ބިލެއްފަހީގެ ޑަބްލިއުޑީސީގައި ފައިސާ ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ރައީސަށް ދަންނަވައިފި

ށ. ބިލެތްފަހީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ)ގެ މަސައްކަތް ކުރުމަށް ބޭނުންވާ ބަޖެޓް ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ މިއަދު ހިއްސާ ކުރައްވައިފިއެވެ.

މި މައްސަލަ ރައީސްގެ ސަމާލުކަމަށް ގެނައީ ބިލެއްފަހި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު ފަހު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

ރައީސް، ށ. ބިލެތްފަހި ކައުންސިލާއި އ.ތ.މ. ކޮމިޓީއާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މިއަދުގެ ބައްދަލުވުމުގައި ބިލެއްފަހީގެ ޑަބްލިއުޑީސީން ވަނީ އެކޮމެޓީގެ މަސައްކަތް ކުރުމަށް ބޭނުންވާ ބަޖެޓް ނެތުމާއި، އެކޮމެޓީގެ މަސައްކަތްތައް ކުރުމަށް އެކަށީގެންވާ ޖާގައެއްނެތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ރައީސާ ހިއްސާ ކުރައްވައިފައެވެ. މީގެ އިތުރުން އަންހެނުންނަށް ޚާއްސަ އިންޑޯ ޖިމެއް ބޭނުންވާކަމަށް އެ ކޮމެޓީގެ މެމްބަރުން ވަނީ ފާހަގަކުރައްވައިފައެވެ.

ބިލެއްފަހި ކައުންސިލުން މިއަދުގެ ބައްދަލުވުމުގައި ވަނީ އެ ރަށުގެ ތަރައްގީއަށް ޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައިފައެވެ. އަދި ކައުންސިލުން ވަނީ ބިލެއްފައްސައް ކޮށްދެއްވަން ރައީސް ވިދާޅުވި ކަންކަމުގެ ތެރެއިން 95 އިންސައްތަ ކަންކަމުގެ މަސައްކަތް ހިނގަމުންދާކަން ފާހަގަކުރައްވައިފައެވެ.

ރައީސް، ށ. ބިލެތްފަހި ކައުންސިލާއި އ.ތ.މ. ކޮމިޓީއާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މި ބައްދަލުކުރުމުގައި ކައުންސިލުން ވަނީ ބިލެތްފަހީގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމާއި ކައުންސިލާއި ރައްޔިތުން މިވަގުތު އެންމެ ބޭނުންވާ ކަންކަން ވެސް ރައީސަށް ދަންނަވާފައެވެ.

އެގޮތުން ބިލެތްފަހީގެ ބަނދަރު މަޝްރޫއު ކުރިއަށްދާއިރު އެ މަޝްރޫއުގެ ތެރެއިން ރައްޔިތުން ކުރަން ބޭނުންވާކަންކަމުގެ ތަފްސީލް، ރައީސަށް ދެންނެވިއެވެ.

އެގޮތުން ރަށުގެ ލަފާފުރުމުގައި ހުރި ދަތިތައް ފާހަގަކޮށް، ނެރުގެ މައްސަލަ ހައްލުކޮށްދެއްވުމަށާއި، ދޯނި އެހެލުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ރަށުގެ ޒުވާނުންނަށް ޚާއްސަ ޒުވާނުންގެ މަރުކަޒެއް ބޭނުންވާ ކަމަށާއި، ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ވަސީލަތްތައް އިތުރުކޮށްދެއްވުމަށް ރައީސްގެ އަރިހުގައި ކައުންސިލުން ވަނީ އެދިލައްވައިފައެވެ.

މި ބައްދަލުކުރުމުގައި ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމާއި އެއާޕޯޓުގެ މަސައްކަތް އަވަހަށް ފެށުމަށް ބޭނުންވާކަން ކައުސިލުން ފާހަގަ ކުރެއްވިއެވެ. މި ކަންކަމުގެ އިތުރުން ރަށުގެ ކުނިކޮށީގެ މަސައްކަތް ނުފެށި ލަސްވަމުންދާތީ އެކަމުގައި ހުރި ރައްޔިތުންގެ ކަންބޮޑުވުންތައް ކައުންސިލުން ވަނީ ރައީސާ ހިއްސާކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ބިލެއްފަހި ކައުންސިލުން ފާހަގަކުރި ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމަނާފައިވާ ކަންކަން ކުރިއަށް ގެންދިއުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި އެއާޕޯޓުގެ މަސައްކަތް ލަސްތަކެއް ނުވެ ކުރިއަށްދާނެ ކަމަށާއި އ.ތ.މ. ކޮމިޓީން ފާހަގަކުރި ކަންކަން ހައްލުކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

ރައީސް، ށ. ބިލެތްފަހި ކައުންސިލާއި އ.ތ.މ. ކޮމިޓީއާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މީގެ އިތުރުން ވެސް ބަނދަރު ހެދުމުގެ މަޝްރޫއުގެ ތެރެއިން ކުރިއަށްގެންދެވެން ހުރި ކަންކަން އެކަމާއި ގުޅޭ އިދާރާތަކާ މަޝްވަރާ ކުރައްވައި ސާވޭ ކުރުމަށްފަހު ބައްލަވައި ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުން ނިންމަވާލައްވަމުން ކައުންސިލުން ވަނީ އެބޭފުޅުން ހިއްސާކުރެއްވި ކަންބޮޑުވުންތައް އަޑުއައްސަވައި އެކަންކަން ހައްލުކޮށްދެއްވުމަށް ރައީސް ދެއްވި ޖަވާބުތަކާމެދު ހިތްހަމަޖެހޭކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

އއ. އުކުޅަހުގައި މިއަހަރުގެ މޭ މަހު ކުރިޔަށްދިޔަ ވިއަވަތި ރާއްޖޭގެ ދެވަނަ ކޮންފަރެންސްގައި ކައުންސިލު ރައީސުންނާއި އަދި އ.ތ.މ ކޮމެޓީގެ ރައީސުން މައިގަނޑު ގޮތެއްގައި ފާހަގަކުރީ މާލީ ފުދުންތެރިކަން އިތުރުކުރުމުގެ ވާހަކައެވެ.

ވިއަވަތި ރާއްޖޭގެ ދެވަނަ ކޮންފަރެންސްގެ އެންމެ ފަހު ސެޝަނުގައި ރައީސް ވިދާޅުވެފައިވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ދޫކުރާ ބަޖެޓް މިހާރަށްވުރެ ބޮޑުކުރުމަށާއި އެކޮމެޓީ މިހާރަށްވުރެ ހަރަކާތްތެރި ކޮމެޓީއަކަށް ހެއްދެވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

comment ކޮމެންޓް