ސަރުކާރަށް ހަތަރު އަހަރު: ހަމަހަމަކަމާއެކު ތައުލީމީ ދާއިރާއަށް ފުރުސަތުތަކެއް

އޮގަސްޓް 10، 2021: ދިރާސީ އާ އަހަރު ފެށުމާ ގުޅިގެން ރެހެންދި ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީގެ ތެރެއިން: މި އެސެމްބްލީ ޝަރަފުވެރިކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރަށް ހަތަރު އަހަރުވެފައިވާއިރު ތައުލީމީ ދާއިރާއިން ގިނަ މަސައްކަތްތަކެއްވަނީ ކޮށްފައެވެ. އެެގޮތުން ސްކޫލުތަކާއި މަތީ ތައުލީމުގެ ދާއިރާއިންވަނީ އާންމު ރައްޔިތު މީހާއަށް ލުއި ފަސޭހަވާނެހެން ގިނަ ކަންތައްތަކެއް ކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސިފަކުރައްވާ ގޮތުގައި އެއީ ސަރުކާރުން ތައުލީމީ ދާއިރާއަށް ދޭ އަހަންމިއްޔަތުކަން ހާމަވާ ކަމެކެވެ.

ތައުލީމީ ދާއިރާގައި މި ސަރުކާރަށް ފާއިތުވި ހަތަރު އަހަރުގެ ތެރޭ ކުރި މަސައްކަތުގެ ތެރޭގައި ރާއްޖޭގައި ތައުލީމީ ގަނޫނެއް ވުޖޫދުކުރުމަކީ ފާހަގަކޮށްލެވޭ މަސައްކަތެކެވެ. އެއީ މި ސަރުކާރުން ތައުލީމީ ދާއިރާގައި ކުރި އެންމެ މުހިންމު މަސައްކަތްކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއެވެ. މިއީ އެފަދަ ގާނޫނެއް އެކުލަވާލި ފުރަތަމަ ފަހަރު ވެސް މެއެވެ.

ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ---

ސަރުކާރަށް ހަތަރު އަހަރުގެ ތެރޭ ހާސިލްވެފައިވާ ކާމިޔާބީގެ ވާހަކަ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ ތައުލީމީ ގާނޫނަށް އަމަލުކުރަން ފެށިފަހުން ވަރަށް ގިނަ ކަންކަން ފަހިވެފައިވާކަމަށެވެ.

މީގެ އިތުރުން ޓީޗަރުންގެ މުސާރަ ބޮޑުކޮށް ހެޔޮ ބަދަލެއް ގެނައުމަކީ ވެސް ބޮޑު ކާމިޔާބީއެއްކަމަށް ވިދާޅުވިއެވެ.

"ގާތްގަނޑަކަށް 8899 ޕްރޮފެޝަނަލް ސްޓާފުންގެ މުސާރަ ވަރަށް ބޮޑުތަނުން ބޮޑުވެގެންދިޔަ. ދެން ހަމަ އޭގެ އިތުރުން އަޅުގަނޑުމެންގެ ދާއިރާގައި މަސައްކަތްކުރާ ސްޓާފުންނަށް ބޭސިކް ސެލެރީގެ 35 ޕަސެންޓު އިތުރަށް ލިބިގެންދިޔަ. އެހެންވީމާ އެއީ ހަމަ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރާނީ،" މިނިސްޓަރު ވިދާޅުވިއެވެ.

