ރާއްޖޭގެ ޓޫރިޒަމްގެ ކުރިއަށް އޮތް 50 އަހަރު އޮތީ ވަަރަށް އުޖާލާކޮށް: މައުސޫމް

19 ނޮވެމްބަރު 2022: ފަތުރުވެރިކަމަށް 50އަހަރު ފުރުން ފާހަގަކުރަން އެމްއެންޔޫގެ އެފްއެޗްޓީއެސްއިން ބޭއްވި ޓޫރިޒަމް ޖުބިލީ ވޯކް -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިއަށް އޮތް 50 އަހަރު އޮތީ ވަރަށް އުޖާލާކޮށްކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް)އިން އިންތިޒާމުކުރި ޓޫރިޒަމް ޖުބިލީ ވޯކްގައި ބައިވެރިވަޑައިގެން ދެއްކެވި ވާހަކަައިގައި މިނިސްޓަރުވަނީ ސްކޫލު ނިންމާ ކުދިން ދާއިރާއަށް ވަނުމަކީ މުހިންމު ކަމެއްކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެން މި ދޫކޮށްލަނީ ޓޫރިޒަމްގެ ދެވަނަ 50 އަހަރު ތިޔަ ޖީލުގެ އަތްމައްޗަށް. އަޅުގަނޑަށް ހަމަ ޔަގީން ވަރަށް ފުރިހަމައަށް އިޚްލާސްތެރިކަމާއެެކު ތިޔަ ބޭފުޅުން ދިވެހިރާއްޖެ, ފަތުރުވެރިކަމުގެ ދުނިޔޭގެ ނަމޫނާ މަންޒިލެއްގެ ގޮތުގައި ކުރިއަށް އޮތް އަހަރުތަކަށް ގެންގޮސް ތިޔަ ބޭފުޅުންގެ ދަރިންގެ ދަރިންނަށްވެސް ގެންގޮސްދޭނެކަން،" މައުސޫމް ވިދާޅުވިއެވެ.

މަައުސޫމް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއަކީ މީހުންނާ ބައްދަލުކޮށް އެ މީހުންގެ ބޭނުން ދެނެގަނެ ޚިދުމަތް ފޯރުކޮށްދިނުމުގެ ދާއިރާއެއްކަމަށެވެ.

"ޓޫރިޒަމް އިންޑަސްޓްރީއަކީ މީހުންނާ ބައްދަލުކުރާ އިންޑަސްޓްރީއެއްް. މީހުންނާ ބައްދަލުވާ އިންޑަސްޓްރީއެއް. މީހުންނަށް އުފާވެރިކަން ގެނެސްދޭ އިންޑަސްޓްރީއެއް. މީހުންގެ މައްސަލަތައް އަޑު އަހާ އިންޑަސްޓްރީއެއް. ދިވެހިރާއްޖެ އިގްތިސާދީ ގޮތުން ކުރިއަރުވާ އިންޑަސްޓްރީއެއް. އިންސާނީ ޚިދުމަތް ބޭނުންކުރާ އިންޑަސްޓްރީއެއް،" މިނިސްޓަރު ވިދާޅުވިއެވެ.

19 ނޮވެމްބަރު 2022: ފަތުރުވެރިކަމަށް 50އަހަރު ފުރުން ފާހަގަކުރަން އެމްއެންޔޫގެ އެފްއެޗްޓީއެސްއިން ބޭއްވި ޓޫރިޒަމް ޖުބިލީ ވޯކް -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

އިއްޔެގެ ހިނގާލުމުގައި ގިނަ އަދަދެއްގެ ދަރިވަރުން އެކި ސްކޫލުތަކުންވަނީ ބައިވެރިވެފައެވެ. މީގެއިތުރުން ގައުމީ ޔުނިވާސިޓީ އާއި ޓޫރިޒަމް މިނިސްޓްރީގެ ބައެއްް ވެރިންވެސް ބައިވެރިވެލެއްވިއެވެ.

މިނިސްޓަރ މައުސޫމް ވަނީ ގައުމީ ޔުނިވާސިޓީގެ އެފްއެޗްޓީއެސްއިން އެ ހިނގާލުން އިންތިޒާމުކުރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

comment ކޮމެންޓް