ދުނިޔޭގެ އެއްވަނަ ސީޕްލޭން އޮޕަރޭޓަރަކަށް ޓީއެމްއޭ

ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދޭ ވޯލްޑް ލީޑިން ސީޕްލޭން އޮޕަރޭޓަރ އެވޯޑް 2022 ޓްރާންސް މޯލްޑިވިއަން އެއަވޭސް (ޓީއެމްއޭ)އަށް ލިބިއްޖެއެވެ.

އޮމާންގެ މަސްކަޓްގައި ރޭ ބޭއްވި އެވޯޑް ދިނުމުގެ ޙަފްލާގައި ޓީއެމްއޭގެ ފަރާތުން މި އެވޯޑާ ހަވާލުވީ އެކުންފުނީގެ ބިޒްނަސް ޑިވެލޮޕްމެންޓް އަދި ކޯޕަރޭޓް ސްޓްރެޓަޖީގެ ޑެޕިއުޓީ މެނޭޖަރު އައިޝަތު އަލާ އަބްދުލްހަންނާނެވެ.

މިއީ މި އެވޯޑް ޓީއެމްއޭއިން ހޯދި އަށް ވަނަ ފަހަރެވެ. އެގޮތުން 2014އިން ފެށިގެން މިއަހަރުގެ ނިޔަލަށް، 2016 ވަނަ އަހަރު ފިޔަވައި ކޮންމެ އަހަރަކުވެސް ޓީއެމްއޭއިން މި އެވޯޑް ހޯދާފައިވެއެވެ.

މި ރަސްމިއްޔާތުގައި ރާއްޖެއިން ވަނީ ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ މަގާމް ހޯދާފައެވެ.

ނަވާވީސް ވަނަ ވޯލްޑް ޓްރެވެލް އެވޯޑްސް ގްރޭންޑް ފައިނަލް ގާލާ ބޭއްވީ އޮމާންގެ ރިޓްޒް ކާލްޓަންގެ ހޮޓަލެއް ކަމަށްވާ އަލް ބުސްތާން ޕެލެސްގައެވެ. މި ރަސްމިއްޔާތުގައި ރާއްޖެއިން ބައިނަލްއަގުވާމީ އެތަކެއް އެވޯޑްތަކެއް ވަނީ ހާސިލްކޮށްފައެވެ.

comment ކޮމެންޓް