ޕްރިންސިޕަލް ވަކިކުރުމުން، އަރަބިއްޔާ ބެލެނިވެރިން މުޒާހަރާކޮށްފި

އަރަބިއްޔާ ބެލެނިވެރިން ކުރި މުޒާހަރާގެ ތެރެއިން -- ފޮޓޯ/ އަރަބިއްޔާ ފެމިލީ ޓްވިޓާ

އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުއްރަހީމް އެ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުން ވަކިކުރުމުން އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރުމުގެ ގޮތުން އެ ސްކޫލު ބެލެނިވެރިން މިރޭ މުޒާހަރާކޮށްފިއެވެ.

އެ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމަށް ވަގުތީގޮތުން އައްޔަން ކޮށްފައި ވަނީ އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދެވެ.

https://sun.mv/170061

އަރަބިއްޔާ ސްކޫލް މިހާރު ހިންގާ އިމާރާތުގެ ބޭރުގައި މިރޭ ކުރި މުޒާހަރާއާ ގުޅޭގޮތުން އެ ސްކޫލުގެ ޕީޓީއޭގެ އިސް ބޭފުޅަކު "ސަން"އަށް ވިދާޅުވީ، އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް ކަމަށް ހުސައިން ސައީދު ބަލައި ނުގަނެވޭނެ ކަމަށެވެ.

"އެއީ އަޅުގަނޑުމެންގެ ސްކޫލު މި ހިނގަނީ ވަކި ސިސްޓަމަކަށް ދެއްތޯ. އެހެން ވީމަ އާ ޕްރިންސިޕަލް ބަލައެއް ނުގަނެވޭނެ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހުސައިން ސައީދު މިވަގުތު ހަވާލުވެޑައިގެން ހުންނެވީ ދެ ސްކޫލުގެ ހިންގުމާ ކަމަށެވެ. އަދި އިސްކަންދަރު ސްކޫލު ފަދަ ބޮޑު ސްކޫލެއް ބަލަހައްޓަވަމުން އަރަބިއްޔާ ސްކޫލު ބެލެހެއްޓޭނެކަމަށް ގަބޫލުނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، ތައުލީމު ދިނުމުގައި ދަރިވަރުން ތަފާތު ނުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައި ވާކަމަށެވެ. ނަމަވެސް އެތައް ގޮތަކުން އަރަބިއްޔާ ސްކޫލު ތަފާތުކޮށްފައި ވާކަމަށް އޭނާ ވިދާޅުވިއެވެ.

"އަރަބިއްޔާ ދަރިވަރުން މިހާރު ކިޔަވަމުން އެދަނީ ލެބޯޓަރީއަކާ ނުލާ ވަގުތީ އިމާރާތެއްގަ. އެހެންވެއްޖެކަމަށް ވާނަމަ ހުންނަންޖެހޭނެ ދެއްތޯ ކަންތައްތައް ފަހިވެފަ،" އޭނާ ވިދާޅުވިއެވެ.

އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް މަގާމުން ވަކިކުރުމާ ގުޅިގެން "އަރަބިއްޔާ ފެމިލީ" ކިޔާ ޓްވިޓާ އެކައުންޓަކުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ، އޭނާ މަގާމުން ވަކިކުރީ އެ ސްކޫލުގެ ބެލެނިވެރިން ކުރިއަށްގެންދާ "ސޭވް އަރަބިއްޔާ" ކެމްޕެއިން ހުއްޓުވަން މަސައްކަތް ނުކުރާކަމަށް ބުނެ ކަމަށެވެ.

ނަމަވެސް މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް އަހުމަދު އަލީ "ސަން" އަށް ވިދާޅުވީ، މި ބަދަލަކީ އަރަބިއްޔާ ސްކޫލުގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް މިނިސްޓްރީން ގެނައި މުހިންމު ބަދަލެއް ކަމަށެވެ.

"ސްކޫލުތަކުގެ ހިންގުން ހަރުދަނާކުރުމަށް އަތޮޅުތެރޭގައި ވެސް އަދި މާލޭގައި ވެސް މިކަހަލަ ބަދަލުތައް ގެނައުމަކީ މިނިސްޓްރީން އަބަދު ވެސް ހަމަ ކުރައްވާކަމެއް އެ އިރެއްގެ ހާލަތަ ކަންކަމަށް ބެލުމަށްފަހު،" އޭނާ ވިދާޅުވިއެވެ.

އަހުމަދު އަލީ ވިދާޅުވީ، އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން "ސޭވް އަރަބިއްޔާ"ގެ ނަމުގައި ކެމްޕެއިނެއް ކުރިއަށްގެންދާކަން މިނިސްޓްރީއަށް އެނގިފައި ނުވާކަމަށެވެ.

"ސްކޫލެއްގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް ބަދަލުތައް ގެންނަ އިރު، އެކަހަލަ ކަންކަމަކަށް ނުއެއް ބަލާނެ ދެއްތޯ،" އޭނާ ވިދާޅުވިއެވެ.

އަރަބިއްޔާ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުއްރަހީމް މިވަގުތު މަސައްކަތް ކުރައްވާނީ އެޑިއުކޭޝަން މިނިސްޓްރީގެ ޑިޕާޓްމަންޓެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ކޮން ޑިޕާޓްމަންޓެއްގައިކަން ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް