ވައިކަރަދޫގައި 81 އަހަރުގެ އަންހެނަކަށް ޖިންސީ ފުރައްސާރަކޮށްފި

ހދ. ވައިކަރަދޫ ---

ހދ. ވައިކަރަދޫގައި 81 އަހަރުގެ އަންހެނަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ފެންމަތިވެ، ފުލުހުން އެ މައްސަލަ ތަހުގީގުކުރަން ފަށައިފިއެވެ.

އެ ހާދިސާ ހިނގައި ދިޔަ ގޮތާ ބެހޭ ގޮތުން އެ އަންހެންމީހާގެ ދަރިފުޅު އައިޝަތު ހަނީފާ "ސަން"އަށް ބުނީ އޭނާގެ މަންމަ ދިރިއުޅެނީ އޭނާގެ ފިރިހެން ކޮއްކޮއަކާއެކު، އެ ކޮއްކޮގެ ގޭގައި ކަމަށެވެ. ހާދިސާ ހިނގީ ކޮއްކޮ މަހަށް ގޮސް ހުއްޓާ ކަމަށް ހަނީފާ ބުންޏެވެ.

މަންމަ ކިޔައިދިން ގޮތް ކަމަށް ބުނެ ހަނީފާ ބުނީ، މަންމަ މަޣްރިބް ނަމާދުކޮށް ނިމުނުތަނާ މީހަކު ގެއަށް ވަދެ، ކާއެއްޗެއް ދޭން އެދުނު ކަމަށެވެ. އެމީހާއަކީ ރަށުން ބޭރު މީހެއްކަމުން އޭނާގެ މަންމަ އަވަސްވެގަތީ އެމީހާއަށް ކާއެއްޗެއް ދިނުމަށްކަމަށް ހަނީފާ ބުންޏެވެ. އަދި ކާންހަދާ ބަލައިލި އިރު އެމީހާ ހުރީ ބަރަހަނާ ހާލުގައި ކަމަށް ހަނީފާ ބުންޏެވެ.

"އޭނަ މަންމަ ފަހަތުން ދުއްވައިގަތީމަ މަންމަ ބިރުން އަވަހަށް ދިޔައީ ޖެހިގެން ހުރި ގެއަށް. ދެން އެގޭ ދައްތަ އަށް އެވާހަކަ ކިޔައިދިނީމަ އެ ދައްތަ ޕޮލިހަށް ރިޕޯޓުކުރީ،" އޭނާ ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ވައިކަރަދޫގައި އުމުރުން 81 އަހަރުގެ އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ މައްސަލައެއް މިދިޔަ ހުކުރު ދުވަހުގެ 19:00 ހާއިރު ފުލުހަށް ރިޕޯޓުކޮށްފައި ވާކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

"މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" ފުލުހުން ބުންޏެވެ.

comment ކޮމެންޓް