ދައުލަތުގެ އޮފީސްތައް ހިންގަން އިމާރާތް ކުއްޔަށް ހިފުން ހުއްޓާލުމަށް ގޮވާލައި ގަރާރެއް ހުށަހަޅައިފި

ދައުލަތުގެ އޮފީސްތަކާއި އިދާރާތަކާއި ގުދަންތައް ދައުލަތުގެ އިމާރާތްތަކަށް ބަދަލު ކުރުމުގެ އިންތިޒާމްތައް ހަމަޖައްސަން ޖެހޭ ކަމަށް ގަރާރުގައިވޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދައުލަތުގެ އޮފީސްތަކާ އިދާރާތައް ހިންގުމަށާއި ގުދަންކުރުމުގެ ބޭނުމަށް އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ދައުލަތުން ކުއްޔަށް ހިފުމަށް ގިނަ އަދަދެއްގެ ފައިސާ ހޭދަކުރަން ޖެހިފައިވާތީ އެކަން ހުއްޓާލުމަށް ގޮވާލާ ގަރާރެއް ހުށަހަޅުއްވައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ހުށަހެޅުއްވި ގަރާރުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފައެވެ.

މުއިއްޒުގެ ގަރާރުގައި ވަނީ ދައުލަތުގެ އޮފީސްތަކާއި އިދާރާތައް އަދި ގުދަންކުރުމުގެ ބޭނުމަށް އިމާރާތް ކުއްޔަށް ހިފާ، އެކަމަށް މަހަކު 8.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަ ކުރަމުންދާ ކަމަށެވެ. އެއީ އަހަރަކަށް ބަލާނަމަ 102 މިލިއަނަށް ވުރެ ގިނަ ރުފިޔާ ކަމަށް ގަރާރުގައި ވެއެވެ.

ވުމާއެކު ދައުލަތުގެ އޮފީސްތަކާއި އިދާރާތަކާއި ގުދަންތައް ދައުލަތުގެ އިމާރާތްތަކަށް ބަދަލު ކުރުމުގެ އިންތިޒާމްތައް ހަމަޖައްސަން ޖެހޭ ކަމަށް ގަރާރުގައި ވެއެވެ.

އެ ނުރަނގަޅު އާދަ ދެމިގެން ދާގޮތަށް އޮތުމަކީ ފައިސާ މެނޭޖް ކުރުމުގައި އިސްރާފު ބޮޑު، އަދި ކޮރަޕްޝަނަށް މަގުފަހިވާނެ ކަމެއް ކަމަށް ވެސް ގަރާރުގައިވެއެވެ. އަދި ދައުލަތުގެ އޮފީސްތަކާ އިދާރާތައް ހިންގުމަށް އެކަށީގެން ނުވާ ތަންތަނުގައި އެ ތަންތަން ހިންގުން ހުއްޓުވުމަކީ ބޭނުންތެރި ކަމެއް ކަމަށް ވެސް ގަރާރުގައި ވެއެވެ.

"ޚިދުމަތް ހޯދުމަށް ދާފަރާތްތަކަށް ވެސް ޚިދުމަތް ހޯދުމަށް ފަސޭހަވާނެ ގޮތަށް ދާއިމީ ހައްލެއް ހޯދުމަކީ ބޭނުންތެރި ކަމެއް،" ގަރާރުގައި ވެއެވެ.

އެކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ވިސްނުމާއި ޕްލޭނެއް އޮތްކަމަށް ނުދެކޭ ކަމަށާއި ކޮރަޕްޝަނަށް މަގުފަހިވާތީ ދައުލަތުގެ ކަމާބެހޭ އިދާރާތައް މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ހާޒިރުކޮށް އެކަމަށް އަވަސް ހައްލެއް ހޯދުމަށް ގަރާރުގައި ގޮވާލާފައިވެއެވެ.

ދައުލަތުގެ ގިނަ އޮފީސްތައް މިހާރު ހިންގަމުން އަންނަނީ ސަރުކާރުގެ ބިމެއް ކަމަށްވާ ވެލާނާގެއާއި ގާޒީ ބިލްޑިންގައެވެ. ކުރިން ދައުލަތުގެ އޮފީސްތަކެއް ހިންގަމުން އައި ހުރަވީ ބިލްޑިން ދާދި ފަހުން ވަނީ ތަޅާލާފައެވެ. ސަރުކާރާއި ދައުލަތުގެ ބައެއް ގިނަ އޮފީސްތައް އަމިއްލަ މީހުންގެ ގެތަކުގައި ދަނީ ހިންގަމުންނެވެ. އެކަމަށް ބޮޑު ހަރަދެއް ކުރަން ޖެހެއެވެ.

comment ކޮމެންޓް