ދުނިޔޭގެ ލީޑިން ޓުއަރިސްޓް ބޯޑްގެ އެވޯޑް ފުރަތަަމަ ފަހަރަށް އެމްއެމްޕީއާރްސީއަށް

ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދޭ ވޯލްޑްސް ލީޑިންގް ޓުއަރިސްޓް ބޯޑްގެ އެވޯޑް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އަށް ފުރަތަމަ ފަހަރަށް ރޭ ލިބިއްޖެއެވެ.

އޮމާންގެ ރިޓްޒް ކާލްޓަންގެ ހޮޓަލެއް ކަމަށްވާ އަލް ބުސްތާން ޕެލެސްގައި ބޭއްވި 29 ވަނަ ވޯލްޑް ޓްރެވެލް އެވޯޑްސް ގްރޭންޑް ފައިނަލް ގާލާ ރަސްމިއްޔާތުގައި އެމްއެމްޕީއާރްސީގެ ފަރާތުން އެ އެވޯޑާ ހަވާލުވެވަޑައިގެންނެވީ އެ ކޯޕަރޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުޙައްމަދުއެވެ.

މިއީ ރާއްޖޭގެ ތާރީޚުގައި ވެސްް ދުނިޔޭގެ އެންމެ ޝަރަފުވެރި ޓޫރިސްޓް ބޯޑުގެ މަގާމު ލިބުނު ފުރަތަމަ ފަހަރެވެ.

މިއަހަރުގެ ވޯލްޑްސް ލީޑިންގް ޓުއަރިސްޓް ބޯޑަށް އެމްއެމްޕީއާރްސީގެ އިތުރުން އިނގިރޭސި ވިލާތުގެ ޓުއަރިޒަމް މިނިސްޓްރީ އާއި ގްރީސްގެ ޓުއަރިޒަމް މިނިސްޓްރީ ފަދަ 25 ބޯޑެއް ވަނީ ނޮމިނޭޓްވެފައެވެ.

ރޭ ރާއްޖެއަށް ވަނީ ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަން އެވޯޑް ވެސް ތިން ވަނަ ފަހަރަށް ލިބިފައެވެ.

އެ ރަސްމިއްޔާތުގައި ތޮއްޔިބު ވިދާޅުވީ ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންގެ ލަގަބު ޖެހިޖެހިގެން ތިން އަހަރު ހޯދުމަކީ ހަގީގަތުގައި ވެސް ލިބުނު ޝަރަފެއްކަމަށެވެ. އަދި މި ކާމިޔާބީއަކީ ދިވެހި ސަރުކާރުގެ އިރުޝާދާއި، އިންޑަސްޓްރީގެ ބައިވެރިންގެ އެއްބާރުލުމާއި މުޅި ފަތުރުވެރިކަމުގެ ސިނާއަތުގެ ބުރަ މަސައްކަތުގެ ސަބަބުން ހާސިލުވި ޝަރަފެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ފާއިތުވި އަހަރުތަކުގައި ދުނިޔެއަށް ކުރިމަތިލާން ޖެހުނު އެކިއެކި ގޮންޖެހުންތައް ތަހައްމަލުކޮށް، އެމްއެމްޕީއާރުސީގެ ޓީމުން ކުރި ބުރަ މަސައްކަތުގެ އަގު ދުނިޔެއިން ވަޒަންކޮށްފައިވާ ކަމަށާއި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގެ މީހުން ދިވެހިރާއްޖެ ދެކެ ވާ ލޯބި ވަރަށް ސާފުކޮށް ފެނިއްޖެ ކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

ހަމައެއާއެކު ތޮއްޔިބު ވަނީ ޑަބްލިއުޓީއޭގައި ރާއްޖެއަށާއި އެމްއެމްޕީއާރުސީއަށް ވޯޓު ދިން އެންމެންނަށް ޝުކުރު އަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ރާއްޖެއަށް ލިބުނު އިތުރު އެވޯޑަކީ ވޯލްޑް ލީޑިން ސީޕްލޭން އެވޯޑެވެ. އެ އެވޯޑް ލިބުނީ ޓްރާންސް މޯލްޑިވިއަން އެއަވޭސް (ޓީއެމްއޭ)އަށެވެ. މިއީ މި އެވޯޑް ޓީއެމްއޭއިން ހޯދި އަށް ވަނަ ފަހަރެވެ. އެގޮތުން 2014އިން ފެށިގެން މިއަހަރުގެ ނިޔަލަށް، 2016 ވަނަ އަހަރު ފިޔަވައި ކޮންމެ އަހަރަކުވެސް ޓީއެމްއޭއިން މި އެވޯޑް ހޯދާފައިވެއެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ސަރަހައްދީ ގާލާތައް މިދިޔަ މަހު ވަނީ ނިންމާލާފައެވެ. އެ ރަސްމިއްޔާތުތަކުގައި އެމްއެމްޕީއާރުސީއަށް ވަނީ އިންޑިއާ ކަނޑުގެ ލީޑިން ޓުއަރިސްޓް ބޯޑް އެވޯޑް ވެސް ލިބިފައެވެ.

މީގެ އިތުރުން އިންޑިއާ ކަނޑުގެ ސަރަހައްދުން ރާއްޖެއަށް ލިބުނު އެވޯޑުތަކުގެ ތެރޭގައި އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު މަންޒިލްގެ އެވޯޑު ހިމެނެއެވެ. އެއީ ރާއްޖެއަށް އެ އެވޯޑް ލިބުނު 15 ވަނަ ފަހަރު ކަމަށްވާ އިރު މިއަހަރަކީ ރާއްޖެއަށް ވިދިވިދިގެން އެ އެވޯޑް ލިބުނު ތިން ވަނަ ފަހަރެވެ.

comment ކޮމެންޓް