ސިޔާސީ ހަމަޖެހުން ރާއްޖެ ގެނެވޭ ކަމުގެ ހިތްހަމަޖެހުން މިއަދު އެބަ ލިބޭ: ރައީސް

ޒަމާންތަކަކަށްފަހު ރާއްޖެއަށް ސިޔާސީ ހަމަޖެހުން ގެނެވޭ ކަމުގެ ހިތްހަމަޖެހުން މިއަދު ލިބެމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ގައުމާ މުޚާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މީގެ ހަތަރު އަހަރު ކުރިއާ ޚިލާފަށް ކުޑައެއް ބޮޑެއް، ސިޔާސީ ކުލައެއް ތަފާތު ނުކޮށް، ހަމަހަމަ ކަމާއެކު ރައްޔިތުންނަށް މިއަދު ޚިދުމަތް ލިބެމުންދާކަމަށާއި، އަމާންވެއްޓެއް ގާއިމްވެ، ހަމަޖެހިލައިގެން ދިރިއުޅުމާމެދު ވިސްނާނެ މާހައުލެއް މިއަދު މަގުފަހިވެފައިވާ ކަމަށެވެ.

އެގޮތުން، ފާއިތުވީ ހަތަރު އަހަރުތެރޭގައި ތަފާތު ކުރުމެއްނެތި ހަމަހަމަ ކަމާއެކު ހުރިހާ ރަށަކަށް އަސާސީ ޚިދުމަތް ފޯރުކޮށްދީ ނިންމުމުގެ އަމާޒުގައި ސަރުކާރުން މަސައްކަތް ކުރަމުންދަނީ، އެއްވެސް ރަށަކަށް އިހުމާލުވެ އެކަހެރި ނުވާނެ ތަނަވަސް އުފާވެރި ޖަޒީރާ ދިރިއުޅުން މިޖުމްހޫރިއްޔާގެ ހުރިހާ ރަށަކަށް ލިއްބައިދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ ހަތަރު އަހަރުކުރީން ގައުމު އޮތް ހާލަތު ސިފަކޮށްދެއްވަމުން ރައީސް ވިދާޅުވީ، ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގުތަކާއި މިނިވަންކަން ލިބިދިނުމުގައި ކަށަވަރުކަމެއް ނެތް ކަމަށާއި، އެދުވަހު ގައުމުގައި އޮތީ ހާސްކަމާއި ކަންބޮޑުވުމާއި، ނުތަނަވަސްކަމާއި ބިރުވެރިކަން ކަމަށެވެ.

ޖުމްހޫރީ ދުވަހުގެ ޖަލްސާގެ ތެރެއިން

"ނަތީޖާއަކަށްވީ، ވެރިކަމުގެ ނިޒާމް ކިލަނބުވެ، ހިނގާ ކަންކަމުގެ ދެފަރާތް ފެނުން އެއީ، ނެތް ފުރުސަތަކަށްވުން. ފަރުދާގެ ފުރަގަހުގާ ހިނގާކަމެއް ނިމި، މަންޒަރު ސާފުވާން ފެށިއިރު، އިންސާފަކީ އެންމެ ބޮޑު ބޭއިންސާފު ކަމުގައި އޮތީވެފަ. އަމާނާތްތެރި ކަމަކީ، އެންމެ ބޮޑު ޚިޔާނާތް ކަމުގައި ވެ ނިމިއްޖެ. އިންސާފަށް އެދުމުގެ ކުރިން، އިންސާފު ލިބިދާނެ ކަމަށް އުންމީދު ނުކުރެވޭ ހިސާބަށް، ބޭއިންސާފު އޮތީ އާންމުވެފަ،" ރައީސް ވިދާޅުވިއެވެ.

އޭރު ރައްޔިތުން ބޭނުންވީ އިންސާފުގެ މަގަށް ވެރިކަން ހިންގުން ރުޖޫއަވެ، ދެފުށް ފެންނަ، ޖަވާބުދާރީ ކުރުވެނިވި ގޮތަކަށް ދައުލަތް ބިނާވުން ކަން ފާހަގަކުރައްވައި، އެމަނިކުފާނު ވިދާޅުވީ، ފާއިތުވި ހަތަރު އަހަރުވެސް މަސައްކަތް ކުރެއްވީ ސިޔާސީ ޒުވާބާއި ހަސަދައާއި ޖަދަލާއި ނަފްރަތުން މުޖުމަތަމަޢު ސަލާމަތްކޮށް ތަފާތު ނުކޮށް ހަމަހަމަ ކަމާއެކު، އެންމެނާއެކު ކުރިއަށް ދިއުމަށް ކަމަށެވެ.

މީގެއިތުރުން، އިންސާފުގެ މަގަށް ރާއްޖެ ރުޖޫޢަ ކުރެވޭނެ ކަމުގެ އުންމީދު މިހަތަރު އަހަރުތެރޭ އިންތިހާއަށް ބޮޑުވެފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، ސަރުކާރު ޖަވާބުދާރީ ކުރުވާނެ އެތަށް މަގެއް މިއަދު ފަހިކޮށްފައިވާނެ ކަމަށާއި، މާލީ ހިސާބުތަކާއި، ރައްޔިތުންނާ ގުޅުންހުރި ނިންމުންތަކާއި ވެނިމުނު ކަންކަމާއި އިތުރަށް ކުރަން ހުރި ކަންކަމުގެ ހުޅުވިފައިވާ ތަފްސީލްތަކަށް މިއަދު ރައްޔިތުންނަށް ވާސިލްވެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ޖުމްހޫރީ ދުވަހުގެ ޖަލްސާގެ ތެރެއިން

"އޭރު ޤައުމު އޮތް ކިލަނބު ކަމުގެ ބޮޑުކަމާ ހުރެވެސް އަޅުގަނޑުމެން ވައުދުވީ، ހާމަކަން ބޮޑު ކުރުމަށް. ސަރުކާރު މިއޮތީ އެފުރުސަތު ހުޅުވާލައިގެން. ހާމަކުރެވޭ މައުލޫމާތުގެ ދެފޮޅުވަތް ދޭތެރެއާ ފިލި ކޯޅިން މާނަ ނެގުމަކީ ސަރުކާރަށް ތަކުލީފެއް އުފުލަން ޖެހިދާނެ ކަމެއްކަން އެނގިތިބެވެސް މިހާރުގެ ރޫޙަކީ ހަމަ ހާމަކުރުން،" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ރައީސް ވިދާޅުވީ، ސަރުކާރަށް ވާސިލްވެފައިވާ ހުރިހާ ކާމިޔާބީއެއްގެ އެންމެ ވަރުގަދަ ސިއްރަކީ އަޅުގަނޑުމެންގެ ތެރޭގައި މިހާރު މިއޮތް ހަމަޖެހުން ކަމަށެވެ. އެންމެން އެކުގައި އެއް އަމާޒަށް ވާސިލުވުމަށް މަސައްކަތް ކޮށްފިނަމަ ހުރަސްތައް ގިރާކުރެވި ކުރިއެރުންތައް ހާސިލުކުރެވި އުފާވެރި ފާގަތި މާދަމާއެއް ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށާއި، ސިޔާސީ ޚިޔާލު ތަފާތުވުން އެއްފަރާތްކޮށް، އެންމެ ބޮޑު މަސްލަހަތަކީ ޤައުމީ މަސްލަހަތުކަން ފާއިތުވި ހަތަރު އަހަރުތެރޭގައި ސާބިތުކޮށްދީފައިވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް