ނޫސްވެރިންނާ ދެކޮޅަށް ހިންގާ ކުށްތައް ހުއްޓުވައި ރައްކާތެރިކަން ފޯރުކޮށްދޭން އެމްޖޭއޭއިން ގޮވައިލައިފި

ނޫސްވެރިންނަށް ކުރާ ފުރައްސާރަޔާ އަނިޔާގެ މައްޗަށް ތަހުގީގުކޮށް އެމްޖޭއޭއިން އެކުލަވާލި ރިޕޯޓް "ޗޭސިންގް ޖަސްޓިސް" ނެރުމުގެ ހަފްލާގެ ތެރެއިން ނޫސްވެރިންތަކެއް. -- ފޮޓޯ/އެމްޖޭއޭ

ނޫސްވެރިންގެ އަޑު ކަނޑުވާލުމުގެ ބޭނުމުގައި އެ މީހުންނާ ދެކޮޅަށް ހިންގާ ކުށްތައް ހުއްޓުވައި ނޫސްވެރިންނަށް ހިމާޔަތްދިނުމަށް، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން ސަރުކާރަށް ގޮވައިލައިފިއެވެ.

ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ނޫސްވެރިންނާ ދެކޮޅަށް ހިންގާ ކުށްތަކަށް އަދަބު ނުދެވޭ މައްސަލަ ހުއްޓުވާ ދުވަހާ ގުޅިގެން އެ ޖަމިއްޔާއިން ނެރުނު ބަޔާނުގައިވަނީ، ރާއްޖޭގައި މަސައްކަތްކުރާ ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަ ކަމެއް ތަންފީޒުކުރުމަށް ގޮވައިލައިފައެވެ.

އެގޮތުން އެމްޖޭއިންވަނީ ނޫސްވެރިންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ފާޅުގައި އެންމެ ހަރުކަށި އިބާރާތުން ސަރުކާރުން ކުށްވެރިކުރަން ގޮވައިލައިފައެވެ.

ހަމައެއާއެކު ސިޔާސީ ޕާޓީތަކާއި، މީޑިއާ ރެގިއުލޭޓުކުރާ ފަރާތްތަކުން ވެސް އެ ކަންކަން ސީރިއަސްކަމާއެކު ބެލުމަށްވަނީ ގޮވައިލައިފައެވެ. އޭގެ ތެރޭގައި ޖިންސީ އަނިޔާއާއި ވަކި ޖިންސަކަށް ވީތީ ދޭ އަނިޔާގެ އިތުރުން އަދިވެސް އެ ނޫން ކަންކަމަށް ދެކޮޅު ހެދުމަށްވަނީ އިލްތިމާސްކޮށްފައެވެ.

އެއާއެކު އެމްޖޭއޭއިން ވަނީ ނޫސްވެރިންނާ ދެކޮޅަށް ހިންގާ ކުށްތައް އިންސާފުވެރިކަމާއެކު ބަލައި، މިނިވަން ތަހުގީގުތައް ހިންގޭނެ މާހައުލެއް މިހާރަށްވުރެ ބޮޑަށް ގާއިމްކޮށްދިނުމަށް ވެސް ސަރުކާރަށް ގޮވައިލައިފައެވެ.

އެ ތަހުގީގުތަކަކީ ނަތީޖާ ނެރެވޭނެ ފަދަ ތަހުގީގުތަކެއްގެ ގޮތުގައި ހެދުމަށް ވެސް އެމްޖޭއޭއިން ވަނީ އެދިފައެވެ.

ހަމައެއާއެކު އެމްޖޭއޭއިން ނެރުނު ބަޔާނުގައިވަނީ ކުށްކުރި މީހުންގެ މައްޗަށް ދައުވާކޮށް އެކަށީގެންވާ އަދަބެއް ލިބޭނެ ހަރުދަނާ އުސޫލެއް ގާއިމްކޮށްދިނުމަށް ވެސް އެދިފައެވެ.

އެއާއެކު އަނިޔާގެ ޝިކާރައަކަށްވާ ނޫސްވެރިންނާއި އެ މީހުންގެ އާއިލާތަކަށް އެހީތެރިވެދިނުމުގައި ސަރުކާރުން ބައިވެރިވުމަށް ވެސް ވަނީ އެދިފައެވެ.

"އަނިޔާގެ ޝިކާރައަކަށްވާ ނޫސްވެރިންނަށާއި، އެ މީހުންގެ އާއިލާތަކަށް އެކަށީގެންވާ އެހީތެރިކަމާއި ދޭންޖެހޭ ނަފްސާނީ ފަރުވާ ލިބޭކަން ސަރުކާރުން ކަށަވަރުކުރަންޖެހޭ. އޭގެ ތެރޭގައި ބަދަލުދިނުމާއި އިޖުތިމާއީ އިގްތިސާދީ އެހީތެރިކަމާއި ދިގު މުއްދަތަކަށް ދޭންޖެހޭ ނަފްސާނީ ފަރުވާ ހިމެނޭ،" އެ ބަޔާނުގައި ބުންޏެވެ.

މީގެ އިތުރުން އެމްޖޭއޭއިންވަނީ އޮންލައިންކޮށް ކުރާ ފުރައްސާރައާއި ބިރުދެއްކުމަށް ރައްކާތެރިކަން ހޯދައިދީ، ނޫސްވެރިންގެ ރައްކާތެރިކަމަށް އަހަންމިއްޔަތުކަން ދިނުމަށް ވެސް ގޮވައިލައިފައެވެ.

މި ކަންކަމާއެކު އެމްޖޭއޭގެ ރައީސް އަލީ ރިފްޝާން ވަނީ ނޫސްވެރިންގެ ރައްކާތެރިކަމަށް އެކަށީގެންވާ އަހަންމިއްޔަތުކަމެއް ނުދެވޭކަމަށް ވިދާޅުވެފައެވެ. އަދި ނޫސްވެރިންނަށް ލިބޭ އަނިޔާތަކަށް އިންސާފު ލިބޭކަމުގެ އިހުސާސް ނުކުރެވޭކަމަށް ވެސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ދައުލަތުގެ އިދާރާތަކަށް ގޮވާލަނީ އެމްޖޭއޭއިން މި ހުށަހަޅާ ހަ ކަންތައް ތަންފީޒުކޮށް އަމަލީ ސިފަ ގެނައުމަށް ގުޅިގެން މަސައްކަތްކުރުމަށް،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް