ޓީއެމްއޭގެ 60 ވަނަ ބޯޓު ރާއްޖެ ގެނެސް، ބޭނުން ކުރަން ތައްޔާރުވަނީ

ޓީއެމްއޭއިން އެ އެއާލައިނުގެ އުދުހުންތަކުގައި ބޭނުންކުރުމަށް ގެނައި ބޯޓު -- ފޮޓޯ/ ޓީއެމްއޭ

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އިން އެ އެއާލައިނުގެ އުދުހުންތަކުގައި ބޭނުންކުރަން 60 ވަނަ ބޯޓު މިއަދު ހަވީރު ރާއްޖެ ގެނެސްފިއެވެ.

މިހާރުވެސް ޓީއެމްއޭގައި ބޭނުންކުރާ ޑީއެޗްސީ-6 ޓުވިން އޮޓާ މަރުކާގެ މިބޯޓު ރައްޖެ ގެނައީ ކެނެޑާއިންނެވެ. ޓީއެމްއޭއިން ބުނިގޮތުގައި މި ބޯޓު ވަރަށް އަވަހަށް އުދުހުންތަކަށް ބޭނުންކުރާނެއެވެ.

ޓީއެމްއޭއިން 80އަށް ވުރެ ގިނަ މަންޒިލަށް މިހާރު އުދުހުންތައް ބާއްވަމުންދާއިރު އެއީ މިވަގުތު ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރެވެ. އަދި ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދޭ ވޯލްޑް ލީޑިން ސީޕްލޭން އޮޕަރޭޓަރު އެވޯޑް މި އަހަރު ހާސިލު ކުރީ ވެސް ޓީއެމްއޭއިންނެވެ.

ރާއްޖޭގައި ސީޕްލޭންގެ ޚިދުމަތް ފެށީ 1993ވަނަ އަހަރުއެވެ. އޭރު އެންމެ ދެ އެއާކްރާފްޓާއެކު ޚިދުމަތް ފެށި ނަމަވެސް، އޭގެ ފަހުން ރާއްޖެއިން ވަނީ މި ދާއިރައިން ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ.

ޓީއެމްއޭއިން އެ ކުންފުނީގެ އުދުހުންތަކުގައި ބޭނުންކުރުމަށް އިތުރު ބޯޓެއް ގެނެސްފައިވާއިރު، ކުރިއަށް އޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ހައި ސީޒަނެވެ. ރާއްޖޭގެ ޓޫރިޒަމް ސީޒަން ފެށުމާ ދިމާކޮށް އާއްމުކޮށް ރާއްޖެއަށް ދަތުރުނުކުރާ ބައިނަލްއަގުވާމީ ބައެއް އެއާލައިންތަކުން ވަނީ ރާއްޖެއަށް ދަތުރުތައް ފަށާފައެވެ.

މީގެ އިތުރުން ރާއްޖެއަށް އުދުހުންތައް ބާއްވަމުން އަންނަ ބޮޑެތި އެއާލައިންތަކުން ވަނީ ޓޫރިޒަމް ސީޒަނާ ދިމާކޮށް ރާއްޖެއަށް ބާއްވާ ފްލައިޓްތައް އިތުރުކޮށްފައެވެ.

comment ކޮމެންޓް