މޫސުމީ ކާރިސާއިން އަރައިގަތުމަށް ކޮންމެ އަހަރަކު 2 ޓްރިލިއަން ޑޮލަރު ބޭނުންވޭ!

މޫސުމީ ކާރިސާތަކުން އަރައިގަތުމަށް ކޮންމެ އަހަރަކު ދެ ޓްރިލިއަން ޑޮލަރު ބޭނުންވާކަމަށް އދ.ގެ ރިޕޯޓަކުން ދައްކައިފިއެވެ.

މިސްރުގައި މިވަގުތު ކުރިއަށްދާ ކޮޕް27 ސަމިޓަށް އދ.ގެ ފަރާތުން ހުށަހެޅި ރިޕޯޓުގައި ވާގޮތުން، ދުނިޔެ ހޫނުވުމާއި، އެކަމުގެ ސަބަބުން ދިމާވާނެ ކާރިސާތަކުން އަރައިގަތުމަށް ތަރައްގީވެފައިވާ ގައުމުތަކާއި، ޗައިނާ ފިޔަވައި ކުރިއަރަމުން އަންނަ އިގުތިސާދުތަކުން އަހަރެއްގެ މައްޗަށް ދެ ޓްރިލިއަން ޑޮލަރު ހޭދަކުރަން ޖެހެއެވެ.

މި ފާއިސާގެ ތެރެއިން ޓްރިލިއަނަކަށްވުރެ ގިނަ ޑޮލަރު ހޭދަކުރަން ޖެހެނީ މުއްސަނދި ގައުމުތަކުންނާއި، ޑިވަލޮޕްމެންޓް ބޭންކުތަކާއި، އިންވެސްޓަރުން އަމިއްލައަށެވެ. އަދި އިތުރު އެއް ޓްރިލިއަން ޑޮލަރު ހޯދަން ޖެހެނީ ޕްރައިވެޓް އަދި ޕަބްލިކް މަސްދަރުތަކުންކަމަށް އދ.ގެ އެ ރިޕޯޓުގައި ވެއެވެ.

ތަރައްގީވެފައިވާ ގައުމުތަކާއި، ޗައިނާ ފިޔަވައި ކުރިއަރަމުން އަންނަ އިގުތިސާދުތަކުން މިހާރު 500 ބިލިއަން ޑޮލަރު މިކަމަށްޓަކައި ހޭދަކުރަމުން އަންނައިރު، 2030 ވަނަ އަހަރަށް އައު ރޯޑްމެޕެއް ތައްޔާރުކުރަން ޖެހޭކަމަށް ރިޕޯޓުގައި ބުންޏެވެ.

އދ.ގެ ކްލައިމެޓް ޓޯލްކްތަކުން އަލިއަޅުވާލާ ތިން ކަމުގެ ތެރޭގައި ގްރީންހައުސް ގޭސް މަދުކުރުމާއި، ދުނިޔެ ހޫނުވުމުގެ ސަބަބުން ދިމާވެދާނެ ކަންކަމަށް ތައްޔާރުވެ ތިބުމާއި، ފަގީރު ގައުމުތަކަށް ލިބިފައިވާ ގެއްލުންތައް ފޫބެއްދުން ހިމެނެއެވެ.

ކްލައިމެޓް ކްރައިސިސް ހައްލުކުރުމަށް ހޯދާ ފައިސާ ބޭނުންކުރެވެނީ އެންމެ ރަނގަޅު ގޮތުގައިތޯ ބަލަން ޖެހޭ ކަމަށް ވެސް ރިޕޯޓުގައި ވެއެވެ. އަދި ރަނގަޅު، ހަރުދަނާ ސިޔާސަތުތައް ވެސް އެކުލަވައިލާން ޖެހޭ ކަމަށް ރިޕޯޓުގައި އަލިއަޅުވާލާފައި ވެއެވެ.

މިސްރުގައި ބާއްވާ ކޮޕް27 ސަމިޓުގައި ދިވެހިރާއްޖޭގެ ފަރާތުން ނާއިބު ރައީސް ފައިސަލް ނަސީމު ބައިވެރިވެވަޑައިގަންނަވާއިރު، ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކަށް މިހާރަށްވުރެ ބޮޑަށް އިސްކަން ދޭންޖެހޭކަމަށް ބައިނަލްއަގުވާމީ މުޖުތަމަޢުއިން ޤަބޫލުކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް