ސައިކަލެއްގައި ރޯވި އަލިފާންގަނޑު ނިއްވާލި އެމްޕީއެލްގެ މުވައްޒަފަށް ތައުރީފު

ގަރާޖެއްކައިރީ ހުރި ސައިކަލެއްގައި އަލިފާން ރޯވެ އަނދަނީ -- ފޮޓޯ/ އެމްޕީއެލް

މާލޭ ކޮމާޝަލް ހާބަރު ސަރަހައްދުގައި ހުރި ގަރާޖެއްކައިރީގައި ހުރި ސައިކަލެއްގައި އަލިފާން ރޯވުމުން އެ އަލިފާންގަނޑު ނިއްވާލި އެމްޕީއެލްގެ މުވައްޒަފަށް އެ ކުންފުނިން ތައުރީފުކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ސައިކަލެއްގައި ރޯވެ އަނދަމުންދިޔަ ވަގުތު އެތަނުގައި ފުލުހުން ވެސް ދިޔައީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް ފުލުހުންނަށްވުރެ ކުރިން އެމްޕީއެލްގެ މުވައްޒަފު، އާދަމް ޝަޒީލް ފަޔާ އެކްސްޓިންގުއިޝާއެއް ހިފައިގެން ގޮސް އަލިފާންގަނޑު ނިއްވާލައެވެ.

މިކަމާ ގުޅިގެން އެމްޕީއެލްއިން ކުރި ޓްވީޓުގައި ވަނީ، ޝަޒީލްގެ އަވަސް މަސައްކަތުން އަލިފާންގަނޑު އިތުރަށް ފެތުރުނަނުދީ ކޮންޓްރޯލްކުރެވުނު ކަމަށެވެ.

އެމްޕީއެލްގެ މުވައްޒަފުންނަކީ މިފަދަ ހާލަތްތަކުގައި ކަންކުރާނެ ގޮތުގެ ތަމްރީނު ދީފައިވަ މުވައްޒަފުންކަން އެ ކޯޕަރޭޝަނުން ފާހަގަކުރިއެވެ. އަދި ކުރިއަށްއޮތް ތަނުގައިވެސް މިފަދަ ތަމްރީނުތައް އެ ކުންފުނީގެ މުވައްޒަފުންނަށް ފޯރުކޮށްދޭނެކަމަށް އެމްޕީއެލްއިން ބުންޏެވެ.

comment ކޮމެންޓް