ޓީޗަރުންނަށް ވެސް އޭގެ ހެޔޮ ފައިދާކުރިއެެވެ. އަދި އެއީ އެ މީހުންގެ މަސައްކަތް ބަލައިގަންނަކަން ހާމަވާ ކަމެއްގެ ގޮތުގައި ފާހަގަކުރިއެވެ. އަދި މުސާރައަށް އައި ހެޔޮ ބަދަލު ފެންނަކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މުސާރަ ކުޑަވުމަކީ ވަރަށް ގިނަ ދުވަސްވަންދެން ކުރެވުނު ޝަކުވާއެއް. އަސްލު ހަގީގަތުގައި ޓީޗަރުންނަކީ ހަމައެކަނި ސްކޫލުގައި ހޭދަކުރާ ފަސް ގަޑިއިރަށްފަހު މަސައްކަތް ނިންމައިލާ ބައެއް ނޫން. ގެއަށް އައިސް ވެސް އޭގެ ފަހުން ވެސް ކުދިންނާއެކު އިތުރު ހަރަކާތްތަކުގައި އެބަ ވަގުތު ހޭދަކުރޭ. އެހެންވީމާ އަސްލު މަސައްކަތާ އެއްވަރުގެ މުސާރައެއް މި ލިބެން ފެށީ މިހާރު،" މުސާރައިގެ ހެޔޮ ބަދަލާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެމުން ޓީޗަރަކު ބުންޏެވެ.

ޓީޒަރުންގެ މުސާރަ ބޮޑުވުމަކީ ދާއިރާއަށް ވަންނަ މީހުން އިތުރުވާނެ ކަމެކެވެ. ހަމައެއާއެކު މިހާރު ދާއިރާގައި ތިބި މީހުންނަށް ލިބޭނެ ހިތްވަރެކެވެ.

އެއް ދަންފަޅިއަށް ސްކޫލުތަކުގައި ކިޔަވައިދިނުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ. އެކަން ތަންފީޒުކުރުމަށް ޓަކައި މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ސަރުކާރާ ހަވާލުވެ ފުރަތަމަ 100 ދުވަހުގެ ތެރޭ ހެދިން އޮޑިޓެއް. ކޮބައިތޯ އަޅުގަނޑުމެންގެ އޭރު ހުރި 212 ސްކޫލު އެއް ދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާނެ އުމްރާނީ ވަސީލަތްތަކަކީ. ދެން އެއަށް ބަލާފައި ކޮންމެ އަހަރެއްގައި ބަޖެޓުކުރެވިގެން ޕްރޮޖެކްޓަތަކެއް ކުރިއަށް މި ގެންދެވެނީ،" މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ސަރުކާރުގެ ހަތަރު އަހަރުގެ ތެރޭ ޖުމްލަ 220 ޕްރޮޖެކްޓުވަނީ ބެޖެޓުކޮށްފައެވެ. އެ މަސައްކަތްތަކުގެ ތެރޭގައި ކްލާސްރޫމްތަކާއި ލެބޯޓްރީތަކާއި މަލްޓިޕާޕަސް ހޯލްތައް އެޅުން ހިމެނެއެވެ.

ޖެނުއަރީ 12، 2020: ވިހިވިހީގެ ތައުލީމީ އާ އަހަރުގެ ކިޔެވުން 73،000އަށް ވުރެ ގިނަ ދަރިވަރުންނާއެކު ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަރަބިއްޔާ ސްކޫލުގެ މައްސަލައަށް އިޝާރާތްކުރައްވަމުން މިނިސްޓަރު ވިދާޅުވީ 2024ވަނަ އަހަރު ބާޖަމާލުއްދީނު ބިމުގައި އެ ސްކޫލުގެ އާ އިމާރާތް އަަޅައި ނިންމައި ބޭނުންކުރަން ވެސް ފެށޭނެކަމަށެވެ.

"މި ސްކޫލު އެޅިގެންދާނީ ސްކޫލުގެ ދަރިވަރުންނަށް ބޭނުންވާ ހުރިހާ ކަންކަމެއް އެ ސްކޫލެއްގެ ތެރެއިން ލިބެން ހުންނަ ތަނެއްގެ ގޮތުގައި، އަޅުގަނޑުމެން މި ކިޔާ ބަރާބަރު ސްކޫލެއްގެ ގޮތުގައި މި ސްކޫލު އެޅިގެންދާނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރުވަނީ މި ހަތަރު އަހަރުގެ ތެރޭ ހާސިލްކުރެވުނު ކަންތައްތަކާމެދު އުފާވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ކޮވިޑު19ގެ ހާލަތާއެކު ވެސް މުހިންމު ކާމިޔާބީތަކެއް ހާސިލްކުރެވުނުކަމަށް ވިދާޅުވިއެވެ.

