ގައުމީ ބިލިއާޑް މުބާރާތް: އީގަލްސް ފަހަތަށް ޖައްސާ ޗެމްޕިއަންކަން ސިފައިންނަށް

ދެވަނަ ގައުމީ ބިލިއާޑް ޗެމްޕިއަންޝިޕް 2022 ގެ ޓީމް އިވެންޓުގައި ކްލަބް އީގަލްސްގެ މައްޗަށް ކުރިހޯދުމަށްފަހު ދިވެހި ސިފައިންގެ ކުލަބުން ޗެމްޕިއަންކަން ހޯދައިފިއެވެ.

ގައުމީ ބިލިއާޑް ސެންޓަރުގައި ކުރިއަށްގެންދިޔަ މުބާރާތުގެ ޓީމް އިވެންޓުގައި މިއަހަރު ފަސް ޓީމަކުން ވާދަކުރިއެވެ. އެއީ ދިވެހި ސިފައިންގެ ކުލަބު، ކްލަބް އީގަލްސް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ކަސްޓަމްސް އަދި އައިލެންޑާސް ހޯޕެވެ.

މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން ކުރިއަށްދިޔަ މި މުބާރާތުގެ ޓީމް އިވެންޓުގެ ފައިނަލުގައި. އީގަލްސްގެ މައްޗަށް ސިފައިން ކުރިހޯދީ 3-2 އިންނެވެ.

ޓީމް އިވެންޓޫގެ ރަނަރަޕް ކްލަބް އީގަލްސް- ފޮޓޯ:- ޕޫލް ބިލިއާޑް އެސޯސިއޭޝަން

މި އަހަރު ގައުމީ މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ސާހިލް ހަމީދު ހޯދީ ފައިނަލުގައި ހަސަން ޝާޒް ބަލިކޮށްގެންނެވެ. އަންހެން ސިންގަލްސް ފައިނަލުގައި އާމިނަތި ހަލީމް (ދިލް) ބަލިކޮށް ޗެމްޕިއަންކަން ހޯދީ އައިޝަތު އަލީއެވެ.

ޑަބަލްސް އަށް ބަލާއިރު، އިސްމާއިލް ރަޒީން އާއި ހަސަން ޝަފްރާޒް ބަލިކޮށް ޗެމްޕިއަންކަން ހޯދީ ހަސަން ޝާޒް މުހައްމަދު އާއި އަހުމަދު އިޔާދު ސައީދުގެ ޕެއާއެވެ. މިކްސް ޑަބަލްސް ފައިނަލުގައި ހުސެއިން ފަޔާޒް އާއި އައިމިނަތު ފާތީ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ދީނާ އަހުމަދާއި އަލީ ފަޔާޒްގެ ޕެއާއެވެ.

މިކްސް ޑަބަލްސް އިވެންޓުގެ ޗެމްޕިއަނުން- ފޮޓޯ:- ޕޫލް ބިލިއާޑް އެސޯސިއޭޝަން

މި މުބާރާތަކީ އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ބާއްވާނެ މި އަހަރުގެ އެންމެފަހު ބިލިއާޑް މުބާރާތެވެ. މި މުބާރާތުގައި ޖުމްލަ 6 އިވެންޓު ކުރިއަށްދިޔައިރު 80 އަށްވުރެ ގިނަ ކުޅުންތެރިން ފެނިގެންދިޔައެވެ،

މި ސަރުކާރުން ގާއިމްކޮށްދީފައިވާ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ގައުމީ ބިލިއާޑް ސެންޓަރުގެ ސަބަބުން، މި ކުޅިވަރުގެ ފޯރި ގަދަވެ، ވާދަވެރި މުބާރާތްތަކެއް ކުޅުމުގެ ފުރުސަތު މިވަނީ އިތުރަށް ފަހިވެފައެވެ. އަދި މިކަމުގެ ތެރެއަށް ޝައުގުއުފެދޭ މީހުންވެސް ގިނަވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް