ޝެފުންގެ އަގުވަޒަންކޮށް ފުރަތަމަ ފަހަރަށް ދިން އެވޯޑް 36 ޝެފަކަށް!

ކަލިނަރީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ އަގު ވަޒަންކޮށް ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ދޭ 'ސީޖީއެމް ޝެފް އެވޯޑް 2022' 36 ޝެފުން ހާސިލްކޮށްފިއެވެ.

މި އެވޯޑަކީ ކަލިނަރީ ފަންނުގައި ހިމެނޭ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމަށްވާ "ޝެފް ގިލްޑްސް މޯލްޑިވްސް އިން ދޭން ފެށި އެވޯޑެކެވެ.

ޖުމްލަ އަށް ކެޓަގަރީއަކުން 36 ޝެފަކަށް ރޭގެ ހަފްލާގައި އެވޯޑް ހަވާލުކޮށްފައިވެއެވެ. އޭގެތެރޭގައި ދާއިރާގައި ފާހަގަކޮށްލެވޭ ޒުވާން ޝެފުންނާއި، ދާއިރާގައި ހަރަކާތްތެރިވާ މަތީ ފަންތީގެ ޝެފުންނާއި، ދާއިރާއަށް ދިގުމުއްދަތަކަށް ޚިދުމަތްކޮށްދެއްވި ޝެފުން ހިމެނެއެވެ.

ސީޖީއެމް ޝެފް އެވޯޑް 2022 ގެ ތެރެއިން

ހަފްލާގައި ޝެފް އޮފް ދަ އިޔާގެ އެވޯޑް ލިބިފައިވަނީ ޝެފް އަހުމަދު މާޒިމްއަށެވެ. މާސްޓަރ ޝެފް ސޮސައިޓީ އޮފް ދަ ވޯލްޑްގެ ފަރާތުން މާސްޓަރ ޝެފްގެ ލަގަބު ލިބުނު ފުރަތަމަ ދިވެހި ޝެފް ކަމުގައިވާ ޝެފް މަހާ ނަސީރަށް ވަނީ އައުޓް ސްޓޭންޑިން އެޗީވްމަންޓް އެވޯޑް އަރުވާފައެވެ.

މީގެއިތުރުން ކަލިނަރީ ފަންނު ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކާއި، އެކި ގޮތްގޮތުން އެހީތެރިވަމުންދާ ފަރާތްތަކުގެ އަގު ވަޒަންކޮށް އެފަރާތްތަކަށް ހަނދާނީ ފިލާ ދީފައިވެއެވެ. އެ ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޖީއެމްގެ ރައީސް މަރިޔަމް ނޫރައްދީން ވިދާޅުވީ، ފަތުރުވެރިކަމުގައި ރާއްޖެ ހޯދަމުން އަންނަ ކާމިޔާބީގައި އެފްއެންބީ އާއި ޝެފުން އަދާކުރާ ދައުރު ވަރަށް ބޮޑު ކަމަށެވެ. އަދި ކަލިނަރީ ދާއިރާއަށް ދިވެހިން ނެރެ އެ ޝެފުންގެ ކުރިއެރުމަށް، ކުރިއަށްއޮތްތާނގައި ސީޖީއެމްގެ ދައުރު އިތުރަށް ފުޅާވެގެންދާނެކަން ފާހަގަކުރެއްވިއެވެ.

ސީޖީއެމް ޝެފް އެވޯޑް 2022 ގެ ތެރެއިން

މި އެވޯޑް ކޮންމެ ދެ އަހަރަކުން ދިނުމަށް ނިންމާފައިވާއިރު، މި އެވޯޑަށް އަންނަ އަހަރު ރާއްޖޭގައި މަސައްކަތްކުރާ ރާއްޖެއިން ބޭރުގެ ޝެފުންނަށްވެސް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި ހަފްލާގެ އެންމެ ޝަރަފްވެރި އެވޯޑްތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެއެވެ. "ޔަންގް ޝެފް އެވޯޑް" އަދި "ސޫ ޝެފްސް އެވޯޑް" ހަވާލުކޮށްދެއްވާފައިވަނީ ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.

comment ކޮމެންޓް