަ ޤަރުނުގައި، އިނގިރޭސީންގެ އެހީތެރިކަމާ އެކު ފަލަސްޠީނަށް އައިސް، ފަލަސްޠީނުގައި މީގެ 8000 އަހަރު ކުރީއްސުރެ ދިރިއުޅެމުން އަންނަ އެ ބިމުގެ އަހުލުވެރީންގެ ބިންތައް ފޭރިގެން "ޔޫރަޕިއަން-ވައިޓް-ސެޓްލަރ-ކޮލޯނިއަލް" އެންޓިޓީއެއް ބިނާ ކުރީ ބަނީ އިސްރާއީލުންނެއް ވެސް ނޫންކަމުގެ ޙަޤީޤަތެވެ.

އަޅުގަނޑުގެ ލިޔުމަށް ކޮމެންޓް ކުރި މީހާ ބުނެފައި ވެއެވެ. "ތީއަށް ބަލާއިރު، ރޯމަނުން ޔަހޫދީންގެ އަމިއްލަ ޤައުމު ޤުދުސް ހިފައި ތަން ތަޅާލާފައި ޔަހޫދީން ޔޫރަޕަށް ގެންދިޔައީއެވެ. ދެން ފަހުން ހިޓްލަރާއި އެނޫން މީހުން އެމީހުނަށް އަނިޔާވެރި ވެ ޤަތުލުޢާއްމު ހިންގުމުން އިންގިރޭސިންގެ ބާރުގައި އަނބުރާ އެމީހުންގެ ވަޒަން ޤުދުސަށް ގެނައީއެވެ." މި ޖުމުލަތަކުން ސާފު ވާ ފަދައިން، އިނގިރޭސީންގެ އިސްތިޢުމާރީ އަދި އިޙުތިލާލީ ބާރުގެ އެހީތެރިކަމާ އެކު ފަލަސްޠީނީންގެ އަމިއްލަ ބިމުގައި އުފެއްދި ސަހުޔޫނީ އެންޓިޓީއަކީ ޙަޤީޤީ ބަނީ އިސްރާއީލުން ނޫންކަން އޭނާއަށް އެނގިފައެއް ވެސް ނެތެވެ. އާދޭހެވެ! މިއީ ވާހަކަ ދެއްކުމުގެ ކުރީން ޢިލްމު ހޯދުމުގެ މުހިއްމުކަން ދައްކުވައިދޭ ރީތި މިސާލެކެވެ.

ފަލަސްޠީނުގެ ބިމުގައި ބަނީ އިސްރާއީލީ ދައުލަތެއް އުފެއްދުމުގެ ޚިޔާލަކީ ޔޫރަޕުގެ ޔަހޫދީންގެ ތެރެއިން "އަޝްކެނާޒީ ޔަހޫދީންނޭ" ކިޔުނު ބަޔަކު ނެރުނު ޚިޔާލެކެވެ. އެކަމަށް މަސައްކަތް ކުރި ސަހުޔޫނީ ލީޑަރުންނަކީ ވެސް މުޅީންހެން އަޝްކެނާޒީ ޔަހޫދީންނެވެ. ސަހުޔޫނީ ޙަރަކާތުގެ އެންމެ މުހިއްމު ލީޑަރު ކަމުގައި ވާ ތިއޮޑޯރ ހާރޒްލް އަކީ އަޝްކެނާޒީއެކެވެ. ސަހުޔޫނީ ޙަރަކާތުގެ ދަށުން ފަލަސްޠީނަށް މުޅީންހެން ހިޖުރަ ކުރަމުން ގެންދިޔައީ ޔޫރަޕުގެ ޤައުމުތަކުން – ރަޝިޔާ އާއި ހަންގޭރީ އާއި ޕޯލެންޑާއި ޖަރުމަން ފަދަ ތަންތަނުން – އަޝްކެނާޒީ ޔަހޫދީންނެވެ. 1948 ގައި ސަހުޔޫނީ އިސްރާއީލުގެ ދައުލަތޭ ކިޔާ އެންޓިޓި އިޢުލާން ކުރި އިރު، އެ އެންޓިޓީގެ "ރައްޔިތުން" ގެ 80 އިންސައްތަ އަކީ އަޝްކެނާޒީންނެވެ. އިސްރާއީލުގެ ލީޑަރުންނަށް ބަލާ އިރު، މިހައިތަނަށް އެ އެންޓިޓީގެ ބޮޑުވަޒީރުކަން ކުރި 14 މީހުންނަކީ އަޝްކެނާޒީންނެވެ. ރައީސްކަން ކުރި 11 މީހުންގެ ތެރެއިން 9 މީހުންނަކީ އަޝްކެނާޒީންނެވެ.

