އާންމު ތަންތަނުގައި ބޮޑު ސްކްރީނު ބަހައްޓައިގެން ވޯލްޑްކަޕް މެޗުތައް ނުދެއްކޭނެ: މީޑިއާނެޓް

މީޑިއާނެޓުގެ އޮފީހެއް --

މީޑިއާނެޓުގެ ހުއްދަ ނެތި، ޕްރޮޖެކްޓަރު ބަހައްޓައިގެން އާންމު ތަންތަނުގައި ވޯލްޑްކަޕުގެ މެޗުތައް ނުދެއްކޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މީޑިއާނެޓުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕް ރާއްޖޭގައި ދެއްކުމުގެ ލައިސެންސް ފީފާގެ ފަރާތުން ލިބިފައިވަނީ އެ ކުންފުންޏަށް ކަމަށެވެ.

މީޑިއާނެޓުން ވަނީ، ރާއްޖޭގައި ވޯލްޑްކަޕް ދެއްކުމުގެ ސަބް ލައިސެންސް ތިން ޗެނަލަކަށް ދީފައެވެ. އެ ތިން ޗެނަލަކީ، ރާއްޖެޓީވީ، ޔެސްޓީވީ އަދި އައިސްޓީވީއެވެ.

ރާއްޖޭގެ ގޭބިސީތަކަށް މީޑިއާނެޓް މެދުވެރިކޮށް އެ ޗެނަލްތަކުން ވޯލްޑްކަޕް މެޗު ބެލުމުގެ ހުއްދަ އޮތްނަމަވެސް، އާންމު ތަންތަނުގައި ބޮޑު ސްކްރީނު ބަހައްޓައިގެން ވޯލްޑްކަޕް މެޗުތައް ބެލުމަކީ މަނާކަމެއްކަމަށް އެ ކުންފުނިން ބުންޏެވެ.

މީޑިއާނެޓުން ބުނީ ކެފޭތަކާއި، ރެސްޓޯރެންޓުތައް ފަދަ ވިޔަފާރީގެ ޚިދުމަތްދޭ ތަންތަނުން މީޑިއާނެޓުގެ ހުއްދަ ނަގައިގެން ވޯލްޑްކަޕް ދެއްކުމުގެ ފުރުސަތު އެތަންތަނަށް އެބައޮތްކަމަށެވެ. މި ބަޔާނުގައި މީޑިއާނެޓުން އިތުރަށް ބުނެފައިވަނީ، ސޯޝަލް މީޑިއާގެ އެއްވެސް ވަސީލަތަކުން އަދި އިންޓަނެޓްގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެންވިޔަސް ވޯލްޑްކަޕްގެ މެޗްތައް ލައިވް ކުރުމަކީ މަނާކަމެއްކަމަށެވެ.

ކަނޑައެޅިފައިވާ އުސޫލްތަކާ ޚިލާފަށް ވޯލްޑްކަޕް ދައްކާނަމަ އެފަދަ ފަރާތްތަކާ ދެކޮޅަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ގާނޫނީ ފިޔަވަޅު އަޅާނޭކަމަށް މީޑިއާނެޓުން ވަނީ އިންޒާރުދީފައެވެ.

އާންމުންނަށް ހުޅުވާލައިގެން ވޯލްޑްކަޕް ދައްކާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނޭކަމުގެ އިންޒާރު މީޑިއާނެޓުން ދީފައިވާއިރު، ޔޫތު މިނިސްޓްރީން މިއަދު ވަނީ ކުރިއަށްއޮތް ވޯލްޑްކަޕަށް ހާއްސަކޮށް 100 ޕްރޮޖެކްޓަރު ދޫކުރަން ނިންމާފައެވެ. މި ޕްރޮޖެކްޓަރުތައް ދޫކުރުމަށް ނިންމާފައިވަނީ މަދަނީ ޖަމިއްޔާތަކަށެވެ.

comment ކޮމެންޓް