މަތީ ތައުލީމަށް ފަހި ފުރުސަތުތަކެއް

ހިިލޭ ފުރަތަމަ ޑިގްރީ ކިޔެވޭ ސްކީމަކީ މި ސަރުކާރުގެ ރިޔާސީ ބޮޑު ވައުދެކެވެ. އެއީ މަތީ ތައުލީމް ހާސިލްކުރަން ބޭނުވެފައި ތިބި ނަމަވެސް އެ ތަނަވަސްކަން ނެތް ގިނަ ބަޔަކަށް އެ ފުރުސަތު ފަހިވެގެން ދިޔަ ކަމެކެވެ.

ސަރުކާރުން އާންމުކޮށްފައިވާ ހިސާބުތައް ދައްކައިގޮތުން މިހާތަނަށް 15،547 ދަރިވަރަކަށްވަނީ ހިލޭ ޑިގްރޭ ސްކީމްގެ ތެރެއިން ކިޔެވުމުގެ ފުރުސަތު ފަހިކޮށްދީފައެވެ.

އެމްއެންޔޫ ދަރިވަރުންގެ ސްކޮލަޝިޕް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ޑިގްރީ ކިޔެވުމަކީ ކޯސް ފީއަށާއި ޓިއުޝަން ފީތަކަށް ބޮޑު ޚަރަދެއް ހިނގާ ކަމެކެވެ. އެގޮތުން ޑިގްރީ ކިޔަވައި ގިނަ ދަރިވަރުންނަކީ ފުލްޓައިމް ވަޒީފާތަކުގައި މަސައްކަތްކުރަމުން ކިޔަވާ ކުދިންނެވެ.

ގިނަ ކުދިން އެ ކަންކަން ކުރަނީ ކިޔެވުމަށް ދާ ޚަރަދުތައް ފޫބެއްދުމަށެވެ. އެހެންނަމަވެސް ފުލްޓައިމް ކޯހެއްގައި އުޅެމުން އެ ކަން ކުރުމަކީ ދަތި ކަމެއްގެ ގޮތުގައި ގިނަ ދަރިވަރުން ސިފަކުރެއެވެ.

https://twitter.com/governmentmv/status/1592768101392998400?s=52&t=iErFsXAhZmvRXXS6-sBnAQ

"ފްރީ ޑިގްރީ އޮޕްޝަނަކަށް ނެތްނަމަ އަނެއްހެން އިތުރު މާގިނަ އޮޕްޝަންސްއެއް ނެތް. އަަޅުގަނޑު އަމިއްލައަށް ވެސް އަނެެއްހެން ވޯކްކުރަން. އެ ކަމަކު އެ ވޯކަކީ އަނެއްހެން ކޯސްތަކުގެ ފައިނޭންސްތަކަށް ސަސްޓެއިން ކުރެވޭނެކަހަލަ ވޯކެއް ނޫން. އެހެންވީމާ އަސްލު ފްރީ ޑިގްރީ ޕްރޮގްރާމް ނެތްނަމަ އެއީ އަޅުގަނޑުގެ ފެމިލީއަށް ވެސް އަންނާނެ އިތުރު ފައިނޭންޝަލް ބާޑަންއެއް،" ކުޅުދުއްފުށީގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ކެމްޕަހުގައި ކިޔަވަމުން އަންނަ އަލީ ނަބާހު ބުންޏެވެ.

މިއީ ޒުވާނުންނަށް ފަހިވި ބޮޑު ފުރުސަތެކެވެ. އެ ކުދީން ބޭނުންވާ ދާއިރާއަކުން ސަރުކާރުގެ އެހީގައި ތައުލީމް ހާސިލްކޮށް ގައުމަށް ހިދުމަތްކުރުމަށް ހުޅުވައިދިން ދޮރެކެވެ.

ހަތަރު އަހަރުގެ ތެރޭ ތައުލީމީ ދާއިރާގައި ހަމަހަމަ ފުރުސަތުތަކެއްވަނީ ފަހިކޮށްދީފައެވެ.

comment ކޮމެންޓް