އޮސަސޫނާ އަތުން މޮޅުވެ ބާސާ އެއްވަނައިގައި ހަމަޖެހިލައިފި

ސްޕެނިޝް ލަލީގާގައި އޮސަސޫނާ ބަލިކޮށް ބާސެލޯނާ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.

ރޭ އޮސަސޫނާ ދަނޑުގައި ބާސާ މޮޅުވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ބޮޑުބައި ބާސާއިން ކުޅުނީ އެއްކުޅުންތެރިއަކު މަދުކޮށެވެ.

މެޗުގެ 31 ވަނަ މިނެޓުގައި ބާސާގެ އިތުބާރު ފޯވާޑް ރޮބާޓް ލެވަންޑޯސްކީއަށް ވަނީ ރަތް ކާޑެއް ދައްކާފައެވެ. އޭނާއަށް ރަތްކާޑު ދައްކާފައިވަނީ އޮސަސޫނާގެ ޑޭވިޑް ގާސިއާއަށް ކުރި ފައުލަކާ ގުޅިގެންނެވެ. އަަދި މެޗުގެ ހާފު ޓައިމްގައި ބާސާގެ ބެންޗުގައި އިން ޖެރާޑް ޕީކޭއަށް ވެސް ވަނީ ރަތްކާޑު ދައްކާފައެވެ. ޕީކޭއަށް ރަތްކާޑު ދެއްކީ ރެފްރީއާ ބޭއަދަބީކޮށް ވާހަކަދެއްކުމުންނެވެ.

ރޭގެ މެޗުގައި ފުރަތަމަ ގޯލުޖަހައި ލީޑުނެގީ އޮސަސޫނާއިންނެވެ. މެޗުގެ ހަ ވަނަ މިނެޓުގައި އެ ގޯލު ޖެހީ ޑޭވިޑް ގާސިއާއެވެ. އެ ގޯލަކީ ރުބެން ގާސިއާއާ ނެގި ކޯނަރަކުން ޑޭވިޑް ގާސިއާ ޖެހި ގޯލެކެވެ.

ބާސާލޯނާއާއި އޮސަސޫނާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ / ގެޓީ އިމޭޖްސް

އެ ނަތީޖާއާއެކު މެޗުގެ ފުރަތަމަ ހާފު ނިމުނު ނަމަވެސް ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ބާސާއިން ގޯލުޖަހައި ނަތީޖާ ހަމަހަމަކުރިއެވެ. އެ ގޯލަކީ ޕެޑްރި ގޮންޒަލޭޒް ޖެހިގޯލެކެވެ.

މެޗުގެ ނަތީޖާ އެއްވަރުވެގެން ނިމެން ދަނިކޮށް 85 ވަނަ މިނެޓުގައި ބާސާއިން ގޯލެއްޖަހައި މެޗުގެ ލީޑު ނެގިއެވެ. އެ ގޯލަކީ ފްރެންކީ ޑިޔޯންގް ހާފުގެ މެދަކާ ހިސާބުން ދިން ޕާހަކުން ރަފީނިއާ ޖެހި ގޯލެކެވެ.

އެ ނަތީޖާއާއެކު ބާސާ މޮޅުވެ ލީގު ތާވަލުގެ އެއްވަނައިގައި ވަނީ ފަސް ޕޮއިންޓުގެ ލީޑެއް ހޯދައިފައެވެ. ސާދަ މެޗު ކުޅެ ބާސާ އެއްވަނައިގައި އޮތީ 37 ޕޮއިންޓާއެކުވެ. ރެއާލް މެޑްރިޑް ތާވަލުގެ ދެވަނައިގައި އޮތީ ބާސާއަށްވުރެ އެއް މެޗު މަދުން ކުޅެ 32 ޕޮއިންޓު ހޯދައިގެންނެވެ.

comment ކޮމެންޓް