ބާސާގެ ދަނޑުގައި ޕީކޭ ފަހު މެޗު ކުޅެފި، ދަނޑުން ފޭބީ އަސަރާއެކު

ޕީކޭ ބާސާއަށް ކުޅެދިން ފަހު މެޗުގެ ތެރެއިން --- ފޮޓޯ/ ބާސެލޯނާ

ދުނިޔޭގައި އުފެދުނު އެންމެ މޮޅެތި ޑިފެންޑަރުންގެ ތެރޭގައި ގުނާލެވޭ ޖެރާޑް ޕީކޭ ބާސެލޯނާގެ ދަނޑުގައި އެންމެ ފަހު މެޗު ކުޅެފިއެވެ.

އަލްމޭރިއާއާ ދެކޮޅަށް ރޭ ޕީކޭ ކުޅުނު މެޗަކީ ބާސާގެ ދަނޑުގައި އޭނާ ކުޅުނު އެންމެ ފަހު މެޗެވެ. އޭނާ ވަނީ މިދިޔަ ހަފުތާގައި ކުޅުން ހުއްޓާލާކަމަށް އިއުލާނުކޮށްފައެވެ.

ރޭގެ މެޗަށްފަހު ބާސާގެ ކުޅުންތެރިންގެ އިތުރުން ސަޕޯތަރުން ވަނީ އޭނާއަށް އަލްވަދާއުކިޔައިފައެވެ. އެގޮތުން ބާސާއަށް ޕިކޭ ކޮށްދިން ޚިދުމަތަށް އޭނާއަށް ވަނީ ހަނދާނީ ފިލައެއް ވެސް އަރުވާފައެވެ.

އެ މެޗަށްފަހު ކުޅުންތެރިންނާ ސަޕޯޓަރުންނާ މުޚާތަބުކޮށް ވާހަކަދައްކަމުން ޕީކޭ ބުނީ ބާސާއަކީ އަބަދުވެސް އޭނާގެ ގެ ކަމަށެވެ.

ރޮމުން ޕީކޭ ވާހަކަ ދައްކަމުން ބުނީ ލޯބިވާ އަދި ބޭނުންވާ ބައެއް އެއްޗިހި ދޫކޮށްލަން ޖެހުން އެއީ ދުނިޔެވީ އާދަކަމަށެވެ. ކިތަންމެ ބޭނުންނުވިޔަސް ކުޅުން ހުއްޓާލަނީ ބާސާއަށް ޓަކައިކަަމަށް ވެސް އޭނާ ބުންޏެވެ.

"އަހަންނަށް އިނގޭކަމަކީ އަދި އަހަރެން އެނބުރި އަންނާންކަަން. މި ދަނޑުން އަހަރެން ފެންނާނެ،" ޕީކޭ ބުންޏެވެ.

މެޗަށް ފަހު ޕީކޭ ސަޕޯޓަރުންނާ ކުޅުންތެރިންނާ މުހާތަބުކޮށް ވާހަކަދައްކަނީ --- ފޮޓޯ / ބާސެލޯނާ

މީގެކުރިން ޕީކޭ ވަނީ އޭނާ އެ ޓީމުގެ ރައީސްގެ މަގާމަށް ޝައުގުވެރިވާކަމަށް ބުނެފައެވެ. އަދި އެ މަގާމު ކޮންމެވެސް އެއް ދުވަހަކުން ފުރާނެކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ޕީކޭގެ ފަރާތުން ފަހަކަށް އައިސް ފެންނަ ދަށް ކުޅުމުގެ ސަބަބުން އޭނާއަށް ގިނަ މެޗުތަކުން ކޯޗު ޒަވީ ހަނާންޑޭޒް ފުރުސަތެއް ނުދެއެވެ.

ނަމަވެސް ޕީކޭ ބުނީ އޭނާއަށް ގިނަ ކުލަބު ތަކަކުން ހުށަހެޅުންތައް ލިބިފައިވާކަމަށެވެ. ނަަމަވެސް ޕީކޭ ބުނީ އޭނާ ބާސާ ނޫން ޓީމަކާ ނުގުޅޭނެކަމަށެވެ. ބާސާއިން ކުޅޭނެ ފުރުސަތު ނެތްނަމަ ކުޅުން ހުއްޓާލާނީކަމަށް ޕީކޭ ވަނީ ބުނެފައެވެ.

ޕީކޭ ފުޓުބޯޅަ ކެރިއަރު ފެށީ 2004 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑުންނެވެ. އެ ޓީމަށް އޭނާ ވަނީ 12 މެޗު ކުޅެދީފައެވެ. އަދި 2008 ވަނަ އަހަރު ބާސާއަށް ބަދަލުވެ އޭނާ ވަނީ އެ ޓީމަށް 396 މެޗު މިހާތަނަށް ކުޅެދީފައެވެ. އަދި އެ ޓީމަށް ޕީކޭ ވަނީ 29 ގޯލު ވެސް ޖަހައިދީފައެވެ. މިހާރު ޕީކޭއަކީ އެ ޓީމުގެ ދެވަނަ ކެޕްޓަނެވެ.

މެޗަށްފަހު ބާސާގެ ކުލޫންތެރިން ޕީކޭއަށް އަލްވަދާއުކިޔަނީ -- ފޮޓޯ/ ބާސެލޯނާ

ޕީކޭ ވަނީ އޭނާގެ ފުޓުބޯޅަ ކެރިއަރުގައި 33 ތަށްޓެއް އުފުލާލައިފައެވެ. އެގޮތުން މެންޗެސްޓާ ޔުނައިޓެޑާއެކު 2007/8 ވަނަ އަހަރުގެ އިނގިރޭސި ޕްރިމިއާ ލީގު އޭނާ ވަނީ ކާމިޔާބުކޮށްފައެވެ.

އޭނާގެ ކެރިއަރުގައި އެންމެ ބޮޑު ކާމިޔާބެއް ލިބުނު ބާސެލޯނާއާއެކު 30 ތަށްޓެއް ޕީކޭ އުފުލާލިއެވެ. އަށް ފަހަރެއްގެ މަތިން ލަލީގާގެ ތަށި އޭނާ އުފުލާލިއިރު ތިން ޗެމްޕިއަންސް ލީގު ވެސް އޭނާ ކާމިޔާބުކުރިއެވެ.

ޕީކޭ ވަނީ ބާސާއާއެކު ހަތް ކޮޕަޑެލްރޭ ވެސް ކާމިޔާބުކޮށްފައެވެ. އަދި ހަ ފަހަރެއްގެ މަތިން ސްޕެއިން ސުޕަ ކަޕް އޭނާ ކާމިޔާބުކުރިއިރު ޔޫއެފާ ސުޕަ ކަޕް ތިން އަހަރެއްގައި އޭނާ ވަނީ ކާމިޔާބުކޮށްފައެވެ. އަދި ފީފާ ކްލަބް ވޯލްޑްކަޕް ދެ އަހަރެއްގައި ބާސާއާއެކު ޕީކޭ އުފުލާލިއެވެ.

އޭނާ ވަނީ 2010 ވަނަ އަހަރު ސްޕެއިންއަށް ވޯލްޑްކަޕް ކާމިޔާބު ކޮށްދިނުމުގައި ބޮޑު ދައުރެއް އަދާކޮށްފައެވެ. އަދި 2012 ވަނަ އަހަރުގެ ޔޫރޯ ތަށި ވެސް އޭނާ ވަނީ ސްޕެއިންއާއެކު އުފުލާލައިފައެވެ.

comment ކޮމެންޓް