ވެށި ތަޣައްޔަރު ވުމުގެ އަސްލަކީ އިސްލާމްދީނުގެ އުސޫލުތަކާ ދުރުވުން: ޚުތުބާ

ހުކުރު ނަމާދެއްގެ ތެރެއިން -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ވެށި ތަޣައްޔަރުވުމުގެ އަސްލަކީ އިސްލާމީ އުސޫލުތަކާ ދުރުވުންކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ބުނީ، ދުނިޔޭގެ ވަޔާއި ފެން އަދި ކަނޑާއި ބިން ވަނީ ތަޣައްޔަރުވެފައި ކަމަށެވެ. ގަސް ހެއްދުމަށް ބޭނުންކުރާ ގަސްކާނާގައި ހިމެނޭ ކެމިކަލްތަކުން ކާބޯތަކެތި ތަޣައްޔަރުވެ، އެ ކެމިކަލްގެ ސަބަބުން އިންސާނުންގެ މެދުގައި ބަލިތައް ފެތުރެން ފަށާފައި ވާކަމަށް ބުންޏެވެ. އަދި ކަނޑުގެ ލޮނުގަނޑު ހޫނުވެ ތަޣައްޔަރުވުމުން ފަރުތައް ހަލާކުވެ ކަނޑުގެ ދިރުންތައް ދަނީ ނެތެމުންކަމަށް ވެސް ބުންޏެވެ. މި ހުރިހާ ކަމެއްގެ އަސްލަކީ ދީނުގެ އުސޫލުތަކާ ޚިލާފު ވުން ކަމަށް ހުތުބާގައި ބުންޏެވެ.

"މީސްތަކުންގެ އަތްތަކުން ހޯދައިގަން ކަންތަކުގެ ސަބަބުން، އެއްގަމާއި ކަނޑުގައި، ނުބައިކަން ފާޅުވެއްޖެއެވެ. އެއުރެންކުރި ބައެއް އަމަލުގެ ރަހަ އެއުރެންނަށް ދެއްކެވުމަށްޓަކައެވެ. [އެއީ] އެއުރެން [ތައުބާވެ] ރުޖޫއަވުމަށްޓަކައެވެ." ﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

ދިވެހީންނަކީ ކަނޑުގެ އަހުލުވެރިންކަމަށް ވާއިރު، ޚުތުބާގައި ބުނީ، ފަތުރުވެރިކަމާއި މަސްވެރިކަމަށް ބެލި ނަމަވެސް ދިވެހިންގެ އިޤްތިޞާދުގެ މައި ނާރަކީ ކަނޑު ކަމަށެވެ. ނަމަވެސް އެއްގަމުން އުކާލާ ކުނީގެ ސަބަބުން ސާފު ގޮނޑުދޮށްތައް ތަޣައްޔަރުވެ މުޑުދާރުވެފައި ވާކަމަށް ޚުތުބާގައި ބުންޏެވެ.

"މީގެ އިތުރަށް ކަނޑު ދަތުރުކުރާ އުޅަނދުފަހަރުން ބޭރުވާ ކުންޏާއި، ކަނޑަށް ޣަރަގުވާ ތެޔޮ ބޯޓުފަހަރުން ކަނޑަށް އެޅޭ ތެލާއި، ޕެޓްރޯލުން އެ ކަނޑުތައް ވަނީ ތަޣައްޔަރުވެފައެވެ،" ޚުތުބާގައި ބުންޏެވެ.

މީގެ އިތުރުން، ޚުތުބާގައި ބުނީ އަހަރެމެން ދުނިޔެއަށް އަމާންކަމާއި ސަލާމަތްކަން ހޯދައިދިނުމުގެ މަސައްކަތް ކުރަން ވެއްޖެ ކަމަށެވެ. އެގޮތުން ވެއްޓާއި ކަނޑުފަޅު، ވަޔާއި ޖައްވު ސާފުކުރަން މަސައްކަތް ކުރަން ޖެހިފައިވާކަމަށް ޚުތުބާގައި ބުންޏެވެ.

ބޭނުމެއްނެތި މޭވާތައް ނައްތާނުލުމަށާއި، ގަސްތައް ނުކެޑުމަށް މިއަދު ހުކުރު ޚުތުބާގައި އިލްތިމާސްކުރިއެވެ. އަދި މުސްލިމުންނަކީ ހެވަށް ލޯބިކުރާ، އާރާސްތުކުރުމަށް މަސައްކަތްކުރާ ބައެއްކަމަށް ޚުތުބާގައި ބުންޏެވެ.

comment ކޮމެންޓް