އަޝްކެނާޒީންނަކީ ކޮން ބައެއް ހެއްޔެވެ؟

އަޝްކެނާޒީންނަކީ ބަނީ އިސްރާއީލާ، ނުވަތަ މެދުއިރުމަތީގެ އެހެން އެއްވެސް ނަސްލަކާ ވެސް ނަސްލީ އެއްވެސް ތިމާގެކަމެއް ނެތް، ޔޫރަޕިއަން ނަސްލުގެ ބައެކެވެ. އެމީހުންގެ އަޞްލު ވަޒަނަކީ ކޯކަސަސް ފަރުބަދަތަކުގެ ސަރަޙައްދެވެ. އެމީހުން ޔަހޫދީން ކަމުގައި ވެފައި ވަނީ މީގެ 800 ވަރަކަށް އަހަރު ކުރީން، އެމީހުން ޔަހޫދީ ދީނަށް ވަނުމުގެ ސަބަބުންނެވެ. ޔަހޫދީ ދީނަށް ވަނުމުގެ ކުރީން އެމީހުންގެ ނަސްލީ ޝަނާކަތެއްގެ ގޮތުގައި އޮތީ ޚާޒާރިއްޔަތެވެ. ޚާޒާރީން ޔޫރަޕަށް އައީ ޚާޒާރީ ރަސްކަން ވެއްޓުމަށް ފަހުގައެވެ. އެމީހުން ހިޖުރަ ކުރީ މައިގަނޑު ގޮތެއްގައި އިރުމަތީ ޔޫރަޕުގެ ޤައުމުތަކަށާއި މެދުތެރޭ ޔޫރަޕަށެވެ. ރަޝިޔާ އާއި ހަންގޭރީ އާއި ޕޯލަންޑާއި ޖަރުމަނާއި އޮސްޓްރިޔާ ފަދަ ތަންތަނަށެވެ. މި ޙަޤީޤަތަށް ސަހުޔޫނީންނާއި ހުޅަނގުގެ އެކަޑީމިއާއިން އިޢުތިރާފެއް ނުވެއެވެ. ނަމަވެސް، މެދުއިރުމަތީގެ "ސާމީ" ނަސްލުގެ މީހުންގެ ސިފަގަނޑާއި ސޫރަ ދަންނަ ކުޑަ ކުއްޖަކަށް ވެސް، އިސްރާއީލުގައި ފަލަސްޠީނުގެ ކުޑަކުދީން މަރަމުން، މުސްކުޅީން ރޯނާ ގަންނުވަމުން، ގެދޮރު މުގުރަމުން، އަންހެނުންނާއި ފިރިހެނުން ކަތިލަމުން އެ ހިނގާ ދޮން ޔޫރަޕިއަން ޖައްލާދުންނަކީ ޔަޢުޤޫބު ޢަލައިހިއްސަލާމްގެ ދަރިކޮޅުގެ ބަޔަކު ނޫންކަމާއި، އެއީ "ވައިޓް ޔޫރަޕިއަން" ނަސްލެއްކަން އެނގޭނެއެވެ!

މި ދެންނެވީ، "ޤުދުސަކީ ޔަހޫދީންގެ ބިމެކޭ" ބުނާ މީހުންނަށް ތާރީޚުގެ އަލީގައި ދެވޭން އޮތް ކުރު ޖަވާބެކެވެ. އިރާދަފުޅު ކުރެއްވިއްޔާ، ޤުދުސާއި ފަލަސްޠީނުގެ ބިމަކީ ބަނީ އިސްރާއީލުންގެ ޙައްޤެކޭ ބުނެވޭނެ ދީނީ އަސާސެއް ވެސް ނެތްކަން ދެން މި ކޮލަމުގައި އަޅުގަނޑު ލިޔާ ލިޔުމެއްގައި ބަޔާން ކުރާނަމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް